ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އޮތް އުމުރުން ދުވަސްވީ މީހަކަށް އަނިޔާކުރާ ވީޑިޔޯއެއް މީސްމީޑިޔާގައި ދައުރުވާން ފަށައިފިއެވެ.
ބަލިމީހާ ބަލަން އާއިލާއިން ފޮނުވާފައި ހުރި ބިދޭސީ މީހަކު ރެއިން ފެށިގެން އެމީހާއަށް އަނިޔާކުރިކަމަށް އެފެސިލިޓީގައި ހުރި މީހަކު ވަނީ މީޑިޔާއަށް މައުލޫމާތުދީފައެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަ ނީ އެ ބަލި މީހާ ކަމަކާއި ހިތްހަމަ ނުޖެހިގެން، އޭނާ ބަލަން އާއިލާއިން ފޮނުވާފައި ހުރި ބިދޭސީ މީހަކު އެމީހާ ކަންފަތްމަތީ ޖަހާ މަންޒަރެވެ. އަދި އޭގެ ފަހުން އެނދު ކައިރިން ދުރަށް ވަކި ހިސާބަކަކަށް ގޮސް އަނެއްކާ ވެސް ބަލި މީހާ އާއި ދިމާލަށް އިނގިލި ދިއްކޮށް އިންޒާރު ދޭ މަންޒަރު އެވީޑިޔޯއިން ފެނިގެންދެއެވެ.
ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުންދާ މީހަކު މައުލޫމާތުދިންގޮތުގައި ރެއާއި މިއަދުވެސް އޭނާ އުމުރުން ދުވަސްވީ މީހާއަށް އަނިޔާ ކޮށްފައިވާކަން، މިއަދު ހެދުނު އެތާނގައި ތިބޭ ނަރުހުންނަށް އެންގި ނަމަވެސް މިކަމާ ނަރުހުން އަޅާނުލިކަމަށް އެމީހާ މައުލޫމާތު ދީފައިވެއެވެ.
މިއަދު ހެނދުނުވެސް އެ ބިދޭސީ މީހާ ވަނީ އުމުރުން ދުވަސްވީ މީހާގެ އަނގަމަތި ފަޅާފައެވެ.
“އަނިޔާ ކުރާ މަންޒަރު ތަކުރާރުކޮށް ފެނި އެކަން ނަރުހުންގެ ސަމާލުކަމަށް ގެނައިނަމަވެސް އަޅާނުލީމަ ހިތައް ކެތްނުވެގެން މިތާގައި އޮވެ ވީޑިއޯ އާއްމު ކުރީ. މަންޒަރު ފެނުނު ބަލި މީހަކު މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިމައްސަލަ ފުލުހުން މިހާރު ތަހުޤީގުކުރަމުންދާ ކަމަށާއި އެމީހާ އެތަނުން ނެރެ އާއިލާއަށް އެކަން އަންގާފައިވާނެ ކަމަށެވެ. އަދި ބަލިމީހާ ބެލުމުގެ ކަންތައް ފެސިލިޓީގައި ތިބި މެޑިކަލް އޮފިސަރުންނާއި ހަވާލުކޮށްފައިވާނެކަމަށް މަބްރޫކު ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެބިދޭސީ މީހާ މިހާރުވަނީ ހައްޔަރުކުރެވިފައެވެ.