English Edition
Dhivehi Edition

ހުވަދުއަތޮޅުގެ ގިނަ ރަށްތަކުން ކޮވިޑް-19ގެ ބަލިމަޑުކަން ފެނި ކާޑެއްދޫ އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާއަށް ދިއުމުގައި ދަތިތަކެއް ދިމާވެފައިވާތީ، ވަޒީފާއަށް ދިއުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ގދ. ކާޑެއްދޫ އެއަރޕޯރޓްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ގދ. ތިނަދޫ، ގދ. މަޑަވެލި އަދި ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ މީހުންނަށްވެފައި މި ތިން ރަށުގައިވެސް މިވަގުތު ބައްޔަށް ފައްސިވެފައިވާ މީހުން ތިބުމާއި ގުޅިގެން މިހާރު މުވައްޒަފުން ވަޒީފާއަށް ދިއުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މިވަގުތު ފުރަބަންދުގައި ހުންނެވި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ގުދުރަތުﷲ ރިޔާސަތުގައި އިންނެވި މިބައްދަލުވުމުގައި ތިން ރަށުގެ ރަށު ކައުންސިލްގެ ރައީސުންނާއި ތިނަދޫ ކައުންސިލުގެ މެންބަރުންގެ އިތުރުން ކާޑެއްދޫ އެއަރޕޯޓްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވީ އޮންލައިންކޮށެވެ.

މި ބައްދަލުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފައިހަތު ވިދާޅުވީ ކޮވިޑް-19އިން އަރައިގަތުމަށް އެއަތޮޅުގެ ރަށު ކައުންސިލްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ގައިޑްލައިންތަކާއި އެއްގޮތަށް ހުރިހާ ރަށެެއް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.