ކޮވިޑް-19 އިން ރަނގަޅު ވާ މީހުން ލޮލުގެ ފެނުމަށް ޖެހޭ ބައްޔެއް ރާއްޖެއިން ފެނިއްޖެއެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކޮވިޑް ބައްޔަށް ފަރުވާ ހޯދާފައިވާ މީހުންގެ ލޮލުގެ ފެނުމަށް ގެއްލުން ލިބި ލޯއަދިރިވާ ބައްޔެއް ވަނީ ފެނިފައެވެ. މިބަލި މިހާރު ރާއްޖެއިންވެސް ވަނީ ފެނިފައެވެ.
މިއުކޯމައިކޯސިސް ނަމަކަށް ކިޔާ ފަންގަލްއެއްގެ ސަބަބުން ލޮލުގެ ފެނުން ގެއްލި އެހެނިހެން ސިއްޚީ މައްސަލަތައްވެސް ދިމާވެއެވެ.
މިބަލި ތަހުލީލުކުރެވިފައިވަނީ އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކަން ދިޔަ އުމުރުން ދުވަސްވީ ދިވެއްސެއްގެ ގައިންނެވެ. އެމީހާއަކީ ކުރިން ކޮވިޑް ޖެހިގެން ރަނގަޅުވެފައިވާ މީހެކެވެ.
ބޭރުޤައުމުތަކުގެ މީޑިޔާއިން ރިޕޯޓްކުރާގޮތުގައި މިބަލި އެންމެ ގިނައިން ފެނިފައިވަނީ އިންޑިޔާގެ މަހާރާޝްޓްރާ ސްޓޭޓާއި ގުޖުރާތު ސްޓޭޓުންނެވެ. މިބަލި ޖެހިގެން ބައެއްމީހުންގެ ލޯ އަދިރިވާއިރު އަނެއްބައި މީހުންގެ އެއްލޯ ނަގަން މަޖުބޫރުވެފައި ވާކަމަށް ރިޕޓްތަކުގައި ބުނެފައިވެއެވެ.
ދިގު މުއަދަތަށް ބޭސް ބޭނުން ކުރާ މީހުންނާއި ހަކުރު ބައްޔަށް ފަރުވާ ކުރާ މީހުންގެ އިތުރުން ދިފާއީ ބާރު ކުޑަ މީހުންނަށް މިބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
މި އިންފެކްޝަންގެ އަސަރު ކުރާ މީހުންގެ 54 އިންސައްތަ މީހުން މަރުވާ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.