English Edition
Dhivehi Edition

ޝެރިން ބިރުގަންނަނީ ޝެރިންގެ ހަޤީގަތް އެގުމުން ނީލް އޭނަ ދޫކޮށްފައި ހިގައިދާނެތީއެވެ.

ޝެރިން ކޮންމެވެސް އެއްޗެއް ފޮރުވާކަން ނީލްއަށް އެގެއެވެ. އެކަމަކު ޝެރިން އަމިއްލައަށް ބުނަންދެން އިންތިޒާރުކޮށްގެން ހުންނަނީއެވެ.

ނީލްގެ ބައްޕަ މަރުވިތާވެސް އެއްމަސްވީއެވެ. ވިޔަފާރި ކަންތައްތަކުގައި ނީލްހުރީ މާލޭގައެވެ. ނީލް ނެތުމުން ޝެރިން ގެއިންވެސް ނުނުކުމެއެވެ. ގޭގައި އުޅޭ ނޯކަރުންނާވެސް ޝެރިން ވާހަކަދައްކަނީ ވަރަށް މަދުންނެވެ. ގިނަވަގުތު އިންނަނީ ކޮޓަރީގައެވެ. އެކޮޓަރިއަށް އެއްވެސް މީހަކު ނުވަންނަން ޝެރިން އޮންނަނީ އަންގާފައެވެ.

އާދައިގެ މަތިން ރެއެކެވެ. އެރަށުގެ މުދިންބެ އިޝާ ނަމާދުކޮށްގެން ގެޔަށް އަންނަނިކޮށް ކުކުޅުތަކެއް ތެޅިފޮޅޭއަޑުއިވުނެވެ. މުދިންބެ ފަސްއެބުރި ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެކަމަކު ކުކުޅުތައް ހޭރޭ އަޑުއިވެއެވެ. މުދިންބެ މަޑުމަޑުން ގޮސް ޖެހިގެންހުރި ގޯޅިން އަޅާލާ ބަލާލިއިރު ގެއެއްގެ ކުކުޅު ކޮށީގައި ތިބި ކުކުޅުތައް ތެޅިފޮޅެނީއެވެ. އަދިރިކަމުން އެހާ ރަގަޅަކަށް ނުފެނުނެވެ. އެހެންކަމުން އަތުގައި އޮތް ޓޯޗުން ކޮށީގެ ތެރެޔަށް އަލިކޮށްލިއެވެ.

“އަސްތައުފިރުﷲ!” މުދިންބެއަށް ފަހަތަށް ޖެހެވުނެވެ. ކޮށިތެރޭގައި ކުކުޅެއް ނޮޅައިގެން ކާން އިނީ އިންސާނެއް ނޫންކަން މުދިންބެއަށް އެގުނީ ޓޯޗުން އަލިކުރުމުން އޭތި އެބުރި ބަލާލުމުންނެވެ.

މުދިންބެ އަތުން ޓޯޗު ބިންމައްޗަށް ވެއްޓުނެވެ. ގައިގައި ހުރި ބާރެއްލާފައި މުދިންބެ ހެޔޮއެއްޗެހި ކިޔަމުން ހިގައިގަތެވެ. އެދިޔަ ގޮތަށް ގޮސް ވުޟޫކޮށްގެން މިސްކިތަށް އަރާ އިނދެ ގުރުއާން ކިޔަވަންފެށިއެވެ.

މުދިންބެ ގެޔަށް ނައިސްގެން އެގޭ ކުއްޖަކު މިސްކިތްދޮށަށް ގޮސް ބަލާލިއެވެ.

“ބައްޕާ! ބައްޕަ ލަސްވެގެން މަންމަ އެބަހުރި އަދި ނުކައި. ހިނގާ ގެޔަށް ދަމާ!” އެކުއްޖާ ބުނެލިއެވެ.

“ދަރިފުޅު އެކަނިތަ ތިއައީ.” މުދިންބެ އަހާލިއެވެ.

“ނޫން. އަހަރެން އެކަނި އަންނަން ނުކެރިގެން ރައްޓެހި ކުއްޖަކާއެކީ މިއައީ.” އެކުއްޖާ އެހެން ބުނުމުން މުދިންބެ ބޭރު ބަލާލިއެވެ. މިސްކިތުން ބޭރުގައި ދެތިން ކުއްޖަކު ވާހަކަ ދައްކަން ތިއްބެވެ.

މުދިންބެ ތެދުވެގެން ގެޔަށްދާން ހިގައިގަތެވެ. މިސްކިތުން ނުކުތްތަނުން ފަހަތުން މީހަކު އަންނަހެން ހީވިއެވެ. އެކަމަކު މުދިންބެ ފަސްއެބުރި ނުބެލިއެވެ. އެކުދިންނާއެކު ގެޔަށް ދިޔައީއެވެ.

