English Edition
Dhivehi Edition

ބޮލުން އިސްތަށިފައިބައި ތަލަވުމަކީ ފިރިހެންނުންގެ އިތުރުން އަންހެނުންނަށް ވެސް ކުރިމަތިކުރުވާ ހިތްދަތި ކަމެކެވެ. ބައެއް ފަހަރު އުމުރުން ދުވަސްވުމުގެ ސަބަބުން ތަލަވާން ފެށި ނަމަވެސް ޒުވާން އުމުރުގައި ވެސް މި މައްސަަލަ ދިމާވާ މީހުން މަދެއްނޫނެވެ. ތަލަވުމަށް ދިމާވާ ސަބަބު ތަކުގެ ތެރޭގައި އެކިކަހަލަ ބަލިތަކަށް ބޭނުން ކުރާ ބޭހާއި ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބު ހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ބޮލުން އިސްތަށި ފައިބައި ތަލަވުމުގެ ބިރު ހީވާނަމަ އެކަމަށް އެންމެ ރަނގަޅު އެއްފަރުވާ އަކީ ލޮނުމަދެވެ! ލޮނުމަދުގެ ސަބަބުން ތަލަވުމުން ދުރުކޮށްދީ އިސްތަށިގަނޑު ވަރުގަދަވެސް ކޮށްދޭ ކަމަށް ވެއެވެ.

ލޮނުމަދު ބޭނުންކުރާނީ ކޮން ގޮތަކަށް؟

މި ފަރުވާ 3 ގޮތަކަށް ބޭނުން ކުރެވިދާނެއެވެ. ތިރީގައި މި ވަނީ ލޮނުމަދު ފަރުވާ ތައްޔާރުކުރެވިދާނެ ގޮތްތަކެވެ.

1- ލޮނުމަދު ޖޫހާއި ކާށިތެތެޔޮ:

ތަލަވުމުން ދުރުވާން ބޭނުންނަމަ ލޮނުމަދު ޖޫހާއި ކާށިތެޔޮ އެއްކޮށްގެން ބޭނުންކުރެވިދާނެއެވެ. ލޮނުމަދު ޖޫސް ތައްޔާރުކޮށްލުމަށް ބޭނުންވަނީ ހެޔޮވަރުގެ 8 ލޮނުމަދެވެ.

އެންމެފުރަތަމަ ލޮނުމަދު ގެ ތޮށި ނޮޅާލުމަށްފަހު އެ ފިއްތާލައިގެން އޭގެ ދިޔަ ނަގާށެވެ. ކުޑަކޮށް ޗަސްކޮށްލައިގެން ސާފު ފޮތިކޮޅަކަށް އަޅައިގެން ވެސް ދިޔަފެލިދާނެއެވެ. އެއް ސައިސަމުސާގެ ލޮނުމަދު ދިޔައިގެ ތެރެއަށް ހަމައެހާވަރަށް ހުރި ކާށި ތެޔޮ އެއްކޮއްލާށެވެ. އަދި ބޯތައްޓަކަށް އެއްކުރި ލޮނުމަދާއި ކާށިތެޔޮ އަޅައި އޭގެ ތެރެއަށް ކުޑަ ތާފަނާ ފެންފޮދެއް އެއްކޮށްގެން ރަނގަޅަށް ގިރާލާށެވެ. ދެން އިސްތަށިގަނޑުގެ ބުޑުގައްޔާއި ތަލައިގައި މަޑުމަޑުން މި ޖޫސް ހާކަމުން 15 ވަރަކަށް މިނެޓްވަން ދެން މަސާޖުކުރާށެވެ. އެއަށްފަހު 20 މިނެޓްވަންދެން މަޑުކޮށްލާށެވެ. އޭގެ ފަހުން އިސްތަށިގަނޑު ރީތިކޮށް ދޮވެލާށެވެ. އަދި މި ގޮތަށް ހަފްތާއަކު 3 ފަހަރު މި ފަރުވާ ނަގާށެވެ.

