English Edition
Dhivehi Edition

އަލަށް އިއުލާންކުރި ބަދަލުތަކަށްވުރެ ހެޔޮ ބަދަލުތަކެއް އިންޓަރނެޓަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިންޓަރނެޓަކީ އަސާސީ ޚިދުމަތެއް ކަމަށާއި އިންޓަނެޓްގެ އަގުތަކަށް ސަރުކާރުން ގެންނެވި ބަދަލުތަކަކީ ރަނގަޅު ފެންވަރުގެ ޚިދުމަތެއް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅުކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ފެންވަރު ރަނގަޅު ސްޕީޑަކާއެކު ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޝައުނާ ވިދާޅުވިއެވެ.

“ރާއްޖޭގެ ގިނަ ރަށްރަށުގައި އަދިވެސް ފިކްސްޑް ލައިންސް ބޭނުން ނުކުރޭ. އެހެންކަމުން މިގެނައި ބަދަލާއެކު ބޮޑު އާބާދީއަކަށް އޭގެ މަންފާކުރާނެ. އަޅުގަނޑު ދަންނަވާނީ މިއީ ހަމަ ފެށުމެކޭ. އަދި މިއަށްވުރެވެސް ރަނގަޅު ސްޕީޑާއި އަގުތަކެއް ގެނައުމަށް މިދަނީ މަސައްކަތްކުރަމުން. އެކަމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ބައިވަރު.” މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިސްނެންގެވުމުގެ މަތިން މިދާއިރާއިން ޒުވާނުން ކުރިއަރުވައި އެމީހުންގެ ހުނަރު ބޭނުންކުރެވޭނެ މަގުފަހިކޮށްދިނުމަށް މަސައްކަތްކުރައްވަމުންގެންދަވާކަމަށެވެ.
އިންޓަރނެޓަށް ގެނެވުނު ހެޔޮ ބަދަލަށް ބަލާލާއިރު ޚިދުމަތުގެ އަގުތަކުން އެންމެ ދަށް ޕެކޭޖުގައިވެސް 2 އެމްބީޕީއެސްއަށްވުރެ ސްޕީޑު ދަށްނުވާނެއެވެ.

ބްރޯޑްބޭންޑް އިންޓަނެޓުގެ 30 ޖީބީ ލިބޭނީ 250 ރުފިޔާއަށެވެ. އެއީ 25 އެމްބީޕީއެސްގައެވެ. މިޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ 2 އެމްބީޕީއެސްއެވެ.

100 ޖީބީ ލިބޭނީ 500 ރުފިޔާއަށެވެ. އެއީ 15 އެމްބީޕީއެސްގައެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ 5 އެމްބީޕީއެސްއެވެ.

އަދި 200 ޖީބީގެ އަގަކީ 700 ރުފިޔާއެވެ. އެއީ 25 އެމްބީޕީއެސްގައެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ ވެސް 5 އެމްބީޕީއެސްއެވެ.

\