English Edition
Dhivehi Edition

ގދ.މަޑަވެލީ ހެލްތު ސެންޓަރަށް އެމްބިއުލާންސުގެ ޚިދުމަތް ލިބޭނެގޮތް ހެލްތު މިނިސްޓްރީން ހަމަޖައްސައިދީފިއެވެ.

މަޑަވެލީގައި އެމްބިއުލާންސްގެ ޚިދުމަތް ނުލިބޭތާ މިހާރުމިވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ.

މީޑިޔާއަށް މައުލޫމާތުދެމުން މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ މީގެ މަހެއްހާ ދުވަސް ކުރިން ހެލްތު މިނިސްޓްރީން މަޑަވެއްޔަށް އެމްބިއުލާންސް ހަމަޖައްސާފައި ވީނަމަވެސް އެރަށަށް އެމްބިއުލާންސް ގެންދާނެ އިންތިޒާމެއް ހަމަނުޖެހި ލަސްވީކަމަށެވެ.

ފިރުޝާން އިތުރަށް ވިދާޅުވި ގޮތުގައި އެމްބިއުލާންސް މަޑަވެއްޔަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހޯނޑެއްދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށްވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ އެހީއާއެކު އެކުންފުނީގެ ކޮޅުވެއްޓި ބޭނުންކޮށްގެންނެވެ. އަދި މިމަސައްކަތުގައި އެއްވެސް އަގަކާނުލާ އެހީތެރިވެދީފައިވާތީ އެކުންފުންޏަށް ފިރުޝާންވަނީ ޝުކުރު އަދާކުރައްވާފައެވެ.

“މި ފުރުސަތުގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙްއަށާއި، ހެލްތް މިނިސްޓަރ އަހުމަދު ނަސީމަށާއި، ވަކީން ޚާއްސަކޮށް ހެވީފޯސްގެ އިސްވެރިންނަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، މަޑަވެލީގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ނަމުގައި ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.” ފިރުޝާން ވިދާޅުވިއެވެ.

މަޑަވެލީ ސިއްޚީ މަރުކަޒުގައި އެމްބިއުލާންސްގެ ޚިދުމަތް ނުލިބޭތީ އެމަރުކަޒުން ބޭނުން ކުރަމުން ގެންދިޔައީ ހޯނޑެއްދޫ ސިއްޙީ މަރުކަޒުގެ އެންބިއުލާންސްއެވެ.