2- ލޮނުމަދު ޖޫހާއި މާމުއި:

ލޮނުމަދު ޖޫހާއި މާމުއި އަކީވެސް އިސްތަށި ވަރުގަދަކޮށް ބޫސްޓްކޮއްލަދޭ ފައިދާހުރި އެއްޗެކެވެ. މި އަށް ވެސް ބޭނުންވަނީ ކުރިން ބުނިގޮތަށް ލޮނުމަދުން ދިޔަފެލުމަށެވެ. އަދި އެއްސަމުސާ ލޮނުމަދު ޖޫހާއި ހަމަ އެހާވަރަށް މާމުއި އެއްކޮއްލާށެވެ. ދެން އިސްތަށިގަނޑުގެ ބުޑުގައްޔާއި ތަލައިގައި މަޑުމަޑުން މި ޖޫސް ހާކަމުން 15 ވަރަކަށް މިނެޓްވަން ދެން މަސާޖުކުރާށެވެ. އެއަށްފަހު 20 މިނެޓްވަންދެން މަޑުކޮށްލާށެވެ. އޭގެ ފަހުން އިސްތަށިގަނޑު ރީތިކޮށް ދޮވެލާށެވެ. އަދި މި ގޮތަށް ހަފްތާއަކު 3 ފަހަރު މި ފަރުވާ ނަގާށެވެ.

3- ލޮނުމަދު ތެޔޮ:

އިސްތަށިގަނޑު ވަރުގަދަކޮށް ތަލަވުމުން ދުރުވުމަށް ލޮނުމަދު ތެޔޮ ބޭނުންކުރާ އިރު ފިހާރަތަކުގައި ވިއްކަން ހުންނަ ގާލިކް އެސެންޝިއަލް ތެޔޮ އިސްތަށިގަނޑުގައި ބޭނުން ނުކުރާށެވެ. ސަބަބަކީ ބޮލުގެ ހަންގަނޑަކީ ނާޒުކު ހަމަށް ވެފައި މި ތެލަކީ ވަރަށް ބާރުގަދަ އެއްޗަކަށް ވުމުން ހަންގަނޑަށް ގެއްލުމެއް ވެދާނެތީއެވެ.

އިސްތަށިގަނޑަށް ފައިދާ ވާނީ އަމިއްލައަށް ތައްޔާރުކުރާ ލޮނުމަދު އިންފިއުސްޑް އޮއިލް އިންނެވެ. މިއީ ފަސޭހައިން ތައްޔާރުވެވޭނެއެއްޗެކެވެ. މި ތެޔޮ ތައްޔާރުކުރުމަށް އެންމެފުރަތަމަ ލޮނުމަދުގެ ތޮށި ނޮޅާލުމަށްފަހު ލޮނުމަދު ކުދިކޮށް ކޮށާލާނީއެވެ. އަދި ކުޑަ ޒައިތޫނި ފޮދެއް ހޫނުކޮށްލާފައި އެ ތެޔޮފޮދަށް ލޮނުމަދުކޮޅު އަޅާފައި ބަހައްޓާށެވެ. ޒައިތޫނި ތެޔޮ ހުންނަން ވަނީ ބޭނުންކުރި ކޮންމެ ލޮނުމަދަކަށް އެއްސަމްސާ ތެޔޮ ވާ ވަރަށެވެ.

މި ތެޔޮ ތައްޔާރުކުރުމަށްފަހު ބޭނުންކުރުމުގެ ކުރިން، މަތި ބަންދުކޮށް އައިސްއަލަމާރީގެ ކަނެއްގައި ފޮރުވާފައި 2 ހަފްތާ ވަންދެން ބަހައްޓާށެވެ. އޭގެ ފަހުން މި ތެޔޮ ބޭނުންކުރަން ފެށިދާނެއެވެ.

މި ތެޔޮވެސް އިސްތަށިގަނޑުގެ ބުޑުގައްޔާއި ތަލައިގައި މަޑުމަޑުން ހާކަމުން 15 ވަރަކަށް މިނެޓްވަން ދެން މަސާޖުކުރާށެވެ. އެއަށްފަހު 20 މިނެޓްވަންދެން މަޑުކޮށްލާށެވެ. އޭގެ ފަހުން އިސްތަށިގަނޑު ރީތިކޮށް ދޮވެލާށެވެ. އަދި މި ގޮތަށް ހަފްތާއަކު 3 ފަހަރު މި ފަރުވާ ނަގާށެވެ.