English Edition
Dhivehi Edition

ހުވަދުއަތޮޅުގައި ކޮވިޑް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުމަކީ ޕީ.ސީ.އާރު ޓެސްޓް ހެދޭނެ ގޮތެއް ނެތުން ކަމަށް މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މިއަދު ފޭސްބުކްގައި އާންމު ކުރެއްވި ޕޯސްޓްއެއްގައި ފިރުޝާން ވިދާޅުވީ ގދ. އަތޮޅުގައި ކޮވިޑް-19ގެ ހާލަތު ގޯސް ވެފައިވާ މި ދަނޑިވަޅުގައި އެ އަތޮޅުގައި ކޮވިޑް މެނޭޖްކުރުމަށް އެންމެ ބޮޑަށް ދިމާވެފައިވާ އެއް ގޮންޖެހުން ކަމަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފާހަގަކުރައްވާ އެއް ކަމަކީ، ޕީސީއާރު ޓެސްޓް ހެދޭނެ ގޮތެއް އަތޮޅުގައި ގާއިމުވެފައި ނެތުން ކަމަށެވެ.

މިހާރު އެ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓުކުރުމުން ގެންދަނީ ޖީން އެކްސްޕާރޓް މެޝިނެއް ބޭނުންކޮށްގެނެވެ. މި މެޝިނުން 24 ގަޑިއިރު ތެރޭ 48 އެއްހާ ސާމްޕަލްގެ ޓެސްޓު ހެދެން ހުރި ނަމަވެސް ޖީން އެކްސްޕާރޓް މެޝިނުން ރޯގާގެ އަލާމާތެއް ނުހުންނަ މީހުންގެ ނަތީއްޖާ ބައެއްފަހަރު ކޮވިޑަށް ފައްސި ކަމަށް ނުދައްކައެވެ. ނަމަވެސް ޕީ.ސީ.އާރު މެޝިނަކުން 500 ވަރަކަށް ސާމްޕަލް 24 ގަޑިއިރުތެރޭ ޓެސްޓު ކޮށްލެވެއެވެ.

މިކަމާއި ގުޅޭގޮތުން ޕީ.ސީ.އާރު މެޝިނެއް ގދ. އަތޮޅަށް ހޯދުމަށް މިނިސްޓަރ އޮފް ހެލްތް އަހްމަދު ނަސީމް އާއި މަޝްވަރާކުރެވުނު ކަމަށާއި ޕީސީއާރު މެޝިނެއް އެ އަތޮޅަށް ހަމަޖައްސަވައި ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވާކަމަށް ފިރުޝާންގެ ޕޯސްޓުގައި ވެއެވެ. މިކަމަށްޓަކައި މިނިސްޓަރާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އަށް ގދ. އަތޮޅުގެ ރައްޔިތުންގެ ނަމުގައި ފިރުޝާން ވަނީ ޝުކުރު ދަންނަވާފައެވެ.