ގދ. ވާދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ބީއެމްއެލް އިން ހުޅުވައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ މިއީ މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވި އޭޓީއެމް ސެންޓަރެއް ކަމަށެވެ. މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް ބުންޏެވެ. އަދި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.
ބީއެމްއެލް އިން ގދ. އަތޮޅުގައި ތިނަދޫ، ގައްދޫ އަދި ފަރެސްމާތޮޑާގައި ވެސް ސެލްފް ސަރވިސް ބޭންކިންގ އާއެކު ބްރާންޗު މެދުވެރިކޮށް ދަނީ ޚިދުމަތް ދެމުންނެވެ.
މުޅި ރާއްޖެއަށް ބޭންކިންގ ވިއުގަ ފުޅާކޮށް ބޭންކިންގ ޚިދުމަތްތައް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް ބޭންކުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށް ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ނެޓްވޯކްގައި 140 އާ ގާތްކުރާ އަދަދަކަށް އޭޓީއެމް ހިމެނޭ ކަމަށެވެ. އަދި މުޅި ރާއްޖެއަށް އޭޓީއެމް މެދުވެރިކޮށް ބޭންކިންގ ޚިދުމަތް ދޭ ހަމައެކަނި ބޭންކުގެ ގޮތުގައި ބީއެމްއެލް ވެގެންދާކަމީ ލިބޭ ފަޚުރެއް ކަމަށެވެ.