ކުށްމަދު އަމާން މާހައުލެއް ގާއިމުކޮށް ވިޔަފާރިވެރިން އިތުރަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ގދ. ވާދޫގައި ކުރިއަށް ގެންގޮސްފިއެވެ.
ވާދޫ ޕޮލިސް ސްޓޭޝަނުގެ ނެއިބަހުޑް އޮފިސަރުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ ރަށުގެ ވިޔަފާރިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ. މި ގޮތުން މިހާރަކަށް އޮންލައިންކޮށް، މަކަރާއި ހީލަތުން ފައިސާހޯދާ މީހުން އާންމުކޮށް ދައްކާ ވާހަކަތަކާއި އުކުޅުތައް ބުނެދީ އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ވަނީ ދީފައެވެ.
މީގެ އިތުރުން ފުލުހުން ވަނީ އީމެއިލް އައިޑީ، ޕާސްވޯޑް އަދި ފޯނަށް އަންނަ ވަންޓައިމް ޕާސްވޯޑު އެހެން މީހުންނާ ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ފްލެޓް ލިބިފައިވާ ކަމަށް ނުވަތަ ފްލެޓް ލިބޭނެކަމަށް ބުނެ އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި ގުޅާ މީހުން ގެންގުޅޭ އުކުޅުތައް ބުނެދީ ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
އޮންލައިންކޮށް ފައިސާދައްކާފައި ފޮނުވާ ސްލިޕަކީ ސައްހަ ސްލިޕެއްތޯ ކަށަވަރުކުރުމަށާއި ފައިސާ އެކައުންޓަށް ޖަމާވިތޯ ޔަގީންކުރުމަށް އިލްތިމާސްކޮށް ފުލުހުން ވަނީ އޮންލައިންކޮށް މުދާގަތުމުގައި ފަރުވާ ބަހައްޓައި ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
މީގ އިތުރުން ފޯނަށް ގުޅައިގެން، އެކި ޕްރޮމޯޝަންތަކުގައި ހޮވިފައިވާ ކަމަށް ބުނެ އީމެއިލް އައިޑީ އާއި ޕާސްވޯޑު ދިނުމަށް އެދުނުކަމުގައިވިޔަސް ހިއްސާ ނުކުރުމަށާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ ފުލުހުންނަށް ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ފުލުހުން ވަނީ މި ގޮތަށް ގުޅާ ނަންބަރުތައް ފުލުހުންނާ ހިއްސާކުރުމަށާއި ފޯނަށް އަންނަ ގޮތްނޭނގޭ އެކިއެކި ލިންކުތަކަށް ނުވަނުމަށް އިލްތިމާސްކޮށްފައެވެ.