ގއ.ކޫއްޑޫ ބަނދަރު ހަދައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ގއ.ކޫއްޑުގެ އިތުރުން ކަނޑުއޮތްގިރީގެ ބަނދަރު ހަދަންވަނީ ނިންމާފައެވެ. މިދެރަށަކީވެސް މަސްވެރިކަމުގައި ބޭނުންކުރާ ދެރަށަށް ވާތީ މިދެރަށުގެ ބަނދަރު ހަދައިދޭނެ ބަޔަކު ހޯދަން މިވަނީ އިއުލާންކޮށްފައެވެ.
މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މިބީލަމުގައި ބައިވެރިވެވޭނީ ރާއްޖެއާއި ސައުދީ އަރަބިއްޔާގެ ކުންފުނިތަކަށް އެކަންޏެވެ. އަދި ބީލަމުގައި ބައިވެރިވާ ރާއްޖޭގެ ކުންފުންޏަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ވާންޖެހެއެވެ.
އިއުލާނުގައި ބުނާގޮތުން ބީލަމަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށްދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ‘ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް’ އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ބިޑް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބު ކުރާ ފަރާތުން ބިޑް ސެކިއުރިޓީގެ ގޮތުގައި 2.5 މިލިއަން ރުފިޔާ ދައްކަން ވާނެއެވެ. އެހެންނަމަވެސް ކަނޑުއޮތްގިރީގެ ބަނދަރު ހެދުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރާ ފަރާތުން މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.
ބީލަމުގައި ރަޖިސްޓްރީ ކުރުމަށްޓަކައި 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. މިފައިސާ ބަލައިގަންނާނީ އޯގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް މެދުވެރިކޮށެވެ.
މިދެރަށަކީވެސް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް، ބޭނުންކުރާ ދެރަށެވެ.