ފަތިސްނަމާދަށް ނުހޭލައިގެން ބަލާލިއިރު މުދިންބެ އޮތީ މަރުވެފައެވެ. މުދިންބެގެ ލޯ ބޮޑަށް ހުޅުވިފައި އޮތުމުން އެންމެން ބިރުގަތެވެ.

“މިއީ މިގޮތަށް މިރަށުން މަރުވި ދެވަނަ މީހާ. އެހެރަގޭ އުޅޭ ޝެރިންގެ މަންމަ ވެސް މަރުވެފައޮތީ ހަމަ ތިހެން.” އަވަށްޓެރި މީހަކު ބުނެލިއެވެ.

މުދިންބެގެ އަންހެނުންނާއި ދަރިފުޅުވެސް ރޮނީއެވެ.

“ހައްވާ! ދެން ނުރޮއި ހުއްޓާލާ. މީ ކިހިނެއްވި ކަމެއް؟” އެތަނުގައި ތިބި މީހުންގެ ތެރެއިން މީހަކު ބުނެލިއެވެ.

“މުދިންބެ މަރުވެފަ ވަނީ ލޭ މަދުވެގެން. ހަށިގަނޑުގައި ލޭ ވަރަށް މަދުން ހުރީ. ހީވާގޮތުގައި ހުންއައިސްގެން ފިޓްވެސް ޖެހިފަ އޮތީ.” ހޮސްޕިޓަލުގެ ފަރާތުން އައިސް ހުރި ޑޮކްޓަރު ފުލުހަކަށް ކިޔައިދިނެވެ.

“އެކަމަކު އިއްޔެ ބައްޕަ ހުރީ ވަރަށް ފިޓްކޮށް. ލޭބަލަންވެސް ދިޔަ އިއްޔެ. އަހަރެން ބައްޕައާއެކީ ދިޔައިން ހޮސްޕިޓަލަށްވެސް. ދެން ކިހިނެއް ލޭމަދުވެގެން ބައްޕަ މަރުވާނީ.” މުދިންބެގެ ދަރިފުޅު ބުނެލިއެވެ.

ޝެރިން އިނީ ޓިވީ ބަލާށެވެ. ޚަބަރު ބަލަން އިންދާ މުދިންބެ މަރުވި ވާހަކަ ޚަބަރުން ގޮވިއެވެ.

“މިރަށު މީހުން އެބަކިޔާ ރޭގަ މުދިންބެއާ އެއްޗެއް އަޅައިގަތީއޭވެސް. މުދިންބެ އަންހެނުން ކައިރީ އެކަހަލަ ވާހަކައެއް ދެއްކިޔޯ.” ގޭގައި އުޅޭ ނޯކަރަކު ވާހަކަ ދެއްކި އަޑު ޝެރިންއަށް އިވުނެވެ. ދެނޯކަރުން ވާހަކަ ދައްކަމުން ދިޔައިރު ޝެރިން އިނީ އަޑުއަހާށެވެ.

“މީރާ! އާދެބަ މިކޮޅަށް.” ޝެރިން އެގޭ ގެންގުޅޭ ކައްކާއަށް ގޮވާލިއެވެ.

“ކީކޭ އެންމެން މިކިޔަނީ. މުދިންބެ މަރާ ބެހޭގޮތުން.”

“އެންމެން ބުނަނީ މުދިންބެ މަރުވަނީ. ރަށުގަ ޖިންނި އުޅޭނީއޭ. ޖިންނި މުދިންބެ މަރާލީ. މީރާ ވަރަށް ބިރު ގަންނަނީ.” މީރާ އަކީ ބޭރު މީހެއް ކަމުން ދިވެހިން ވާހަކަ ދައްކަން އެގެނީ ކިރިޔާއެވެ.

“ދައްތަ އަހަނީ ފަރީޝާ ކައިރިން. އޭނަ އެގެނީ ބޮޑުކޮށް.” މީރާ ބުނެލިއެވެ.

“އޯކޭ. ފަރީޝާއަށް ގޮވާބަލަ.” ޝެރިން މިހެން ބުނުމުން މީރާ ގޮސް ފަރީޝާ ގޮވައިގެން އައެވެ.

ރަށުގައި މިހާރު ޖިންނި ޝައިތާނުން އުޅޭކަމާއި މީހުން ގައިން ލޭބޮއި ހުސްކޮށްފަ މީހުން މަރާކަމަށް ފަރީޝާ ބުންޏެވެ.

ޝެރިން ހޭންފެށިއެވެ. ގަބޫލުކުރަން ދަތިވާހަކައަކަށް ވީމައެވެ.

