ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި، ކަންބޮޑުވާންޖެހޭ ގިނަ މައްސަލަތަކެއް އެބަ ހުރިކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް 2021 މެއި 25 ވަނަ ދުވަހު ކޮމިޝަނުން ކުރި ޒިޔާރަތަށް ފަހު އާންމުކުރި ނޫސްބަޔާނުގައި ވަނީ މި ފަދަ ގިނަ މައްސަލަތަަކަށް އަލިއަޅުވާލާފައެވެ.
އެ ކޮމިޝަނުން ބުނެފައިވަނީ ކޮވިޑް-19 އަށް ފަރުވާދޭ ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން މި ކޮމިޝަނުގެ ޓީމެއް ވަނީ 2021 މެއި 25 ވަނަ ދުވަހު އެ ފެސިލިޓީއަށް ޒިޔާރަތް ކޮށްފައިވާ ކަަމަށެވެ. އަދި މި ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ފައްސިވާ މީހުން އެނދުމަތިކޮށްގެން ސިއްޙީގޮތުން ދޭންޖެހޭ ހުރިހާ ފަރުވާއެއް ދިނުމަށް ޤާއިމުކޮށްފައިވާ ތަނަކަށްވާއިރު ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ޢަދަދަށާއި، ބަލިމީހުންގެ ސިއްޙީ ޙާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން މިފަދަ ފެސިލިޓީއެއްގައި ބަލިމީހުން އެނދުމަތިކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ފެސިލިޓީގައި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ނަރުހުންކަމަށްވާއިރު ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި، ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ބަލިމީހުން އެނދުމަތިކުރުމުގެ މަސައްކަތް މި މުވައްޒަފުން ކުރަމުންދާއިރު އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުްގެ ބަޔާނުގައި ބުނެފައިވެއެވެ.
ބަލިމީހުންގެ ޢާއިލާތަކުން ފޮނުވާ ތަކެތި ބަލައިގަންނަ ވަކި ގަޑިތަކެއް ފެސިލިޓީ ބޭރުގައި ހަރުކޮށްފައިވާކަމާއި، ޢާއިލާތަކުން ފޮނުވާ ކާބޯތަކެއްޗާއި އެފަދަ އެހެނިހެން ތަކެތި ބަހައްޓާ ތަނުގައި އަބަދުވެސް މީހަކު ހުންނައިރު މިގޮތަށް ގެނެވޭ ތަކެތި ވަގުތުން އެ ވޯޑެއްގައި އެކަމަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ގެންދާކަމާއި، ނަމަވެސް އެތަނުން ބަލިމީހާއާ ހަމައަށް އެ ތަކެތި ގެންދަނީ އެޓެންޑެންޓެއް ނުވަތަ ނަރުހުންކަމަށްވުމުން، އެ ފަރާތްތަކުގެ މަސައްކަތް ހުންނަގޮތުން ބަލިމީހާއާ ހަމައަށް ތަކެތި ގެންގޮސްދިނުމުގައި ލަސްވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ.
ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ޑައެޓީޝަނެއްގެ ލަފާގެމަތިން އެ މީހެއްގެ ބައްޔާގުޅޭގޮތުން ކެއުން ފޯރުކޮށްދޭކަމާއި، ކޮންމެ ގަޑިއަކަށް ކެއުން އޯޑަރ ކުރާއިރު، އެވަގުތެއްގައި ފެސިލިޓީގައި ތިބި ބަލިމީހުންގެ ބޭނުންތަކަށް ބެލުމަށްފަހު އެ އަދަދަށް އޯޑަރ ކުރިކަމުގައިވިޔަސް، މިފަދަ ތަނަކުން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ފޯރުކޮށްދޭ ކެއުމަކީ ބަލިމީހުންގެ ޙާލަތަށް ރިޢާޔަތްކުރާއިރު، އެންމެ އެކަށީގެންވާ ކެއުމެއްނޫންކަން ފާހަގަކުރެވިފައިވެއެވެ. އޭގެއިތުރުން، ބަލިމީހުން މިހާރު ތަހައްމަލުކުރަމުންދާ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ބައެއް ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިން ދީފައިވާ މަޢުލޫމާތުން ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ.
މި ފެސިލިޓީއަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ފައްސިވާ މީހުން އެކަނި އެޑްމިޓްކޮށްގެން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ ތަނަކަށް ވީނަމަވެސް އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލިމީހުންގެ އެހީތެރިންވެސް މިހާރު ތަނުގައި ތިބޭކަމާއި، މިހެންވުމުގެ ސަބަބުން ތަނުގެ ޖާގައަށްވުރެ އިތުރަށް މީހުން ވޯޑުތަކުގައި ތިބެންޖެހުމުގެ ސަބަބުން އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ނުބެހެއްޓޭކަންވެސް ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ.
ކޮމިޝަނުން ބެލި ބެލުމުން ފެސިލިޓީގައި މީހަކު އެޑްމިޓް ކުރުމަށްފަހު ކުއްލި ޙާލަތްތަކުގައި ބަލިމީހުންގެ ކަންކަމުގައި ޢާއިލާއަށް ގުޅޭނެ ފޯން ނަންބަރެއް ހޯދާކަމާއި، އަދި އެ މީހަކަށް ބަލިމީހާ އެޑްމިޓް ކުރި ވޯޑާއި އެނދު ނަމްބަރު އަންގާއިރު ބަލިމީހާގެ ޙާލަތު ބަދަލުވާނަމަ ޑޮކްޓަރެއް އެ މަޢުލޫމާތު ޢާއިލާއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވިފައިވެއެވެ. އަދި ބަލިމީހުންގެ މަޢުލޫމާތު ޢާއިލާތަކަށް ފޯރުކޮށް ދިނުމަށް ވަކި ފަރާތެއް ހަމަޖައްސާފައި ވީނަމަވެސް އެ ފަރާތަށް ވޯޑުތަކުން މަޢުލޫމާތު ލިބުން ލަސްވުމުގެ ސަބަބުން އެންމެ އެދެވޭގޮތުގައި ޢާއިލާތަކަށް ބަލިމީހާގެ މަޢުލޫމާތު ފޯރުކޮށް ނުދެވޭކަން ފާހަގަކުރެވިފައިވެއެވެ.
ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަޙައްމަލުކުރަންޖެހޭއިރު، އެ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްނުދެވޭކަން ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން އެ އެހީތެރިކަން އެ މުވައްޒަފުންނަށް ފޯރުކޮށް ދިނުމަކީ މި ކޮމިޝަނުން ބާރު އަޅާ ކަމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައިތިބޭ މުވައްޒަފުން އެއްވެސް ބަންދެއް ނުލިބި 12 ގަޑިއިރު މަސައްކަތްކުރުވާކަމާ އަދި މިހާގިނައިރު މަސައްކަތްކުރުވާއިރު މި މުވައްޒަފުންނަށް މުސާރަވެސް ނުދިނުމުގެ މައްސަލަތަކެއްވެސް އެ ކޮމިޝަނަށް ފާހަގަ ކުރެވޭ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން މި ޒިޔާރަތުގައި ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމުގެތެރެއިން ބައެއް ކަންކަން ވަކި މައްސަލަތަކުގެ ގޮތުގައި ލޮޖްކޮށް ބަލަމުންދާ ކަމަށް އެޗްއާރްސީއެމް ގެ ބަޔާނުގައިވަނީ ބުނެފައެވެ.