English Edition
Dhivehi Edition

ގއ. ކޮލަމާފުށި ސްކޫލުގެ ފިރިހެން ދަރިވަރުންނަށް ހާއްސަކޮށްގެން “ކިޑްސް ފުޓްބޯލް ކޯޗިންގ ކޭމްޕް”ގެ ނަމުގައި ކޭމްޕެއް ފަށައިފިއެވެ.

އެސްކޫލުގެ ދަރިވަރުން ފައިދާކުރަނިވި ގޮތަކަށް ޗުއްޓީ ދުވަސްތައް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ފެށި މިކޭމްޕަކީ، ކޮލަމާފުށީ ޕޮލިސް ސްޓޭޝަނާއި ރަށު ކައުންސިލާއި އެރަށު ބާހަތު ސްޕޯޓްސް އެކަޑަމީ ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

ކޮލަމާފުށި ސްކޫލުގެ 45 ދަރިވަރުން ބައިވެރިވާ މިކޭމްޕުގެ ތެރެއިން، ފުޓުބޯޅައިގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރެވިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ އިތުރުން ކުދިން އެކުގައި އުފާވެރި މަޖާ ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް މަސައްކަތްކުރެވިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ކޭމްޕުގެ ތެރެއިން، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް މަސައްކަތްކުރާނެ ގޮތާއި ހެލިފެލިވެ އުޅުމުން ލިބިދޭ ފައިދާތަކުގެ އިތުރުން ގަޑިއަށް ފަރުވާތެރިވާނެ ގޮތާއި އެކަމުގެ މުހިންމު ކަމާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ފުޓްބޯޅައާ ގުޅޭގޮތުން ދަރިވަރުންނަށް އެނގެންޖެހޭ މުހިންމު މައުލޫމާތާއި ހުނަރުތައް ދަސްކޮށްދޭނެއެވެ.