މާ ބޮޑަށް ބަދަލު ގެނެސްފައި ހުންނަ ކާބޯތަކެތި ނުވަތަ އަލްޓްރާ ޕްރޮސެސްޑް ފުޑް މި ޚިޔާލު ނުވަތަ ކޮންސެޕްޓް އެންމެ ފުރަތަމަ މީހުންގެ ސަމާލުކަމަށް ގެނައީ ބްރެޒިލްގެ ސައިންޓިސްޓެއް ކަމަށްވާ ޑރ. ކާލޮންސް މޮންޓެއިރޯއެވެ. 2009 ވަނަ އަހަރު ކާލޮންސްގެ ނިއުޓްރިޝަނިސްޓުންގެ ޓީމަކުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ބްރެޒިލްގެ އާބާދީއަކީ ހަކުރާއި ތެޔޮ ނިސްބަތުން މަދުން ބޭނުންކުރާ ބަޔަކު ދިރިއުޅޭ ޤައުމެއް ކަމުގައި ވީނަމަވެސް ފަލަވުމާއި ޓައިޕް 2 ޑައިބެޓީޒް ފަދަ ބަލިތަކުގެ އަދަދު އެ ޤައުމުގައި ދިޔައީ އިތުރުވަމުންނެވެ. އެމީހުންނަށް ހޯދުނު ގޮތުގައި މިކަން މިހެން ދިމާވާން މެދުވެރިވި މައިގަނޑު ސަބަބަކީ ހަކުރާއި ތެޔޮ އަދި ތަފާތު ވައްތަރުގެ ކެމިކަލް ހިމެނޭ ކާތަކެތި ބޭނުން ކުރުމެވެ. މީގެ ތެރޭގައި ތައްޔާރީ ކާނާއާއި ލުއިކާނާ ހިމެނެއެވެ. އަލްޓްރާ ޕްރޮސެސްޑް ތައްޔާރީ ކާތަކެއްޗަކީ މައިގަނޑު ގޮތެއްގައި އޭގައި މަސްނޫއީ 4 ނުވަތަ 5 ބާވަތުގެ އިންގްރީޑިއަންޓްސް ހިމެނޭ އެއްޗިއްސެވެ. މިފަދަ ކާތަކެތި ތައްޔާރުކުރުމަށް ޢާއްމުގޮތެއްގައި ބޭނުންކުރަނީ ޤުދްރަތީ ނޫން (މަސްނޫއީ) ކުލަ އާއި ރަހަތަކެވެ. މިތަކެތި ތައްޔާރުކޮށްފައި ހުންނަނީ ވިޔަފާރިވެރީންނަށް މަންފާވާނެހެން ގިނަ ދުވަހަށް ބަންދުކޮށްފައި ފިހާރާތަކުގައި ބެހެއްޓޭ ގޮތަށެވެ.
އާޓިފިޝަލްކޮށް ބަދަލު ގެނެސްފައި ހުންނަ އަލްޓްރާ ޕްރޮސެސްޑް ކާތަކެތީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ގިނަ ހަކުރާއި މަދު ނަރެވެ. ހައިޝުގަރ ބޭނުންކުރަނީ ރަހަމީރުކުރުމަށެވެ. ނަރުލީ މަދު ކާނާ ނުވަތަ ލޯ ފައިބަރ ބޭނުންކުރަނީ ކާތަކެތި ހަރުތަކުގައި ގިނަ ދުވަހު ބެހެއްޓުމަށްޓަކައެވެ. ހަކުރުގެ މާއްދާތައް ގިނައިން ހުންނަ ތަކެތި ބޭނުންކުރުމުން ހަކުރު، ގްލޫކޯޒް، ފްރަކްޓޯޒް، ސުކްރޯޒް އަދި ޑައިޖެސްޓިވް ސްޓާޗް ގޮހޮރުގެ ފުރަތަމަ ފަށަލައަށް އަވަހަށް ގެންދެއެވެ. ނަތީޖާއަކީ ދައުރުވެގެންދިޔަ ހަކުރު ސީދާ ލިވަރ އަށް ނުވަތަ ޗިސްމޭ އަށް ދިޔުމެވެ. މީގެ ސަބަބުން ލިވަރއަށް މި އިތުރުވި ހަކަތަ ބޭނުންކުރަން މަޖުބޫރުވެ، އެ ހަކަތަ ފެޓްސް އަށް ބަދަލުވެއެވެ. ލިވަރ އަށް ދާ ހަކަތަ ފެޓްސް އަށް ބަދަލުވުމުގެ ނަތީޖާއަކީ ތަފާތު އެކި ބަލިތަކާ ކުރިމަތިވުމެވެ. ޚާއްޞަކޮށް ގައިން ގަޔަށް ނާރާ ދިގު މުއްދަތަކަށް ޖެހޭ “ކްރޮނިކް މެޓަބޮލިކް ބަލިތައް” މެދުވެރިވުމަށް މަގުފަހިވުމެވެ. އޭގެތެރޭގައި ހަކުރުބަލި، ހިތުގެ ބަލިތައް، ފެޓީ ލިވަރ އަދި ޕޮލިސިސްޓިކް އޮވޭރިއަން ބަލި ފަދަ ހަށިގަނޑަށް ނުރައްކާތެރި ބަލިތައް ހިމެނެއެވެ. މިއާ ޚިލާފަށް ހަށިގަނޑަށް ފައިދާހުރި މަސްނޫއީ މާއްދާތައް ނުހިމެނޭ ޤުދްރަތީ މާއްދާތައް އެކުލެވޭ ތަކެތި ބޭނުންކުރުމުގެ ސަބަބުން ގައިގައި ސަރުބީ ޖަހާ މިންވަރު މަދުވެއެވެ.
