އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އެއް ޤާއިމު ކުރަން އިންޑިއާގެ ކެބިނެޓުން ނިންމައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޗެއާ ކުރެއްވި އިއްޔެގެ ޔޫނިއަން ކެބިނެޓްގެ ބައްދަލުވުމުގައި އެގައުމުން ވަނީ ރާއްޖެއަކީ އެގައުމުން ގެންގުޅެމުން އަންނަ “ނައިބަހުޑް ފަސްޓް ޕޮލިސީ” އާއި ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)ގެ ދަށުން ވަރަށް މުހިންމު ގައުމެއްކަމުގައި ފާހަގަކޮށްފައެވެ. އަދި ވިޔަފާރީގެ ގުޅުން ވެސް ބަދަހި ދެ ގައުމަކީ ސަގާފީ ގޮތުންނާއި ދީނީ ގޮތުން އަދި އިތުރު ރޮނގުން ވެސް އެއްގޮތްކަމެއް އޮންނަ ދެގައުމުކަން ވަނީ ފާހަގަކޮށްފައެވެ.
އިތުރަށް އިންޑިއާގެ ސަރުކާރުން ބުނީ އިންޑިއާގެ މިޝަންއެއް އައްޑޫ ސިޓީގައި ގާއިމް ކުރަން ނިންމާފައިވަނީ އެ ގައުމުގެ “ސަބްކާ ސާތް ސަބްކާ ވިކާސް” ނުވަތަ އިންޑިއާ އިން ފުދުންތެރި ގައުމަކަށް ވުމަށާއި، ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ، އަދި އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުވެގެން ދިއުމުން، ރާއްޖޭގައި އިންޑިއާގެ ޑިޕްލޮމެޓިކް ޕްރެސެންސް އިތުރަށް ވަރުގަދަ ވާނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދެހިވެފައިވާކަން ފާހަގަކޮށް އިންޑިއާއިން ބުނީ އެގައުމާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސަބަބުން އިންޑިއާގެ ކުންފުނިތަކަށް ވިޔަފާރީގެ ކުރިއެރުން ލިބި މުދާ އެކްސްޕޯޓު ކުރުމުގައި އެހީތެރިކަން ލިބިގެން ދާނެއެވެ. އިތުރަށް އިންޑިއާއިން ބުނީ މިއީ ސެލްސް ސަފިޝަންޓް އިންޑިއާއަކަށް ވުމަށް ކުރާ މަސައްކަތާ ވެސް ސީދާ ގުޅުން ހުރި ކަމެއްކަމަށެވެ.