English Edition
Dhivehi Edition

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން އަނެއްކާވެސް 3 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. މި ތިން މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އަދި އަނެއް މީހާ ހައްޔަރުކުރީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ޓެރަރިޒަމްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފްލެޓް 56-3-07، މުހައްމަދު ޒޫމާލް ޒަރީރު، 29، އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން މީހުންނަކީވެސް މިމަހުގެ 6 ވަނަދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅުން ހުރި ބައެއް ނޫނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއި އާއި ގުޅިގެން ސަލާމަތީ ބާރުތަކުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ހިންގާ މިހާތަނަށް މިވަނީ 17 މީހަކު ހައްޔަރުކޮށްފައެވެ. މީގެތެރޭގައި އައްޑޫ ސީޓީގައި ހިންގި އޮޕަރޭޝަނެއްގައި އެ ސިޓީން ހައްޔަރުކުރި 11 މީހަކާއި އޭގެ ފަހުން މާލޭގައި ހިންގި އޮޕރޭޝަނެއްގައި މީގެކުރިން ހައްޔަރުކުރި 3 މީހުންވެސް ހިމެނެއެވެ.

މިމަހުގެ 15ވަނަ ދުވަހު އައްޑޫ ސިޓީން ހައްޔަރުކުރި މީހުންނަކީ ހަތިޔާރާއި ބޮން އުފައްދަމުން އަންނަ ބައެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މާލެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި 2007 ވަނަ އަހަރު އއ ހިމަންދޫގައި ހިންގި ހަމަނުޖެހުންތަކުގައި ހައްޔަރުކޮށް ޖަލަށް ލުމުން ދެ ފަހަރެއްގެ މަތިން ޖަލުން ފިލި އަބްދުﷲ އަލީ މަނިކު ހިމެނެއެވެ. އަދި ޖިހާދަށް ސިރީޔާއަށް ދަނިކޮށް ތުރުކީ ބޯޑަރުން ހައްޔަރުކޮށް ރާއްޖެ ގެނައި މީހެއްވެސް ހިމެނެއެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރުވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.