English Edition
Dhivehi Edition

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މި ދަޢުވާއަކީ މަޙުލޫފު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނަވައިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި 33،000 ޑޮލަރު ނެންގެވި ކަމަށް ބުނެ ކޮށްފައިވާ ދަޢުވާއެކެވެ.

މަޚުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދަން ނިންމާފައިވަނީ މައްސަލަ އޮތް ހިސާބުން އަލުން މުރާޖާކޮށް ބެލިއިރު މައްސަލަ ސާބިތު ކޮށްދެވޭ ވަރަށް ހެކި ނެތުމުންނެވެ. ޕީޖީ އޮފީހުން ވަނީ މިމައްސަލަ އަނބުރާ ގެންދިއުމަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.

ސާބިތުވާ މިންވަރަށް ހެކި ނެތިގެން ކަމަށް ބުނެ މި މައްސަލަ އަނބުރާ ގެނެސްފައިވާއިރު މީގެ ކުރިން މި މައްސަލާގައި އެކަށީގެންވާ މިންވަރަށް ހެކި ނެތްކަމަށް ބުނެ ކުރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުން އެ މައްސަލާގައި ނިންމާފައިވަނީ މައްސަލަ ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މިންވަރަށް ހެކި އެބަހުރި ކަމަށެވެ. އަދި ހެކި ނެތްކަމަށް ކުރިމިނަލް ކޯޓުން ނިންމީ އެކަށީގެންވާ މިންވަރަށް ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްނުކޮށްކަމަށް ހައިކޯޓުން ކަނޑައަޅައި އަލުން މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހެޅީއެވެ.

ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމުން ތަފާތު އެތައް ފަހަރެއްގެ މަތިން ކޯޓުން އަޑުއެހުންތައް ތާވަލުކުރި ނަމަވެސް އެ ހުރިހާ އަޑުއެހުމެއްވެސް ވަނީ ކެންސަލްކޮށް ފަސްކޮށްފައެވެ.