“ސާބަސް ފަރީޝާ! ތިދެން މީހުން ގަބޫލުވެސް ކުރާކަހަލަ ވާހަކައެއް ނޫނެއްނު. ލޭ ބޮއި ހުސްކުރަން މިރަށަށް ޑްރެކިއުލާއެއް އެރީތަ.” ޝެރިން ހެމުން ބުނެލިއެވެ.

“އަތްދިއްޔޯއި.” ޝެރިންއަށް އާފަލެއް ކޮށައިދޭން އުޅެނިކޮށް މީރާގެ އިނގިލި ކަޑައިގެން ދިޔައެވެ. މޭޒުމައްޗަށް ލޭ ފައިބާން ފެށިއެވެ. ބޮޑުތަނެއް ކަމުން ފަރީޝާ ދުއްވައިގަތީ ފަސްޓްއެއިޑް ކިޓް ހޯދާށެވެ. ޝެރިން އިނީ މޭޒުމައްޗަށް ބަލައިގެން ކަޅި ހުއްޓިފައެވެ. ފަރީޝާ އައިސް މީރާގެ އިގިލީގައި ބޭސް އަޅައިދިނެވެ.

“ދައްތާ! ކިހިނެއްވެފަ ތިއިނީ.” މޭޒާދިމާލަށް ބަލަހައްޓައިގެން ޝެރިން އިނުމުން މީރާ އަހާލިއެވެ.

“ކަމެއްނުވޭ. ފަރީޝާ މިތަން ސާފްކޮށްލާ!” ޝެރިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

ޝެރިން އައިސް ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުއްޓެވެ. ފޯނުނަގާފަ ނީލްއަށް ގުޅާލިއެވެ.

“ނޮޓް ބޭޑް. މިއަދު އަމިއްލައަށް ފެނިގެން އަހަންނަށް ގުޅި ދުވަހެއްތަ.” ފޯނު ނެގުމާއެކު ނީލް ބުނެލިއެވެ.

“އައި މިސް ޔޫ!” ޝެރިން ބުނެލިއެވެ.

“މިސްޔޫޓޫ. ކިހިނެއްވީ. ހުރިހާ ކަމެއް ރަގަޅުތަ.” ނީލް އަހާލިއެވެ.

“ކޮންއިރަކު އަންނަނީ. ދެން އުޅޭ އަންނަން. އަހަރެން އެކަނި މިހެން ކިހިނެއް އުޅޭނީ.”ޝެރިން ބުނެލިއެވެ.

“އަދި ދުވަސްކޮޅެއް ވާނެ. މިކޮޅަށް އައި ފަހުން ބަލިވެގެން ޑޮކްޓަރަށް ދެއްކީމަ ބުނީ ލޭ މަދު ވާހަކަ. އެއްފަހަރު މިހާރު ލެ އަޅައިފިން. މިހާރު ރަނގަޅު ކުރިޔަށްވުރެން. ޑޮކްޓަރު ބުނީ އަދި ދެތިން ހަފްތާ ފަހުންނޭ ރަށަށް ދެވޭނީ.” ނީލް ބުނެލިއެވެ.

“ތީ އަހަންނާ ދުރުގަ ހުންނާތީ ވާގޮތް. ދެން އާދެބަ. ވަރަށް އެކަނި ދެން މިހެން އުޅެން. މަންމަ މަތިންވެސް ވަރަށް ހަދާންވޭ.”

“އޯކޭ އެބަ ގުޅަން. މިހާރު މިދަނީ ތަނަކަށް ދާން.” ނީލް ފޯނު ބޭއްވިއެވެ.

“ހައި!” ނީލް ފޯނު ބާއްވާފައި އެބުރި ބަލާލިއިރު ކައިރީގައި ދީމާ ހުއްޓެވެ.

ދީމާއަކީ ނީލްއާއެކީ އޮސްޓްރޭލިއާގައި ކިޔަވަން އުޅުނު ކުއްޖެކެވެ. ނީލް ވަރަށް ލޯބިވި ކުއްޖެކެވެ. އެހެންނަމަވެސް ދީމާ ބަލަނީ ނީލްއަކީ އޭނަގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައެވެ.

“އަހާ ދީމްސް! ހައި. ހާދަ ދުވަސްކޮށްފައި.”ނީލް ދީމާއާ ސަލާންކުރަމުން އަހާލިއެވެ.

“އާދޭ ކޮފީއެއް ބޯލަން. ވަރަށް ރަނގަޅު ގަޑިޔަކު ދިމާތިވީ. އާދޭ.” ކުރިމަތީ ހުރި ކެފޭއަކަށް ވަންނަން ދެކުދިން ހިގައިގަތެވެ.

