English Edition
Dhivehi Edition

ގދ. ތިނަދޫގައި ކޮވިޑް-19އަށް މިއަދު 18 މީހަކު ފައްސިވެއްޖެއެވެ.

ގދ. ތިނަދޫގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 17 މީހަކާއި ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި މީހަކު ކޮވިޑް-19 އަށް ފައްސިވެ، ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 67 އަށް އަރައިފިއެވެ. މިއާއެކު އެރަށް މޮނިޓަރިން އަށް ލެވުނު ފަހުން މިއަދާ ހަމައަށް ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 219 އަށް އަރާފައެވެ.

އެރަށުގައި ފަރުވާ ލިބެމުންދިޔަ މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވި 07 މީހުންނާއެކު ޖުމްލަ 152 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިއަދު ފަތިހުގެ ވަގުތެއްގައި ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ލިބެމުންދިޔަ އެކަކު ވަނީ ނިޔާވެފައެވެ. މިއީ ތިނަދޫއިން މިހާތަނަށް ކޮވިޑް ބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ.

މިހާރު އެރަށުގެ ހާލަތަށް ބަލާއިރު ބައްޔަށް ފައްސިވެ ފަރުވާ ލިބެމުންދާ ގިނަ މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި މީހުންނެވެ. އަދި ކޮވިޑް-19ގެ ހާލަތު ދެނެގަތުމަށް މިއަދު އެރަށުގެ އެކި އަވަށްތަކުން ޖުމްލަ 500 މީހެއްގެ ރެންޑަމް ސާމްޕަލިންގ ނެގުމުގެ ހަރަކާތެއް ކުރިއަށްދިޔައެވެ.