ޒަމާނަށް އައިސްފައިވާ ބަދަލާ އެކު ގިނަ ގޭގޭގެ ފާޚާނާ ތަކުގައި މިހާރު ފެންވަރަން ބޭނުންކުރަނީ ހޫނު ފެނެވެ. ދުވާލުގެ ބުރަ މަސައްކަތަށް ފަހު ހޫނު ފެނުން ފެންވެރުމުން ހަށިގަނޑަށް ވަރަށް އަރާމު ވެފައި ވަރުބަލިކަމުގެ އިޙްސާސް ދުރުކޮށްދޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ވަކިން ޚާއްޞަކޮށް ފަތިހުގެ ފިނީގައި ފެންވަރަން އުނދަގޫ މީހުންނަށް މީގެ ސަބަބުން އޮންނަނީ މައްސަލަ ހައްލުވެފައެވެ. ބައެއް މީހުން ތާފަނާ ފެނުގައި ފެންވަރާއިރު ބައެއް މީހުންނަށް ރަނގަޅީ ކެކިކެކި ހުންނަ ވަރަށް ހޫނުފެނުން ފެންވެރުމެވެ. އެހެން ނަމަވެސް މިފަދަ ހޫނުގަދަ ފެނުން ފެންވެރުމުން ހަށިގަނޑަށް ލިބޭ ވަގުތީ އަރާމަށް ވުރެ ދާއިމީ ގޮތަކަށް ހަށިގަނޑަށް ލިބިގެންދާ ގެއްލުން ބޮޑުކަމަށް ސިއްޙީ މާހިރުން ވަނީ ބުނެފައެވެ.
އިސްތަށިފޭބުން( ތަލަވުން) : އާދަވެގެން ހޫނު ފެނުން ފެންވަރާ ނަމަ ބޮލުގެ އިސްތަށި ފޭބުން ގިނަ ވެ ތަލަ ވުމުގެ ފުރުސަތު ބޮޑުވެއެވެ. ސަބަބަކަށް ވަނީ ހޫނުފެންތިކިތައް ބޮލުގެ އިސްތަށިތަކުގެ ބުޑުގައި ޖެހިޖެހި އިސްތަށީގެ ބުޑު ހަލާކުވާތީއެވެ.
ހަންގަނޑު ކުރަކިވެ ހަލާކުވުން: ހޫނު ފެނުން އާދަވެގެން ފެންވެރުމުން ހަންގަނޑުގައި ހުންނަ ތެތްކަން ކެނޑި ހަންގަނޑު ހިކެއެވެ. އަދި ވަކިން ޚާއްޞަކޮށް ހަމުގެ ތަފާތު މައްސަލަތައް ހުންނަ މީހުން ހޫނުފެނުން ފެންވެރުމުން ހަމުގައި ބިހި ނެގުމާއި އެލާޖިކް ވުމުގެ އިތުރުން ހަންގަނޑު ހިރުވުން ފަދަ އުނދަގޫތަކާއި ކުރިމަތިވެއެވެ. މީގެ އިތުރަށް އާދަވެގެން ހޫނު ފެނުން ފެންވެރުމުގެ ސަބަބުން ހަންގަނޑުގައި އަވަހަށް ރޫޖެހި ހަންގަނޑުގައި ހުންނަ ވާންކަން ކެނޑި ހަންގަނޑު އެލޭގޮތް ވެއެވެ.
ކަންނެތް ވުން: ހޫނު ފެނުން ފެންވެރުމުން ހަށިގަނޑަށްލިބޭ އަރާމެއްގެ ސަބަބުން ފެންވަރާ ނިމޭއިރަށް ނިދި އަންނަ ގޮތްވެއެވެ. އޭގެ ސަބަބުން ހެނދުނު އޮފީހަށް ދާން ފެންވަރައިގެން ނިކުންނަ ގޮތަށް ނިދި މޫޑްގައި ދުވާލުގެ މަސައްކަތް ފަށަން ޖެހޭ ގޮތް ވެއެވެ.
ލޭގެ ޕްރެޝަރު މަތިވޭ: ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ ހުންނަ މީހުންނާއި ހިތުގެ ބަލިމީހުން ހޫނުފެނުން ފެންވެރުން އެއްގޮތަކަށް ވެސް ބުއްދިވެރި ނޫން ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އަދި އެފަދަ މީހުން ހޫނުފެނުން ފެންނުވެރުމަށް ވެސް ބުނެއެވެ. ސަބަބަކީ ފެނުގައި ހުންނަ ހޫނު މިންވަރުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވާތީއެވެ.
މީގެ އިތުރުން ދެން އޮތީ މާ ބޮޑަށް ވެސް ބިރުވެރި ވާހަކައެކެވެ. ދާދި ފަހުން ކުރި ސައިންޓިސްޓުންތަކެއް ކުރި ދިރާސާއަކުން އެނގު ގޮތުގައި ގާތްގަނޑަކަށް 30 މިނެޓް ވަންދެން ކޮންމެ ދުވަހަކު ހޫނުފެނުން ފެންވަރާނަމަ ދަރިމައިވުމަށް ހުރަސް އެޅޭކަމަށް ވެއެވެ. އެހެންކަމުން ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޑޮކްޓަރުން ވަނީ ގޮވާލާފައެވެ. ޚާއްޞަ ކޮށް ބާތް ޓަބްގައި ހޫނުގެނުގައި ގިނަ އިރު އިނުން ބުއްދިވެރި ނޫން ކަމަށް ޑޮކްޓަރުން ލަފާދެއެވެ.