ގއ. ވިލިނގިލީގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 08 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 50 އަށް އަރާފައިވާ ކަމަށް ވިލިނގިލި އީ.އޯ.ސީ އިން މިރޭ ހާމަކޮށްފިއެވެ.
ވިލިނގިލި އީ.އޯ.ސީ އިން މިރޭ ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 24 ގަޑިއިރު ތެރޭގައި ވިލިނގިލީގައި ޖުމްލަ 08 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، މިހާތަނަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު 53 ކަށް އަރައެވެ. މީގެ ތެރެއިން 03 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މިވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 50 އަށް އަރައެވެ.
ވިލިނގިލީގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ޓެސްޓް ކުރުމަށް 79 ސާމްޕަލެއް ރިލީޒިން ސާމްޕަލް ގޮތުގައި ނަގައިފައިވާ އިރު ޖުމުލަ 10 ސާމްޕަލެއް ނެގެޓިވްވެ، 8 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. އަދި 61 ސާމްޕަލެއް ޕެންޑިންގައިވާ ކަމަށް މިރޭ އީ.އޯ.ސީ ސެޝަންގައި ވަނީ ހާމަކޮށްފައެވެ.
ވިލިނގިލީގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނައިރު، ކޮވިޑް-19 އަށް ދިފާޢުވުމަށް މިއަދު ވަނީ ވިލިނގިލި ކައުންސިލުން އިސްނަގައިގެން ވިލިނގިލި ޕަބްލިކް ހެލްތު ޔުނިޓާއި ގުޅިގެން، ސިނޮފާމް ވެކްސިން ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ދެވަނަ ޑޯޒް ދިނުމާއި އަދި އެއްވެސް ގޮތަކަށް ވެކްސިން ނުޖަހާ ތިބި މީހުންނަށް އެފުރުސަތު ހުޅުވާލައި ވެކްސިން ދިނުމަށް ހާއްސަ ސެޝަން އެއް ކުރިއަށް ގެންގޮސްފައެވެ.
ވިލިނގިލީގައި ކޮވިޑް ފެތުރިފައިވަނީ ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ޚިލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.