English Edition
Dhivehi Edition

ގދ. ތިނަދޫގައި ފުރަތަމަ މޮނިޓަރިންގއަށް ލެވުނު ފަހުން މިހާރު ކޮންޓެކްޓް ބަބްލް ދަށްވެފައިވާކަމަށް ތިނަދޫ ކޮވިޑް ފެސިލިޓީގެ މެނޭޖަރު ޑރ. އަޙްމަދު އާޒިމް އަބްދުއް ޝުކޫރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާއި ގުޅިގެން މިވަގުތު ތިނަދޫގެ ޙާލަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ ގދ. ތިނަދޫގައި ފުރަތަމަ މޮނިޓަރިންގއަށް ލެވުނުއިރު އެވަރެޖްކޮށް 30 އެހާކަށް ވަރަކަށް ކޮންޓެކްޓްސް އުޅޭ ކަމަށާއި އެއަދަދު މިހާރު ގާތްގަޑަކަށް 10އަށް ވުރެ ދަށުގައި ހިފެހެއްޓިފައިވާ ކަމަށެވެ.

އަދަދު 10އަށް ދަށްވެފައިވީ ނަމަވެސް މިއީ ދަށް އަދަދެއް ނޫންކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ. އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތުގެ ތެރެއިން އެއްތާވި މީހުންގެ ގޮތުގައި 10 މީހުން ފާހަގަކުރެވުނު ނަމަވެސް 10 މީހުންނަކީ ވަކިވަކި ގެތަކެއްގެގައި ދިރިއުޅޭ މީހުންނަށް ވެދާނެކަމަށާއި އެހާލަތުގައި 10 ގެއެއް ކަރަންޓީނު ކުރަން ޖެހިދާނެކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ބަލި ފެތުރުނަ ނުދިނުމަށް އިޖުތިމާއީ ގައިދުރުކަން ބަހައްޓާ އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ސަމާލުވެ އަދިވެސް ކޮންޓެކްޓްވާ މީހުންގެ އަދަދު ދަށްކުރުމަށް އާޒިމް ވަނީ އެދިލައްވާފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ފުލް ލޮކްޑައުނަކަށް ނުދިޔައަސް ކާފިއު ނޫން ގަޑިތަކުގައިވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުދިއުމަށާއި ޒަރޫރީ ބޭނުމެއްގައި ބޭރަށް ދާންޖެހޭ ހާލަތްތަކުގައިވެސް އެޗް.ޕީ.އޭ ގެ ގަވާއިދުތަކާއި އެއްގޮތަށް އަމަލުކޮށްފިއްޔާމުން މިކަމުން ވަރަށް އަވަހަށް ސަލާމަތްވެވިދާނެ ކަމަށެވެ.