English Edition
Dhivehi Edition

ގދ.ވާދޫގައި ތަރައްޤީ ކުރަން ސަރުކާރުން ނިންމާފައިވާ ސްކޭޓް ޕާކުގެ ފޭސް1 ގެ މަސައްކަތް ނިމިފައިވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގދ. ވާދޫގައި ތަރައްޤީ ކުރެވުނު ސްކޭޓް ޕާކުގެ މަސައްކަތާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި، މިމަސައްކަތުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މީގެ އިތުރުން ވާދޫގެ ހެޓްސް ޖަމިއްޔާގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް މަހުލޫފްވަނީ އެޖަމިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

މިއަހަރު އޭޕްރީލްމަހު އަމަލީ މަސައްކަތް ފެށިގެންދިޔަ ސްކޭޓް ޕާކު ތަރައްޤީ ކުރުމުގައި ވާދޫ ހެޓްސް ޖަމިއްޔާއިންވަނީ ރާއްޖެއިން ބޭރުގެ 5 އެކްސްޕާޓެއްގެ އެހީ ހޯދައިދީފައެވެ. ވާދޫ ކައުންސިލާއި ހުވަދޫ އެސޯޝިއޭޝަން ފޯ ޓުއަރިޒަމް ގުޅިގެން ހިންގި މިޕްރޮޖެކްޓްގެ ފޭސް 1 ގެ މަސައްކަތް މިހާރު މިވަނީ ނިންމާލެވިފައެވެ.

މިޕްރޮޖެކްޓަކީ ޔޫތު މިނިސްޓްރީން، ގދ. ވާދޫ ކައުންސިލަށް ދެލައްކަ ރުފިޔާގެ ފަންޑެއް ދީގެން ތަރައްޤީކުރެވުނު ޕާކެކެވެ. މިނިސްޓްރީގެ އިތުރުން ބީ.އެމް.އެލް އިންވެސް 50000 ރުފިޔާގެ އެހީ މިޕްރޮޖެކްޓަށް ފޯރުކޮށްދީފައެވެ.

ވާދޫ ކައުންސިލުން މީޑިޔާއަށް މައުލޫމާތުދިން ގޮތުގައި މިޕާކާ އިންވެގެން ބާސްކެޓް ކޯޓަކާއި،މަލްޓި ޕާޕަސް ހޯލެއްވެސް އަދި ތަރައްޤީ ކުރެވިގެންދާނެއެވެ.