English Edition
Dhivehi Edition

ގއ އަތޮޅުގެ ކޮވިޑް ފޯކަލް ޕޮއިންޓްގެ ގޮތުގައި އަޙްމަދުﷲ ޖަމީލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.

މިނިސްޓްރީ އޮފް އާރޓްސް އެންޑް ކަލްޗާގެ ސްޓޭޓް މިނިސްޓަރ މަގާމް ފުރައްވަމުން ދާ ގދ ތިނަދޫ / ގީނާ، އަޙްމަދުﷲ ޖަމީލް ގއ އަތޮޅުގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި ހަމަޖެއްސެވީ ރޭގެ ވަގުތެއްގައެވެ.

ކޮވިޑް19އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު މޮނީޓަރކޮށް އިތުރަށް ހަރުދަނާކުރުމަށް، ކޮންމެ އަތޮޅަކަށް ސަރުކާރުގެ ފަރާތުން އިސް ފަރާތެއް ކަނޑައެޅުއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެގޮތުން ފޯކަލް ޕޮއިންޓުންގެ ގޮތުގައި ހަމަޖެއްސެވީ އެއަތޮޅަކަށް ނިސްބަތްވާ ސްޓޭޓް މިނިސްޓަރުން ނުވަތަ ޑެޕިއުޓީ މިނިސްޓަރުންނެވެ.

އޮންލައިންކޮށް މިއަދު ބޭއްވުނު ގއ އަތޮޅުގެ އެޓޯލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބައްދަލުވުމުގައި ކޮވިޑް-19 ގައި މިއަތޮޅުގެ އެންމެ ފަހުގެ ހާލަތާއި ދިމާވާ ދަތިތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މިބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ ރައީސް އިބްރާހިމް ޝިހާން (ޝާހީން) އިތުރުން އަޙްމަދުﷲ ވަނީ ބައިވެރިވެފައެވެ.