English Edition
Dhivehi Edition

ގއ. ދާންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބަންޑް ވޯލް އެޅުމުގެ މަސައްކަތް ނިންމާލާފައި ވާކަމަށާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް 02 ޖޫން ގައި ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިން ބުނެފިއެވެ.

ދާންދޫގެ އިތުރުވަމުން އަންނަ އާބާދީއާއެކު، ރަށަށް ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި ވާތީ ސަރުކާރުން ދާންދޫ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައި ވަނީ، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ.

މިމަޝްރޫއުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އެރަށު ފަޅުން 25 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުން ހިމެނެއެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 1238 މީޓަރުގެ ސަރަޙައްދުގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތުގެ އިތުރުން 240 މީޓަރުގެ ސަރަޙައްދުގައި ހުރަސް ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއު އަކީ ސަރުކާރުގެ ބަޖެޓުން 186.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 1 އަހަރު ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.

2000 މީހުންގެ އާބާދީއެއް އޮންނަ ދާންދޫން މީގެކުރިން ވެސް ބިންހިއްކާ، ރަށަށް ޖާގަ އިތުރުކޮށްފައިވެއެވެ. އެސަރަޙައްދު ބޭނުންކުރަނީ އާއްމު އެކި ޚިދުމަތްތަކަށެވެ. ބިން ހިއްކުމުގެ މިމަޝްރޫއުއާއެކު ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެއެވެ.