English Edition
Dhivehi Edition
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އަލީ - ފޮޓޯ އޭ.އޯ ނިއުސް

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ ނައިބު ރައީސްކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ނަސްރުﷲ އަލީ (ނަސްރު) ހަވާލުވެ ވަޑައިގެންފިއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އެންގުމާއި އެއްގޮތަށް ހުރިހާ ކައުންސިލަރުން ބައިވެރިވި ބައްދަލުވުމެއްގައި ތިނަދޫ ކައުންސިލުގެ ނައިބު ރައީސް ހޮވުމަށް ނެގި ސިއްރު ވޯޓު ކާމިޔާބުކޮށް ނަސްރުﷲ އަލީ ކުރިއަށް އޮތް 05 އަހަރުގެ ދައުރަށް ނައިބު ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިގެންނެވީ މިއަދު ބޭއްވި ގދ. ތިނަދޫ ކައުންސިލުގެ 04 ވަނަ ދައުރުގެ 02 ވަނަ ރަސްމީ ބައްދަލުވުމުގައެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ – ފޮޓޯ އޭ.އޯ ނިއުސް

ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ ރިޔާސަތުގައި އިންނެވި މިބައްދަލުވުމުގައި އެކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް ކުރިމަތިލެއްވީ, މުޙައްމަދު ވަހީދު (ރަކާ) އާއި ނަސްރުالله އަލީ (ނަސްރު)އެވެ. ނަސްރު މަގާމަށް އިންތިޚާބުވީ 04 މެމްބަރުންގެ ވޯޓާ އެކުއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކުގެ ތެރެއިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާކޮށް މަޤާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަތީ މިމަހުގެ 17 ވަނަ ދުވަހު ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އެކަމަށް ހާއްސަކޮށްގެން ބޭއްވުނު ދަރުބާރެއްގައެވެ. ތިނަދޫ ކައުންސިލަށް އިންތިހާބުވި މުޙައްމަދު ޒަލީފް އަބްދުﷲ ކަރަންޓީނުގައި ހުރުމުގެ ސަބަބުން އެދަރުބާރުގައި ބައިވެރިވެވަޑައިގަތީ އޮންލައިންކޮށެވެ.

އަލަށް އިންތިޚާބުވި ކައުންސިލަރުން މަގާމާ ހަވާލުވެފައިވާއިރު ލާމަރުކަޒީ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުތަކާ އެކު، މާލީ މިނިވަންކަމާއި އަމިއްލައަށް ބޮޑެތި މަޝްރޫޢުތައް ހިންގުން ފަދަ ބާރުތައް ހިމެނޭހެން ކައުންސިލްތަކަށް ވަނީ ގިނަ ބާރުތަކެއް ދީފައެވެ.

ޤާނޫނީ ބޮޑެތި ބާރުތަކާއި އިޚްތިޔާރުތައް ލިބިދޭހެން 5 އަހަރު ދުވަހަށް އަލަށް އިންތިޚާބުކުރި ކައުންސިލްތައް ހުވާކުރުމާއި ގުޅިގެން ދެއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މިގެނައި މުހިންމު ބަދަލުތަކާއެކު، ރަށްރަށަށް ހަލުވި ތަރައްޤީއެއް އަންނާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ސިޔާސީ ގޮތުން އަންހެނުން އިތުރަށް ބާރުވެރިވެ، ފަސްޖެހުމެއްނެތި، ޤައުމީ ތަރައްޤީގެ ކަންކަމުގައި ޙަރަކާތްތެރިވެ އުޅުމުގެ ހިތްވަރާއި ކެރުން، ރާއްޖޭގެ އަންހެނުންނަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.