ސްޓްރޯބެރީ އަކީ އާންމުކޮށް އެންމެންނަށްވެސް ވަރަށް ކަމުދާ މޭވާއެކެވެ. ތަފާތު އެކި ފޮނިކާތަކެތި ތައްޔާރުކުރުމަށާއި، އޭގެ ޒާތުގައި ހުހަށް ކެއުމަށްވެސް ވަރަށް ގިނައިން ބޭނުން ކުރެވޭ މޭވާއެކެވެ. ނަމަވެސް ސްޓްރޯބެރީ ޚާއްސަވަނީ ހަމައެކަނި ކެއުމަށްޓަކައި ނޫނެވެ. ސްޓްރޯބެރީ އަކީ ހަމާއި އިސްތަށިގަނޑުގެ ރީތިކަން އިތުރުކޮށް ދެމެހެއްޓުމަށްޓަކައި އެކި ގޮތްގޮތުން ބޭނުން ހިފޭ ވަރަށް ފައިދާހުރި މާއްދާތައް އެކުލެވޭ މޭވާއެކެވެ. ތިރީގައި މިވަނީ ސްޓްރޯބެރީ ބޭނުންކޮށްގެން ހަންގަނޑާއި އިސްތަށިގަނޑު ރީތި ކުރެވިދާނެ ތަފާތު ބައެއް ގޮތްތަކެވެ.
ސްޓްރޯބެރީ ސްކްރަބް
ސްޓްރޯބެރީ އެއް ދެފަޅިކޮށްލާފައި މޫނުގައި އުނގުޅާފައި ކުޑަރިރުކޮޅަކަށް މަޑުކޮށްލުމަށް ފަހު މޫނުދޮވެލާށެވެ. މިގޮތަށް އުނގުޅުމުން ސްޓްރޯބެރީގައި އެކުލެވޭ އަލްފާ-ހައިޑްރޮކްސީ އެސިޑްގެ ސަބަބުން ހަންގަނޑު އޮމާންކޮށްދީ ރީތިކޮށްދެއެވެ.
ސްޓްރޯބެރީ ފޫޓްސްކްރަބް
8 ސްޓްރޯބެރީ
2 ސައިސަމްސާ އޮލިވްއޮއިލް
1 ސައިސަމްސާ ލޮނު
ހުރިހާ ތަކެތި މިކްސްކޮށްލުމަށްފަހު ޕޭސްޓް ފައިތިލައިގައި އުގުޅާލުމަށްފަހު ރަގަޅަށް މަސާޖްކޮށްލުމަށްފަހު އިރުކޮޅަކުން ދޮވެލާށެވެ. މިޕޭސްޓްއިން ފައިތިލައިގެ މަރުވެފައިވާ ހަންތަށް ނައްތާލަދެއެވެ.
ލޮލުގެ ސްޓްރޯބެރީ ޓްރީޓްމެންޓް
ލޮލުގެ ތިރީ ކައިރީގައި ސްޓްރޯބެރީ ފޮއްޗެއް ބާއްވާލައިގެން އޮށޯވެލާށެވެ. މިގޮތަށް ދިހަ މިނިޓްވަންދެން ބަހައްޓާލާފައި ދޮވެލާށެވެ. މިގޮތަށް ހެދުމުން ލޯދުޅަވެފައިވާނަމަ ލޯރަގަޅުވެ އަދި ލޯކައިރި ތާޒާކޮށްދެއެވެ.
ލަކުނުފިލުވައިދޭ ސްޓްރޯބެރީ ސްކްރަބް
½ ޖޯޑުގެ ކޮށާފައިހުރި ސްޓްރޯބެރީ
1 ސައިސަމުސާ ސަވަރކްރީމް
މިދެބައި އެއްކޮށްލުމަށްފަހު ރަނގަޅަށް ޕޭސްޓް ތައްޔާރު ކޮށްލާށެވެ. ދެން މޫނުގައި އުގުޅުމަށްފަހު ދިހަމިނިޓް ވަންދެން ބަހައްޓާފައި ދޮވެލާށެވެ.
މޫނުގެ ތެޔޮކަން ފިލުވައިދޭ ސްޓްރޯބެރީ މާސްކް
ސްޓްރޯބެރީ އާއި އަން ސްވީޓެންޑް ޕްލެއިން ޔޯގަޓް އެއްވަރަކަށް އެއްކޮށްލުމަށްފަހު މޫނުގައި އުގުޅާފައި ދިހަމިނިޓްވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މި މާސްކް އިން މޫނުގައިވާ ތެޔޮކަން ފިލައި މޫނުރީތވެ އަދި ބިހިތައް ނެގުން މަދުކޮށްދެއެވެ.
ދަތްތައް ހުދުކޮށްދޭ ސްޓްރޯބެރީ ޕޭސްޓް
ބޭކިންގ ސޮޑާ އަދި ސްޓްރޯބެރީ އެއްކޮށްލުމަށްފަހު ދަތްތަކުގައި އުގުޅާލާށެވެ. ދެން ކުޑައިރުކޮޅަކަށް މަޑުކޮށްލުމަށްފަހު ދޮވެލާށެވެ.
ސްޓްރޯބެރީ ހެޔާ ކޮންޑިޝަނަރ
8 ފްރެޝް ސްޓްރޯބެރީ
1 ސައިސަމްސާ މެޔޮނައިޒް
ސްޓްރޯބެރީ ޗަސްކޮށްފައި މެޔޮނައިޒް އާއި ރަނގަޅަށް އެއްކޮށްލުމަށް ފަހު އިސްތަށިގަނޑުގައި ހާކާލުމަށްފަހު މަސާޖް ކުރުމަށްފަހު ބޮލުގައި ޝަވާރ ކެޕް އެއް އެޅުމަށްފަހު، ކުޑަކޮށް ހޫނުކޮށްފައިވާ ތުވާއްޔަކުން ބޯ ރަނގަޅަށް ބަންދު ކޮށްލާފައި ދިހަ މިނިޓްވަންދެން ބެހެއްޓުމަށްފަހު އާދައިގެކޮން ބޭނުންކުރާޝޭމްޕޫ އަކުން ދޮވެލާށެވެ. މި ހެޔާރ ކޮށްޑިޝަނަރ ބޭނުން ކުރުމުން އިސްތަށިގަނޑު އޮމާންކޮށްދީ ރީތިކޮށްދެއެވެ.