ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ, މިދިިޔަ އަންގާރަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އޭނާގެ ކުރީގެ އަންހެނުން އަދި ނާއިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމް (އަސޫ) ފުލުހަށް ހުށަހެޅި މައްސަލައާއި އެކު މުޅި ގައަމު ކެކި އުތުރިގަތެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އީސަ، އަސްރާއަށް އަނިޔާކުރި ކަމަށް ބުނާ މަންޒަރު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ އަސްރާ ދިރިއުޅޭ ގޭގެ އެހެން ފްލޯއެއްގައި އުޅުނު މީހެކެވެ. މި ހާދިސާއަށް ހަތަރުދުވަސް ވެގެން ދިޔައިރުވެސް އީސަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާއިރު މިކަމާއި ގުޅިގެން އީސަ އަދި އަސްރާވެސް މީޑިއާއަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެެ.
އެހެންނަމަވެސް އީސަގެ މައްޗަށް ކޮށްފައިވާ މި ތުހުމަތުތަކާއި ދެކޮޅަށް އޭނަގެ ދޮށީ ދަރި މުޙައްމަދު ޖިދާދު އަޙްމަދު އީސާވަނީ ތެދުވެފައެވެ. .ޖިދާދުގެ ޕޯސްޓުގައި އެރޭ ކަން ހިނގައި ދިޔަ ގޮތުގެ މާ ބޮޑު ތަފްސީލެއް ނެތް ނަމަވެސް އޭނަގެ ބައްޕަ އީސަ އެފަދަ އަމަލެއް ނުހިންގާކަމުގެ ޔަގީންވަނީ ދީފައެވެ.
ޖިދާދު އަކީ އީސަ ކުރިން ކުރި ކައިވެންޏަށް ލިބިފައިވާ ދަރިއެކެވެ. ފާއިތުވި ތިން އަހަރުތެރޭގައި އޭނާ ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލް ކުރަމުން އަންނަ އިރު ކޮވިޑު ހާލަތާ ގުޅިގެން ރާއްޖެ އައިސް ދިިރިއުޅެމުން ގެންދިޔައީ ބައްޕަ އީސަ އާއި ކޮއްކޯ ލޫތު އަދި އަސްރާ އާއި އެއް ގެއްގައެވެ. މީގެ ދުވަސްކޮޅެއް ކުރިން އަސްރާ އާއި އީސަ ވަރިވެފައި ވާކަން ބައްޕަ އީސަގެ ފަރާތުން އެގުނުކަމަށް ޖިދާދު ބުނެފައިވާއިރު ލޫތު އަކީ ތުއްތު ކުއްޖެއް ކަމުން ދެފަރާތުގެ އަންޑަރސްޓޭންޑިންނެއްގެ ދަށުން އެއްގޭގައި އުޅެން ނިންމާފައިވާކަމަށްވެސް އޭނާވަނީ ބުނެފައެވެ. “މި ކުޑަ އާއިލާގެ ހުރިހާކަމެއް ބައްޕަ އައީ ވަރަށް ރަނގަޅަށް ބަލަހައްޓަމުންނެވެ. އަޅުގަނޑުމެން އެއްވެސް މީހަކަށް އެއްވެސް ކަމަކަށް ދަތިވިޔަ ނުދީ ހުރިހާ ކަމެއްވެސް ބައްޕަ ވަރަށް ރަނގަޅަށް ހަމަޖައްސަމުން ދިޔައެވެ.” ޖިދާދުގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އެރޭގެ ހާދިސާގެ ހުރިހާކަމެއްވެސް ވަރަށް ކައިރިން ފެނުނުކަމަށް ޖިދާދު ބުނެފައިވާއިރު، އޭނާ ބުނީ މައްސަލަ އަކީ ބަލަމުން އަންނަ މައްސަލައަކަށް ވުމުން ކަންހިނގައި ދިޔަ ގޮތް ތަފްސީލުކޮށް ދެއްކުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ނުދެކޭ ކަމަށާއި އެހެންނަމަވެސް އޭނަގެ ބައްޕަގެ ބޮލުގައި އަޅުވާފައި ވަނީ ވަރަށްވެސް ހުތުރު އަދި ދޮގު ތުހުމަތެއްކަން ޔަޤީންކޮށް ބުނެދޭކަމަށެވެ.
