English Edition
Dhivehi Edition

ޓީވީ މޯލްޑިވްސްއިން ފޮނުވި 960 ޕްރޮގްރާމްގައި ވިލިނގިލީ ރައްޔިތުންނަށް ފުރައްސާރަކޮށް “ގަންބަނަ ބުދާ” މި ބަސް ބޭނުންކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިކަމުގެ ބަދަލު ދިނުމަށް ގއ. ވިލިނގިލީ ކައުންސިލުން ގޮވާލައިފިއެވެ.

ދައުލަތު މީޑިއާއެއް ކަމުގައިވާ ޕަބްލިކް ސަރވިސް މީޑިއާއިން ހިންގާ ޓީވީ މޯލްޑިވްސް އިން ފޮނުވި 960 ޕްރޮގްރާމްގައި ޕްރެޒެންޓަރު ކޮށްފައިވާ ފުރައްސާރައިގެ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިކަމުގެ ބަދަލު ޓީވީ މޯލްޑިސްއިން ވިލިނގިލީގެ ރައްޔިތުންނަށް ދިނުމަށާއި، ރައްޔިތުންނާ ކުރިމަތިވަމުންދާ ފުރައްސާރައާއި ދިމާކުރުމާއި މަލާމާތާއި ރައްޔިތުންނަށް ކުރަމުންދާ ނަފްސާނީ ނޭދެވޭ އަސަރުތަކުގެ ޒިންމާ ނަންގަވައި ވިލިނގިލީ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ގޮވާލާފައި ވަނީ މިއަދު އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައެވެ.

މިފަދަ އެހެން ޕްރޮގްރާމެއްގައި އެހެން ރަށެއްގެ ރައްޔިތުންނަށް މިބާވަތުގެ ބަހަކުން ފުރައްސާރަކޮށް ދިމާކުރުމުގެ ކުރިން ތަޙްޤީޤީ އިދާރާތަކުން މި މައްސަލަ ބަލައި ތަޙްޤީޤުކޮށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ. މި މައްސަލާގައި ޓީވީ މޯލްޑިވްސްއާއި ކަމާއިބެހޭ މުއައްސަސާތަކުން ޢަމަލުކުރާ ގޮތެއްގެ މައްޗަށް އިތުރު ފިޔަވަޅެއް އަޅަންޖެހިއްޖެ ނަމަ އެފަދަ ފިޔަވަޅެއް އެޅުމަށް އެކައުންސިލުން ފަސްނުޖެހޭނެ ވާހަކަވެސް ނޫސްބަޔާނުގައި ވެއެވެ.

އެ ނޫސްބަޔާނުގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީމޯލްޑިވްސް އިން ފޮނުވި 960 ޕްރޮގްރާމްގައި ޕްރޮގްރާމް ހުށަހަޅައިދިން ފަރާތުން ބައިވެރިންނާ ކުރި ސުވާލެއްގައި ގއ. ވިލިނގިލީ މިހުން “ގަންބަނަ ބުދާ” ކިޔަނީ ކޯއްޗަކަށް ތޯ ސުވާލު ކުރައްވައި އެއީ “ދާނި” ކަމަށް ބައިވެރިޔަކު ބުނުމުން ޖަވާބު ރަނގަޅުކަމުގައި ޕްރެޒެންޓަރު ބުނެފައިވެއެވެ.

އެއީ ވިލިނގިލީ މީހުން އެއްވެސް ދުވަސްވަރަކު ބޭނުންކުރި ބަހަކަށް ނުވެފައި، ޖެއްސުން ކުރުމާއި ދިމާކުރުމުގެ ގޮތުން ބަޔަކު އަމިއްލައަށް އުފައްދައިގެން ކިޔާ އެއްޗަކަށް ވާތީ ދައުލަތުގެ މީޑިއާއަކުން އެތައް ބަޔަކު ބަލަމުން ދިޔަ ޕްރޮގްރާމެއްގައި މިސުވާލު ކުރުމަކީ ވިލިނގިލީގެ ރައްޔިތުންނަށް ފުރައްސާރަކޮށް، ރައްޔިތުންނާ ދިމާކޮށް، މަލާމާތްކުރުން ކަމަށް ކައުންސިލުގެ ނޫސްބަޔާނުގައި ހާމަކޮށްފައިވެއެވެ. ރައްޔިތުންގެ ކަރާމާތަށް އުނިކަން އަންނާނޭ ފަދައިން ޓީވީ މޯލްޑިވްސްއިން ހިންގާފައިވާ ވަރަށް ނޭއްގާނީ ޢަމަލެއް ކަމުގައިވާތީ މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން އެ ކައުންސިލުން ވަނީ ކުށްވެރި ކޮށްފައެވެ.

އެ ޕްރޮގްރާމަށް ފަހު ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް މީސް މީޑިއާތަކުގައި އެޕްރޮގްރާމްގެ ވީޑިއޯ ފޮނުވައި ފުރައްސާރަ ކުރުމާއި، ދިމާކުރުމާއި، މަލާމާތްކުރުމުގެ އޮއިވަރެއް ހިނގަމުންދާކަމަށް މި ނޫސްބަޔާނުގައި ވެއެވެ. ވިލިނގިލީގެ ރައްޔިތުންނާއި ކުޑަކުދިންނަށް މިކަމުގެ ނޭދެވޭ އަސަރުކޮށް ނަފްސާނީގޮތުން އެތައްބަޔަކަށް ގެއްލުންތައް ލިބެމުންދާކަމުގެ ޝަކުވާ ވިލިނގިލީގެ ރައްޔިތުންނާއި ރާއްޖޭގެ އެކި ހިސާބުތަކުން އެކައުންސިލަށް ލިބެމުންދެއެވެ.

2 ކޮމެންޓް
Girl
މެއި 20, 2021
Baikenne ehen kiyas nukiyas thehelaane vennaa hama ganbane budhan. #hajam plx
Budhaa
މެއި 20, 2021
Konthaaku....ey hama erashu meehun dhaangnah kiyaa goy . Thiya ulhenee bayaku athun ehcheh hoadhan