ކޮވިޑް19 އަށް ސަރުކާރުން މިހާތަނަށް ބޮޑު ހަރަދެއްކޮށްފައިވާއިރު މި ފައިސާއިން ރައްޔިތުންނަށް ފައިދާހުރި ހޭދައެއް ކުރެވިފައިނުވާކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ކޮވިޑް ޕޮޒިޓިވްވެ، ފަރުވާ ލަސްވުމުގެ ސަބަބުން އުމުރުން 10 އަހަރުގެ މިޝްކާ މުޙައްމަދު ނިޔާވި ހަބަރާއި ގުޅިގެން އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ހެލްތް މިނިސްޓްރީ އާއި އެ މިނިސްޓްރީ ގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް ވަކިވަމުންދާތީ ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ ކޮވިޑް19އަށް މިހާތަނަށް ސަރުކާރުން3.5ބިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މިފައިސާ މިވޭތުވެދިޔަ އެއްއަހަރުދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ހޭދަކުރެވިފައި ނުވާކަން ފާހަގަކޮށް މި ބަޔާނުގައި ބުނެފައިވަނީ ކޮވިޑް ފެސިލިޓީތަކާއި ޓެސްޓް ކުރެވޭނެ ނިޒާމާއި އިތުރު ވަސީލަތްތައް އެންމެ ނުރައްކާތެރި ޙާލަތަށް ރިޢާޔަތްކޮށް ޤާއިމްކުރެވިފައި ނުވާކަމަށެވެ. .
މިހާތަނަށްވެސް ސަރުކާރުން ބުނެފައިވަނީ މުޅި ސަރުކާރުންވެސް މިކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް. އެހެންކަމުން މިކޯލިޝަނުން ޤަބޫލުކުރަނީ ހެލްތް މިނިސްޓްރީ އާއި މުޅިސަރުކާރު މިހާރު މިކަމުގައި ފެއިލްވެފައިވާ ކަމަށް” ބަޔާނުގައި ބުނެފައިވެއެވެ. އިތުރަށް ބަޔާނުގައިވަނީ ކޮވިޑް މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލާކަމަށާއި އަދި ހެލްތް މިނިސްޓަރ އަޙްމަދު ނަސމް މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ކޮލިޝަނުންވަނީ ގޮވާލާފައެވެ.