“އަޅުގަނޑުގެ އުމުރުން މިވީހާ ދުވަހެއް ވީއިރުވެސް ބާރަށް އެއްޗެކޭވެސް ބުނީ މަދު ފަހަރެއްގައެވެ. އަދި ދުވަހަކުވެސް ނުރުހިފައި އައިސް ބާރަށް އަޅުގަނޑުގެ އަތުގައިވެސް ހިފާފައި ނުވާ ކަމަށް ޔަޤީންކޮށްދެމެވެ. އަދި ކިޔެއްތޯއެވެ، ކޮއްކޮއަށް އަނިޔާއެއްދޭން ބައްޕަ އުޅެފާނެ ކަމަށް ދިރި ހުރިހާ ހިނދަކު ޤަބޫލެއް ނުކުރެވޭނެއެވެ. އަދި ކުރަންޖެހޭ ސަބަބެއްވެސް މެދުވެރިވެފައި ނެތެވެ. 14 އަހަރު އަޅުގަނޑުގެ މަންމައާ ކައިވެނިކޮށްގެން ދިރިއުޅުނުއިރު ދުވަހަކުވެސް މަންމައަށް އަނިޔާއެއް ދޭ ތަނެއް ފެނިފައެއް ނުވެއެވެ. އަދި ދުވަހަކު ބައްޕަ ފަރާތުން އަނިޔާއެއް ލިބިފައި ނުވާކަމަށް މަންމަ ޔަޤީންކޮށްދެއެވެ.” އީސައަކީ ރަގަޅު ފިރިއެއް އަދި ބައްޕައެއްކަން ހާމަކުރަމުން ޖިދާދު ބުނެފައިވެއެވެ.
މި މައްސަލަ އަކީ ސީރިއަސް ތުހުމަތު ތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅަފައިވާ މައްސަލައެއް ކަމަށްވުމުން 3 ފަހަރެއްގެ މަތިން ފުލުހުންވަނީ ތަހުޤީގަށް އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދާދިނުމަށް އެދި ޕީޖީއަށް ހުށައަޅާފައިވާކަން ފާހަގަކޮށް ޖިދާދު ބުނީ ކޯޓު އަމުރެއް ހޯދަން ހުށަހަޅަން ޕީޖީން ވަނީ ދެކޮޅު ހަދާފައިވާކަމަށެވެ. އަދި 4 ވަނަ ފަހަރު ޕީޖީއަށް ފުލުހުން ހުށައެޅީ ކުރީގެ ހުށައެޅުން ބަދަލުކޮށް ހެކިނައްތާލަން އީސަ މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްދިނުމަށް އެދިކަމަށްވެސް ޖިދާދުވަނީ ބުނެފައެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ރޭގެ ވަގުތެއްގައި ހައްޔަރު ކުރަން އަމުރެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމާފައިވާއިރު ޖިދާދުވަނީ ހައްޔަރު ކުރަން އަމުރު ނެރެ ނުދިނީ ކީއްވެތޯ ސުވާލުކޮށްފައެވެ.
އިތުރަށް ޖިދާދު ބުނީ ހައްޔަރުކުރަން އަމުރު ނުދިނީ މައިގަނޑު 4 ސަބަބަކަށް ބާލާފައިކަމަށާއި މި ގޮތުން
1- މީހާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް އޮތްކަމަށް ފެންނަން ނެތުން.
2- ލިބިފައި ވާ އަނިޔާގެ މައްޗަށް ހުށަހަޅާފައިވާ ހެކި ތަކަށް ބިނާކޮށް.
3- ހެކި ނައްތާލަން އުޅޭ ކަމަށް ނުފެނުން.
4- އަނިޔާގެ ވެށީން އެކަމަށް ހެކިދޭ ހެއްކެއް ލިބިފައި ނުވުން މިއެވެ.
“ބައްޕަ ބާރުގެ ބޭނުންކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކުރީތޯއެވެ؟ ވޭތުވެދިޔަ 72 ގަޑިއިރު ތެރޭގައި ފަާހަގަ ކުރެވުނު ކަމަކީ ސިޔާސީ މަދު ބޭފުޅަކު ފިޔަވާ އެންމެންވެސް ބައްޕައާ ދެކޮޅަށް ހުރިކަން ސޯޝަލް މީޑިއާގައި ހާމަކޮއްފައިވޭ. އެހެންކަމުން ނުފޫޒު ފޯރުވާ ކަމަށް ދެކުންވެސް އެއީ ކުށްހީ އެއް” ޖިދާދު ބުންޏެވެ.