ދިރިއުޅުމުގެ ވާހަކަތައް ދައްކަމުން ގޮސް ދީމާ ބުނެލިއެވެ.

“ނީލް! އަހަރެން ބޭނުން ނީލްގެ ވައިފް ދެކިލަން. އަހަރެން ގޮވައިގެން ތިރަށަށް ދާނީ.”

“އޯކޭ ހަމަ. ދީމްސްއަށް ދެވެންޏާ ހަމަ ދާންވީ.. އެވާހަކައެއް ނޫނޭ. ދީމްސް ބުނީމެއްނު ކިޔަވާ ނިމިގެން ތިމަންނަ ކިޔަވާނީ ޕެރެނޯމަލް ރިސާޗްއޭ. އެކަންތައް ކިހިނެއް ވަނީ މިހާރު.” ނީލް ކޮފީ ބޮމުން އަހާލިއެވެ.

“ހުމް. އަހަރެން ވަރަށް ގިނަ ރިސާޗް ހަދައިފިން ތިކަމުގައި. އެކަމަކު ދެން ބޭނުންވަނީ ކުޑަ ބްރޭކްއެއް ނަގާލަން. ވަރަށް ނުރައްކާތެރި ކަމެއް އެއީ. ނީލް ގަބޫލުވެސް ނުކުރާނެ އަހަރެން ބުނެފިއްޔާ އަހަރެމެން ތެރޭގައި މީހުންނާ އިދެގެން ކުދިން ހޯދައިގެން އުޅޭ ޖިންނި ޝައިތާނުންވެސް އުޅޭ ބުނެފިއްޔާ. އަހަރެން ހުންނަނީ ހަމަ ކޮސްވެފަ. ބަލާފަ ބުނާކަށް ނޭގޭނެ އެއީ އެބްނޯމަލް މީހެކޭވެސް. ދޭ ލިވް ލައިކް އަސް. އޯ އެމްޖީ. ވަރަށް ފަހުން މާލެއިންވެސް އެކަހަލަ ކޭސް އެއް ފެނިއްޖެ. އަހަރެމެން އުޅޭ ގްރޫޕެއް މިކަމުގައި. އެމީހުންކައިރީ މީހަކު ބުނި އެއްޗަކުން ބަލާލިއިރު އެމީހާ އިދެގެން އުޅުނީ ޖިންނިއަކާ އަދި ޔޫ ކާންޓް ބިލީވް އެ ޖިންނި ދިރި އުޅެނީ އޭނަ ގައިގެ ލޭ ބޮއެގެން. އޭނަގެ ފަސްކުދިން ތިބި އިރު ރަގަޅަށް ތިބީ ތިން ކުދިން. ދެންތިބި ދެކުދިން އެއީ ޖިންނި ނަސްލުގެ ކުދިން.” ދީމާ ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައިރު ނީލް އިނީ ކަނުލާ އަޑުއަހާށެވެ.

“ދެން ކިހިނެއް ހެދީ ފަހުން.” ނީލް އަހާލިއެވެ.

“އަހަރެމެން ރުޤްޔާ ކުރާ މީހެއްގެ އެހީ ހޯދީ. ޖިންނި މަރުވެގެން ދިޔައިރު އޭނަގެ ދެދަރިން ސަލާމަތްވެއްޖެ. އެ ފިރިހެން މީހާ ދުނިޔެއިން މޮޔަވެފަ މިހާރު ހުރީ.”

“ދެން އެދެކުދިން މިހާރު ކޮބާ.؟” ނީލް ޝައުގުވެރިވި ވަރުން އަހާލިއެވެ.

“އެދެކުދިން އުޅޭނެ އަހަރެމެންގެ ތެރޭގައި. ކިހިނެއް ބުނަން އެގޭނީ. އެންމެ ދުވަހެއްގެ ތެރޭގައި އެކުދިން ބޮޑުވެ އަހަރެމެންނަށް ނޭގޭ ފާހަގަ ކުރާކަށްވެސް. އެއީ އަހަރެމެންނަށް ހުރި ނުރައްކަލެއް އެދެކުދިންނަކީ. “ދީމާ ކިޔައިދިނެވެ.

“އޯކޭ ދެން. އަހަރެން ބިރުނުގަނުވާ. އަދި ދިމާވާނަން ފަހުން. ދުވަސްކޮޅަކު މިކޮޅުގަ އުޅެލާފަ ރަށަށް ދާނީ.” ނީލް ދާން ތެދުވުމުން ދީމާ އޭނަގެ ނަންބަރު ދީފައި ގުޅާން ބުންޏެވެ.

(ނުނިމޭ)