އަލްޓްރާ ޕްރޮސެސްޑް ކާތަކެތީގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި “އިމަލްސިފަޔަރ” އާއި “ޒެންތަމް ގަމް” ފަދަ ތަކެތި ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑަށް ނުރައްކާތެރިކަން އިތުރުވެއެވެ. އިމަލްސިފަޔަރ އަކީ އަޅުގަނޑުމެން ދިވެހީންވެސް ކޮންމެ ދުވަހަކު ކާން ބޭނުންކުރާ ތަފާތު ވައްތަރުގެ ސޯސްތަކާއި، ޕާނާއި، މާޖަރިން ފަދަ ތަކެތީގައި ހިމެނިފައިވާ މާއްދާއެކެވެ. ހަށިގަނޑަށް ގެއްލުންހުރި މިފަދަ މާއްދާތައް ބޭނުންކޮށްގެން އުފައްދާފައި ހުންނަ ކާތަކެތި ބޭނުންކުރުން މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ ތެރޭގައި ތައްޔާރީ ކާތަކެތި ގަތުމުގެ ބަދަލުގައި ވަގުތު އޮއްވައި ގޭގައި ކާތަކެތި ތައްޔާރުކުރުމާއި ކައްކަން ބޭނުންކުރާ ތަކެއްޗަކީ މަސްނޫއީ މާއްދާތައް މަދު ތަކެތި ބޭނުންކުރަން އާދަކުރެވިދާނެއެވެ. ހަމައެއާއެކު ކޮންމެ ވަގުތެއްގެ ކެއުމަށް ކާ އެއްޗެހި ގަތުމުގެ ބަދަލުގައި ކުޑަކުޑަ ކެއްކުންތަކުން މިއާދަތައް ފެށިދާނެއެވެ. މިސާލަކަށް ހެނދުނުގެ ސަޔަށް ތެޔޮ ހެދިކާ އާއި ފޮނިރަހަ ގަދަ ބިސްކޯދު ފަދަ ތަކެތި ގަތުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް އެންމެ ފަސޭހައިން ލިބޭ ތާޒާ މަހާއި ކޮޕީފަތް ފަދަ ތަކެތި ބޭނުންކޮށްގެން ސޭންޑްވިޗެއްވެސް ހެދިދާނެއެވެ. މާ ޚަރަދު ކުޑަވެފައި ފައިދާ ބޮޑުވާނެއެވެ. މައިލޯ ޕެކެޓާއި ތަފާތު އެކި ފާޑުފާޑުގެ ކެމިކަލްގެ ބާވަތްތައް ހިމެނޭ ބުއިންތަކުގެ ބަދަލުގައި ސާފު ބޯފެންވެސް މާ ރަނގަޅުވާނެއެވެ. ފައިދާހުރި ތަކެތި ހޯދުން ނުވަތަ ގަތުން ދަތިނަމަ އެފަދަ ތަކެތީގެ ބަދަލުގައި ބޭނުންކުރާ ހަށިގަނޑަށް ގެއްލުންހުރި ކާނާތަކުން ދުރުވުމަށް މަސައްކަތްކުރެވިދާނެއެވެ. އެއީ މިފަދަ ތަކެތީގައި އާދަޔާ ޚިލާފަށް ގިނައިން ސެޗުރޭޓަޑް ފެޓްސްއާއި، ލޮނާއި، ހަކުރު ހިމެނޭތީ އެވެ. މިފަދަ ތަކެތި ތަކުރާރުކޮށް ގިނައިން ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގައި ކޮލެސްޓްރޯލް ގިނަވެ ތަފާތު ބަލިތަކާ ކުރިމަތިލާންޖެހެއެވެ.