އެރޭގެ ހާދިސާގެ ކުރިން ކަންތައްތައް ހިނގައި ދިޔަގޮތް ކޮންމެވެސް ވަރަކަށް ހާމަކުރަމުން ޖިދާދު ބުނީ އީސަ މަސްތުގެ ހާލުގައި އަނިޔާ ކުރިކަމަށް ބުނާއިރު، އެރޭ އީސަގެ އޮފީހުގައި ވިޔަފާރީގެ ކަމެއްގައި އޭނައާއި އިތުރު 8 މީހަކާއެކު 2 ގަޑިއެއްހާއިރު ހޭދަކުރުމަށްފަހު ގެއަށް ދިއައީ 12ގެ ފަހުންކަމަށެވެ.އަދި އެރޭ އީސަ ހުރީ މަސްތުގެ ހާލުގައި ނޫންކަން މި އެންމެން ހެކިވާނެކަމަށަވެ.
އަސްރާއަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން ދައްކަމުންދާ ވާހަކަތަކަށް ޖަވާބުދެމުން ޖިދާދު ބުނީ އަސްރާގެ އަތް ބިންދާލިކަމަށް ބުނެފައިވާއިރު ޖެހިގެން އައި ދުވަހު ސޯޝަލް މީޑިއާގައި އަސްރާ ބަޔާން ދިނުމަށްފަހު ޕޮލިސް ސްޓޭޝަން އިން ނިކުތް އިރު ނަގާފައި ވާ ފޮޓޯތަކާއި ވީޑިއޯ ތަކުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތްކަމަށެވެ.
ލޫތު ބެލްކަނިން ވައްޓާލަން އުޅޭތަން ފެނިފައި ވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައްވެސް ދެކޮޅު ނުޖެހޭކަން ހާމަކުރަމުން ޖިދާދު ބުނީ މި ސްޓޭޓްމަންޓް ވަނީ އެކި ފަހަރު މަތިން އެކި ގޮތްގޮތަށް ބަދަލު ކޮށްފައިކަމަށެވެ. މި ގޮތުން ފުރަތަމަ ބުނީ ލޫތު އެއްލާލަން އުޅުނީއޭ، ދެން ލޫތު ގޮވާގެން ފުންމާލަން އުޅުނީއެވެ. ދެން ލޫތު ބެލްކަނިން ބޭރަށް ނެރެގެން ވައްޓާލާނެ ކަމުގެ ބިރު ދެއްކީއެވެ. މިވަރަށް މިވާހަކަ ބަދަލުވަމުން އައި އައުމަކީ ސުވާލު އުފެދޭ ކަމެއްކަމުގައި ޖިދާދު ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުރިންވެސް އިސްރާއަށް އަނިޔާކުރާ ކަމަށް ބުނާ ވާހަކަތަކާއި ގުޅިގެން ޖިދާދު ބުނީ އީސަ އަކީ އެހާ އަނިޔާވެރި ބައްޕައެއް ނަމަ ކައިވެނި ރޫޅުމަށްފަހުވެސް އީސައާއި އެކު އެއްގޭގައި ދިރި އުޅޭނެތޯއެވެ؟ އަދި އޭނާއަށް ނުފެނި އެކަހަލަ ކަމެއް ހިނގާފާނެތޯއެވެ؟ އަދި އަސްރާގެ އާއިލާ މީހުން ކައިރީ ނުބުނެ ހުރެދާނެކަމަށް ޤަބޫލު ކުރައްތޯ އާއި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަނާޅާ ހުރެދާނެ ކަމަށް ކުރައްވާތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.
“ލޫތުއަކީ އަޅުގަނޑާ އެއް ލެއެވެ. ލޫތުއަށް ދެރައެއް ނުވަތަ އަނިޔާއެއް ލިބޭކަށް ލޫތުގެ ދޮންބެއެއް ނޭދޭނަމެވެ. ލިބުނަކަ ނުވެސް ދޭނަމެވެ. ލޫތުއަށް ލިބޭ ކޮންމެ ގެއްލުމަކީ އަޅުގަނޑަށްވެސް ލިބޭނެ ގެއްލުމެކެވެ. ލިބޭ ކޮންމެ އުފަލަކީ އަޅުގަނޑަށްވެސް ލިބޭނެ އުފަލެކެވެ.” ޖިދާދު ބުންޏެވެ.
