ހުވަދު އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް “ގދ. އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖު 2022” ފަށައިފިއެވެ.
ގދ. ވާދޫ ފުޓްސަލް ދަނޑުގައި މިރޭ ފެށި މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިނޭންސް، އިބްރާހިމް އަމީރު އާއި، ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ އެވެ.
މިރަސްމިއްޔާތުގައި ކްލަބް ޓީއެންޓީގެ ރައީސް، ސަހުލު ނާޝިދު ވިދާޅުވީ މި މުބާރާތަކީ މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން އެ ކްލަބުން އިންތިޒާމްކުރާ ފުރަތަމަ މުބާރާތް ކަމަށެވެ. އަދި މި މުބާރާތަކީ ހުވަދު އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތް ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މުބާރާތަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ވާދޫގެ ފުޓްސަލް ދަނޑު ހަލާކުވެފައި އޮތުން ކަން ފާހަގަކޮށް، އެ ދަނޑު މަރާމާތު ކުރުމުގެ މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ސަހުލު ވަނީ ޝުކުރު ދަންނަވާފައެވެ.
މިރަސްމިއްޔާތުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސް، ޙަސަން ފައިހަތު ޤުދުރަތުﷲ ވިދާޅުވީ، ހުވަދު އަތޮޅުގައި ޒުވާނުންގެ ބައިވެރިވުން އޮންނަ މިފަދަ ކޮންމެ ހަރަކާތަކަށް އެ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މިއީ ކްލަބް ޓީއެންޓީއިން އިންތިޒާމްކުރާ މި މުބާރާތުގެ ފަސްވަނަ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ބައިވެރިވެފައިވެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށައަޅާފައިވަނީ 75،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.