ހަށިގަނޑުގެ ބައެއް ގުނަވަން ތަކުގައި ތެޔޮދަމާފައި މަސާޖު ކުރުމަކީ އާންމު ކަމެކެވެ. އެހެނަސް ފޫޅުގައި ތެޔޮ ހާކާފައި ފޫޅު މަސާޖު ކުރުމަކީ އާންމު ކަމަކަށް ނުވެދާނެއެވެ. ދިރާސާތަކުން ބުނާ ގޮތުގައި ފޫޅު މަސާޖު ކުރުމަކީ ހަށިގަނޑުގެ ގިނަ ކަންކަން ހަމަޔަކަށް އަޅުވައިދޭ ކަމެކެވެ.
ފަހުގެ ދިރާސާތަކުން ބުނާގޮތުގައި ފޫޅު މަސާޖު ކުރުމަކީ ހިތަށް ވެސް ނުގެނެވޭ ފަދަ ގިނަ މައްސަލަތައް ހައްލު ކޮށްދޭ ކަމެކެވެ. ފޫޅަކީ ކޮންމެ އިންސާނަކުވެސް ދުނިޔެ އަށް އުފަން ވުމާ ހަމައަށް، އެ ދަރިފުޅުގެ ފޫޅު މައިމިހާގެ ފޫޅާގުޅި ބަނޑުގައިވާ ދުވަސްވަރު އޭގެން ދަރިފުޅަށް އޮކްސިޖަން އަދި ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ލިބުމަށް މެދުވެރި ކުރުވާ ގުނަވަނެކެވެ. ކުއްޖާ ދުނިޔެ އަށް އުފަން ވުމާއެކު ފޫޅު ކަނޑާލާ ހިސާބުން ފޫޅުގެ ބޭނުން ކެނޑެއެވެ.
ފޫޅު މަސާޖު ކުރުމުން ލިބޭފައިދާ ތަކުގެ ތެރޭގައި، ފޫޅުގައި ތެޔޮ އުނގުޅާފައި މަސާޖު ކުރުމުން ސިކުނޑި ތާޒާކޮށް ބޯ ހަމަ ޖައްސައި ދިނުން. ފޫޅުގައި ތެޔޮ އުނގުޅުމުން ހަންގަނޑަށް ފެތުރި ހަންގަނޑު ރީތި ކޮށްދިނުން. ހުޅު ހުޅުގައި މައްސަލަ ހުންނަ މީހުންގެ ހުޅު ހުޅު ރިއްސުމުގެ މައްސަލައަށް ހައްލު ލިބުން، ލޯކައިރީގައި ހުންނަ ނާރުތަކަށް ފަރުވާ ލިބި ލޮލުން ދިލަނެގުމުގެ މައްސަލަ ހައްލުވުން، އަދި ލޯ ހިކުން ދުރުކޮށް ދިނުން. ދަރިމައި ވުމުގެ މައްސަލަތަކަށް ހައްލު ލިބުން، އިސްތަށިގަނޑު ރީތި ކޮށްދީ ނުރަވުމުން ދުރުކޮށްދޭ، އަދި ގަވައިދުން ފޫޅު މަސާޖު ކުރާނަމަ ބަނޑު ހަރުވުމާއި ހަޖަމް ކުރުމުގެ މައްސަލަތަކަށް ހައްލު ލިބިގެން ދާކަމަށް ހޯދުން ތަކުން ދައްކައެވެ.
ފޫޅުން ނުބައި ވަސްދުވާ ނަމަ އެއީ ފޫޅު ތެރޭގައި އިންފެކްޝަނެއް އުފެދިފައިވާ ކަމުގެ ހެއްކެވެ. ބައެއްފަހަރު ސާފު ނުކުރުމުން ވެސް ވަސް ހިފާފައި ހުންނަ ކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި ވަސް ދުވުމުގެ އަނެއް ސަބަބަކަށް ހަކުރުބަލި ހުރުން އަދި އާދަޔާ ހިލާފަށް ފަލަ ވުމުގެ ސަބަބުން ވެސް ވަސް ހުރުމަކީ ވެދާނެކަމެކެވެ.
ހަށިގަނޑުގެ އެހެން ގުނަވަންތައް ފަދައިން ފޫޅު ސާފު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. 2012ވަނަ އަހަރު ހޯދިފައިވާ ހޯދުން ތަކުން ބުނާގޮތުގައި ފޫޅު ތެރޭގައި 67 ވައްތަރުގެ ބެކްޓީރިއާ އެއް އުފެދެއެވެ. ގިނަ މީހުންގެ ފޫޅު ތެރެ ހުންނަ ގޮތުން ބެކްޓީރިއާތައް އަށަގަންނަން ފަސޭހަ ވެއެވެ. މި ދިރާސާގައި ބުނާ ގޮތުން ހަފްތާ އަކު އެއްފަހަރު ފޫޅު ސާފު ކުރަންޖެހެއެވެ.
ފޫޅު މަސާޖު ކުރަން، ފޫޅުގެ ތެރެއަށް ތެޔޮ ފޮދެއް އަޅާލާށެވެ. ދެން ވަށް ބުރަކަށް ވާ ގޮތަށް 5-10 މިނެޓަށް މަޑު މަޑުން މަސާޖު ކުރާށެވެ. މިގޮތަށް ކޮންމެ ރެޔަކު ނިދުމުގެ ކުރިން ނޫނީ ފެން ވެރުމަށްފަހު މަސާޖު ކުރާނަމަ ނަތީޖާ ފެނިގެން ދާނެއެވެ.