މިހާ ހިސާބަށް އައި އިރުވެސް،އީސަގެ ފަރާތުން ބަހެއް ބުނެފައި ނުވަނީ، އެންމެ ހަޤު ދަރިފުޅުގެ ހައްޤުގައިކަމަށާއި އެ ކުއްޖާގެ ކަރާމާތަށް ޤެއްލުމެއް ދޭން ބޭނުން ނުވާ ހާލު، އެ ކުއްޖާގެ މަންމަގެ ޢިއްޒަތާ އަބުރައް އަރައިގަންނަން ބޭނުން ނުވާތީކަމަށްވެސް ޖިދާދުވަނީ ބުނެފައެވެ. “އެއީ ބައްޕައަކަށް އަދާ ކުރެވޭނެ އެންމެ މަތީ ހައްޤެވެ. އެކަމަށްޓަކައި ދަރިއެއްގެ ހައިސިއްޔަތުން ބައްޕައާ ދޭތެރޭ ފަޚުރުވެރި ވެއެވެ.” ޖިދާދު ބުނެފައިވެއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ގިނަ ޚަބަރު ތަކަކީ އަސްރާ މީޑިޔާއަށް ދީފައިވާ މައުލޫމާތުތަކެއް ނޫންކަން ފާހަގަކޮށް ޖިދާދު ބުނީ ކަމުގެ ދެކޮޅު ނުބަލާ، އަދި މައްސަލަ ރައްދުވާފަރާތުގެ ބަހެއްވެސް އަޑު ނާހާ މީހެއްގެ އަބުރު ކަތިލާން ކުރެވެނީ ވަރަށް ބޮޑު ކުށެއް ކަމުގައި ދެކޭކަމަށެވެ. އަދި ހަމަ މީހަކު ބުނެލާ ކޮންމެ ބަހަކީ ތެދެއް ކަމުގައި ވަނީނަމަ، ރާއްޖޭގައި ކުށްވެރިއެއް ނޫނީ ނޫޅޭނެކަމަށް ޖިދާދުވަނީ ބުނެފައެވެ،
ޖިދާދު ވަނީ ހާދިސާ ހަމަ ލޮލުން ނުފެންނަ މީހަކު ނަމަ، ނުދަންނަ މީހަކު ލިޔެލާ ކޮންމެ ޕޯސްޓެއް ޖަޒުބާތުގައި ޖެހި އަޕްލޯޑު ނުކުރުމަށް އެދިފައެވެ.އަދި އޭގެން ގެއްލުންވާނީ ކޮން ކޮން ބަޔަކަށް ކަންވެސް ތިބޭފުޅުންނަށް އަންދާޒާވެސް ނުކުރެވޭނެކަމަށް ޖިދާދުވަނީ ބުނެފައެވެ.
“72 ގަޑިއިރު ވީއިރު ހަމަ ޖެހިލާގެން ނިދިފިއެއްވެސް އަޅުގަނޑަށް ހަމަ ގައިމުވެސް ނުޖެހެއެވެ. ފަހަރަކު މީހަކަށް ހާދިސާ ހިނގާދިޔަ ގޮތުގެ ތަފްސީލެއްވެސް ކިޔާ ދޭހާ ހިތްވަރެއްވެސް މި ވަގުތަކު ނެތެވެ. ގެއްލިދިޔަ ޢިއްޒަތެއް އަނބުރާ ނުލިބޭނެ، މި ޕޯސްޓުގެވެސް ބޭނުމަކީ ބަޔަކު ބަދުނާމު ކުރުން ނޫން ކަމުގައި ބުނެދެމެވެ. ހައްޤުހޯދަން މަސައްކަތް ކުރުމަށް އާދޭސް ދަންނަވަމެވެ. ހަކު ބުނެލާ ކޮންމެ ބަހަކީ، ފަހަރުގައި ތެދު ކަމުގައިވެސް ނުވެދާނެއެވެ” ޖިދާދު ބުންޏެވެ.
ކޮންމެއަކަސް އީސަގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވިފައިވާއިރު، މި މައްސަލައިގެ ހަގީގަތް ހާމަވެގެންދާނީ ތަހުޤީގަށްފަހުގައެވެ.