English Edition
Dhivehi Edition
ގއ. ދެއްވަދޫ އިން މަހަށް ނުކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލުމުން ޑިންގީގައި ތިބި މީހުން ފަތާފައި ގޮސް ސަލާމަތުން ގއ. ވިލިގަލާއަށް އަރާފައިވަނީ ތިން ގަޑިއިރުންނެވެ.
މިހާދިސާ ހިނގާފައިވަނީ ދެއްވަދޫ އާއި ތިން މޭލު ދުރުގައި މަހަށް ގޮސް އުޅެނިކޮށް ގއ. ވިލިގަލާ އާއި ދެއްވަދޫ އާއި ދޭތެރެއަށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ޑިންގީއިން މަހަށްދިޔަ 03 މީހުން މައުލޫމާތު ދިން ގޮތުގައި ހާދިސާ ހިނގީ މަސްބާނަން ތިއްބާ ޑިންގީ ދިޔަ ބޮޑުވެގެންނެވެ. މަސްބާނަން އުޅުމުގެ ތެރޭގައި އިންޖީނުގެ ބުރަފަތީގައި ކަންވާރު އޮޅުމުން ކަންވާރު ނައްޓަން އުޅުމުގެ ތެރޭގައި ޑިންގީ ބަންޑުން ޖަހާލި އިރު، ޑިންގީ ދިޔަ ބޮޑުވަމުން ދިޔަކަމެއް ޑިންގީގައި ތިބި މީހުންނަކަށް ނޭނގެއެވެ.
ހާދިސާ ހިނގުމާއެކު ޑިންގީގައި ތިބި ތިން މީހުން ފަތާފައި ގޮސް ވިލިގަލާއަށް ވަނީ އަރާފައެވެ. ހާދިސާ ހިނގި ގަޑިއަކީ ކޮންމެވެސް ވަރަކަށް މޫސުން ގޯސް ވަގުތެކެވެ. ޑިންގީގައި ތިބި މީހުން މައުލޫމަތު ދިން ގޮތުގައި ވިލިގަލާއަށް ފަތާފައި އެރުމަށް ތިން ގަޑިއިރު ވީކަމަށެެވެ.