English Edition
Dhivehi Edition

ގދ. ތިނަދޫގައި ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 69 މީހުން ޖޫރިމަނާކޮށްފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގދ. ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް ކާފިއު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ނިންމިފަހުން 67 ފިރިހެނުންނާއި 02 އަންހެނުން ކާފިއުގެ އުސޫލުތަކާއި ޚިލާފުވެގެން ޖޫރިމަނާ ކޮށްފައިވާކަމަށް ތިނަދޫ ޕޮލިސް ސްޓޭޝަނުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ތިނަދޫގައި ކާފިއު ހިންގުމަށް އެޗް.ޕީ.އޭ އިން ނިންމުމުގެ ކުރިން، ތިނަދޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އީ.އޯ.ސީ) އިން މިމަހުގެ ހަވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ސާލިމް އަލީ ވިދާޅުވީ އެޗް.ޕީ.އޭ ގެ އުސޫލުތަކާއި ޚިލާފުވި 51 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ތިނަދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން އެޗް.ޕީ.އޭ. އިން އާންމުކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ބޭރަށް ނުކުތުން މަނާ ކުރެވިފައިވާ ވަގުތުތަކުގައި ހުއްދަ ނެތި ބޭރުގައި އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގެ ކަންކަން ތިނަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް ނަމާދު ވަގުތަށް މިސްކިތަށް ދިއުމުގެ ހުއްދަ އޮންނާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.