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ތަރުތީބުކުރަމުން އަންނަ ގޮތަށް ބަލާއިރު، ދުވަހެއްގެ މައްޗަށް ލިބިފައި އޮންނަ ސައުވީސްގަޑިއިރު މަދުވެފައި، ކޮންމެ މީހެއްގެ ދިރިއުޅުމަކީވެސް އާދަޔާޚިލާފަށް އަވަދިނެތި ބުރަކޮށް އުޅެންޖެހޭ ވަގުތުތަކަކަށް މިވަނީ ވެފައެވެ. އެހެންކަމުން ދިރިއުޅުމުގެ ޟަރުރީ ބޭނުންތައް ފުރިހަމަކުރުމަށް ދެވޭ ވަގުތާއި އަހުމިއްޔަތު މިވަނީ ކުޑަވެފައެވެ. މިގޮތުން ތިމާގެ ނަފުސަށް އަދާކުރަންޖެހޭ އެންމެ އިސް ވާޖިބު އަދާކުރުމަށް ނުކުޅެދި، ހެނދުނުގެ ނާސްތާއިން ފެށިގެން ރޭގަނޑުގެ ނިދުމާ ހަމައަށް ކާން ބޯން ބޭނުންކުރާ ތަކެއްޗަކީ ފިހާރަތަކުގެ ހަރުތަކުގައި ހުންނަ ބަންދުކުރި، އޭގައި މަސްނޫއީ މާއްދާތައް އެކުލެވިފައިވާ ތައްޔާރީ ކާތަކެއްޗަށް މިވަނީ ވެފައެވެ. މިފަދަ ތަކެތީގެ ތެރޭގައި ސޮސިޖާއި، ކާބޮނޭޓެޑް ޑްރިންކްސް، ރެޑީމޭޑް ސޫޕް އަދި ނާސްތާއަށް ބޭނުންކުރާ ގޮވާން އޮށް ބްރެކްފާސްޓް ސީރިއަލް ފަދަ ތަކެތިވެސް ހިމެނެއެވެ.
ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާގައި ބޭނުންކުރާ ގޮވާންތަކާއި ޕްލާސްޓިކް ކޮތަޅުތަކުގައި ބަންދުކޮށްފައި ހުންނަ ޕާންވެސް އަލްޓްރާ ޕްރޮސަސްޑް ފުޑް މި ގިންތީގައި ހިމެނޭނެތޯއެވެ. އާދެ! ހިމެނެއެވެ. އެއީ އޭގައިވެސް “އިމަލްސިފަޔަރ” އާއި ކެމިކަލުން އުފައްދާ ކުލަ އާއި ރަހަ މީރުކުރުމަށް އެއްކުރާ ތަފާތު އެޑިޓިވްސް އާއި ރަހަތައް ބޭނުންކޮށްފައިވާތީއެވެ. ކަން މިހެން ހުރި ނަމަވެސް މިފަދަ ތަކެތި ބޭނުންކުރުން އެއްކޮށް ހުއްޓާލެވިދާނެތޯ މިއީ ހިތައް އަރާފާނެ މުހިއްމު ސުވާލެކެވެ. އެއީ ދިވެހިރާއްޖެއަކީ ޤުދްރަތީ މައުޛަންތައް މަދު، ދަނޑުވެރިކަން މަދުންކުރާ ޤައުމަކަށްވާތީއެވެ. ނަމަވެސް މެދުމިނެއްގައި ހިފެހެއްޓޭނެހެން މިފަދަ ބަންދުކުރެވިފައި ހުންނަ ތަކެތި ބޭނުންކުރުން މަދުކުރެވިދާނެއެވެ. އަދި މިފަދަ ތަކެތި ގަންނަން މަޖުބޫރު ވާ ޙާލަތްތަކުގައި ބޭރުގައި ލިޔެފައި ހުންނަ އިންގްރީޑިއަންޓް ލިސްޓު ރަނގަޅަށް ބެލުމަށްފަހު ހަކުރާއި، ލޮނާއި އަދި ސެޗުރޭޓިޑް ފެޓްސް ގިނައިން ހިމެނޭތަކެތި ގަތުން މަދު ކުރެވިދާނެއެވެ. މިސާލަކަށް ރަހަލެއްވި ޔޯގަޓެއް ގަތުމުގެ ބަދަލުގައި އާދައިގެ ޔޯގަޓެއް ގަނެ އޭގެ ތެރެއަށް މޭވާކޮޅެއް ކުދިކޮށް ކޮށައިގެން އަޅައިގެން ބޭނުންކުރެވިދާނެއެވެ. އަދި ހެނދުނާއި ހަވީރު ކޮފީ ނުވަތަ ސައި ބޯ ވަގުތު ތަކުގައި ހެދިކާ ގަތުމުގެ ބަދަލުގައި ފަސޭހައިން ލިބޭ މަދު (ނަޓްސް) ބޭނުންކުރަން އާދަކުރެވިދާނެއެވެ.
ޞިއްޙަތަށް ރައްކާތެރިވުމަކީ ކޮންމެ ނަފްސެއްގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި ދެކިގެން، މަސްނޫއީ މާއްދާތައް މަދުން ހިމެނޭ ތަކެތި ކެއުމާއި ބުއިން އިސްކުރުމަކީ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް އެޅޭ ފިޔަވަޅެއްކަމުގައި ދެކޭނަމަ ހަށިގަނޑު ދުޅަހެޔޮވެފައި ދިރިއުޅުން ފަސޭހަވާނެއެވެ.