English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި ކޮވިޑު19އިގެ ހާލަތާއި ގުޅިގެން އާންމުންނަށް މަޢުލޫމާތު ދެއްވުމުގެ ގޮތުން، އެސިޓީގެ އީއޯސީއާއި، ސިޓީ ކައުންސިލް އަދި ހޮސްޕިޓަލުގެ ފަރާތުން ފޭސްބުކު މެދުވެރިކޮށް، ކޮންމެ ރެއަކުވެސް ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އެސިޓީގެ ކައުންސިލް މެމްބާރ އަބުދުﷲ ނާސިރު އަހުމަދު ވަނީ އެސިޓީއަށް ޕީސީއާރު މެޝިނެއް ލިބޭނެ ކަމުގެ ފެހި ސިގުނަލް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އަބުދުﷲ ނާސިރު ވިދާޅުވި ގޮތުގައި ޑަބުލިއުއެޗްއޯއިން ދިވެހިރާއްޖެއަށް ހަދިޔާ ކުރާ ތިން ޕީސީއާރު މެޝިނުގެ ތެރެއިން އެއް މެޝިން މިސިޓީއަށް ލިބޭނެ ކަމުގެ ފެހި ސިގުނަލް ވަނީ ލިބިފައެވެ. ” އުންމީދު މިކުރެވެނީ މެޝިން ލިބޭނެކަމަށް، ނަމަވެސް މިރަށަށް މެޝިން ލިބުމުން ނޫނީ އަހަރެމެންނަށްވެސް އަދި ރައްޔިތުންނަކަށް ވެސް މިރަށަށް މެޝިނެއް ލިބިއްޖެ ކަމަށް ގަބޫލެއް ނުކުރެވޭނެ”. އަބުﷲ ވިދާޅުވިއެވެ. މިވާހަކަތަކާގުޅިގެން ސިޓީގެ މޭޔަރާއި ހަވާލާދީ ކައުންސިލުގެ ޑިރެކްޓާރ ޖެނެރަލް ނިޖާހު ވިދާޅުވީ، އެމެޝިން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން ކަމަށެވެ. އަދި އެކަމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްގެންވިއަސް މެޝިންލިބޭތޯ އުޅުއްވާނެ ކަމަށް މޭޔާރ ވިދާޅުވި ކަމަށްވެސް ނިޖާ ފާހަގަ ކުރެއްވިއެވެ.

މިބައްދަލުވުމުގައި ހާމަކުރެވިގެން ދިޔަ ފުވައްމުލައް ސިޓީގެ، ފާއިތުވި 24 ގަޑި އިރުގެ، ކޮވިޑުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 235 ސުންކު އިއްޔެވެސް ރަށުން ނެގިފައިވެއެވެ. ރޭގެ ހަވީރު 6 އަށް ލިބުނު ނަތީޖާތަކަށް ބަލާއިރު 45 މީހަކު މިވަނީ މުޅިން އަލަށް ބައްޔަށް ފައްސިވެފައެވެ. މިހާތަނަށް ނަތީޖާ ނުލިބިހުރި ސުންކު ތަކުގެ އަދަދަކީ ޖުމްލަ 331އެވެ. ފައްސިވާ ފަރާތްތަކާއި ގުޅުން ހުރި މީހުންގެ މައުލޫމާތު ދެނެގަތުމަށް ހެދޭ ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން 107 ހައިރިސްކު މީހުން ފާހަގަވެފައިވާ ކަމަށް މި ތަފާސްހިސާބުން ދައްކައެވެ. މިވަގުތުގެ ރަށުގެ 387 ގެއެއް މޮނިޓަރިންގއަށް ވަނީ ލެވިފައެވެ. ރަށުތެރެއިން ވަކި ތަރުތީބެއްނެތި ނެގުނު 17 ސުންކުގެ ތެރެއިން 4 މީހަކު މިވަނީ ޕޮޒިޓިވު ވެފައެވެ. އަދި އޭގެ ތެރެއިން 3 މީހަކީ ބިދޭސީންކަމަށް ވެއެވެ.

ޑަބުލިއު އެޗު އޯއިން ދިވެހިރާއްޖެއަށް 3 ޕީސީއާރު މެޝިން ހަދިޔާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭގެ ތެރެއިން އެއް މެޝިން ހުވަދުއަތޮޅަށް، އަނެއް މެޝިން ލާމު އަތޮޅަށް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އަޑުއިވެއެވެ.

ފުވައްމުލައް ސިޓިގައި ޕީސިއާރު މެޝިނެއްނެތުމުގެ ސަބަބުން ރަށުން ނެގޭ ސުންކުތަކުގެ ނަތީޖާ ލިބުން ލަސްވެ، އެކަމުގެ ސަބަބުން ބަލި އިތުރަށް ފެތުރެމުންދާތީ، މިސިޓީގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިސިޓީން ނެގޭ ސުންކުތައް މިހާރު ފޮނުވަމުން ދަނީ މާލެ އަށާއި، އައްޑޫ ސިޓީ އަށެވެ. އައްޑޫސިޓީގައި ހުރި ޕީސީއާރު މެޝިނުން ދުވާލެއްގެ މައްޗަށް ހެދޭ 300 ޓެސްޓުގެ ތެރެއިން 100 ޓެސްޓު ފުވައްމުލަކު ސިޓީން ފޮނުވާ ސުންކުތަކަށް ވަނީ ހަމަޖެހިފައެވެ. ރޭ ނޫން ކުރީރޭ ބޭއްވުނު ނޫސް ކޮންފަރެންސްގައި، ސީނިއާރ ޕަބްލިކު ހެލްތު އޮފިސާރ އާމިނަތު އަހުމަދު ފާހަގަ ކުރެއްވި ގޮތުގައި އެއްބަސްވުމެއްގެ ދަށުން މިހާރު އައްޑޫ ސިޓީއަށް މިފޮނުވަނީ ދެދުވަހުން އެއްދުވަހުއެވެ. އެއީ އެއްދުވަހުގެ ސުންކުތައް މާލެ އަނެއްދުވަހު އައްޑޫ ސިޓީއަށް ފޮނުވާ ގޮތަށްކަމަށެވެ. އެހެންކަމުން ދެދުވަހުން އެއްދުވަހު އައްޑޫ ސިޓީއަށް މިހާރު 200 ސުންކު ފޮނުވޭނޭ ކަމަށެވެ.

ކޮވިޑު19އިގެ އާލަމީވަބާ މުޅި ދިވެހިރާއްޖެއަށް ފެތުރި، އޭގެއިން އަރައިގަތުމަށް މިވަނީ ގޮންޖެހުން ތަކަކާއި ކުރިމަތިވެފައެވެ. ސިއްޙީމާހިރުންނާއި، ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އާންމުން ބޯނުލެބުމުގެ ނަތީޖާއަކަށްވީ، ދުވަހުން ދުވަހުން މިބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް އިތުރުވަމުން އައުމެވެ. މިހާރު މިބަލީގައި ދުނިޔެ ދޫކުރަނީ ހަމައެކަނި އުމުރުން ދުވަސްވީ ބޭފުޅުންނާއި، ދިގު މުއްދަތުގެ ބަލިލަތަކަށް ފަރުވާ ހޯދަމުން އަންނަ ބޭފުޅުންނެއް ނޫނެވެ. މިބަލީގައި ނިޔާވާ މީހުންގެ އުމުރުފުރާ މިވަނީ 30 އަހަރާއި ހަމަޔަށްވެސް ތިރިވެފައެވެ.