English Edition
Dhivehi Edition

ބޯ ފަޅައިގެން ގޮސް މުޅި މޫނުމައްޗަށް ލޭ ފައިބަން ފެށިއެވެ. ދެންވީގޮތެއް ނީލްއަކަށް ނޭގެއެވެ.

ކޮންމެވެސް މީހަކު ނީލް އޭނަގެ އަތްމައްޗަށް ނަގައިގެން އުދުހިގަތްހެން ނީލްއަށް ހީވިއެވެ. ނީލް ލޯހުޅުވާލިއިރު ނީލްއަށް އޮވެވުނީ ޝެރިންގެ އުގުގައި ބޯއަޅައިގެންނެވެ. ޝެރިންގެ އަތްއޮތީ ނީލްގެ ނިތްކުރީގައެވެ.

“އަހަރެންގެ ބޯ!” ނީލް އެންމެ ފުރަތަމަވެސް އަތްއެޅީ އޭނަގެ ބޮލުގައެވެ. އެކްސިޑެންޓުވެ ބޯފަޅައިގެން ދިޔަކަން ނީލްއަށް އެގޭތީއެވެ.

“ކިހިނެއްވީ ބޮލަށް؟” ޝެރިން އަހާލިއެވެ.

“އަހަރެން އެކްސިޑެންޓުވީ ނޫންތަ؟”

“އެކްސިޑެންޓޭ! ކީކޭ ނީލް ތިކިޔަނީ. ކޮންއިރަކު ނީލް އެކްސިޑެންޓުވީ. ނީލް އައިސް އަހަރެން ކައިރީ ބުނީ ބައްޕަ އޯކޭ ވި ވާހަކަ. ނީލް އަހަރެން ގޮވައިގެން މިތަނަށް އައީވެސް ނީލްއެއްނު!” ޝެރިން ބުނެލިއެވެ.

” އަހަރެން ޝެރިން ކައިރިޔަށް އަންނަނިކޮށް އެކްސިޑެންޓުވީ. ދެން ކިހިނެއް ބައްޕަ އޯކޭވިކަން އެގުނީ.” ވަށައިގެން ތަންތަން ހޯދަމުން ނީލް އަހާލިއެވެ. އެމީހުން ތިބީ ރަށުގެ އަތިރިމަތީ ދޮންވެލިގަނޑު މަތީގައެވެ.

“އަޖައިބެއް! ނީލްއެއްނު ބުނީ.” ޝެރިން މިހެން ބުނުމުން ނީލް ހުރީ ވާނުވާ ނޭގިފައެވެ.

އެކްސިޑެންޓެއްވެސް ނުވޭ ބޯވެސް ފެޅިފައެއް ނެތެވެ. ނީލްއަށް މިފެނުނީ ހުވަފެނެއްބާއޭ ހިތަށްއެރިއެވެ.

“ދެންހިގާ ގެޔަށް ދަމާ. މަންމަ ހުންނާނެ މިހާރު ލަސްވެފަ.” ޝެރިން ވާހަކަ އޮޅުވާލިއެވެ.

ދެކުދިން ގެޔަށް ދިޔައިރު މަންމަ އިނީ ޖޯލީގައި ޝެރިން ވީތަނެއް ނޭގިގެން ކަންބޮޑުވެފައެވެ.

“ދަރިފުޅު ކޮންތާކަށް ދިޔައީ. މަންމަ ކައިރީ ނުބުނެ ދިޔައިމަ ފިކުރުބޮޑުވެފަ މިއިންނަނީ.” ޝެރިން ފެނުމުން މަންމަ ބުނެލިއެވެ. ނީލް އައިސް ޖޯލީގައި އިށިންނަމުން ބައްޕަ އެގުޅުމާ ރުހޭ ވާހަކަ މަންމަ ކައިރީ ބުނެލިއެވެ.

ނީލް ބޭނުމީ ދެކުދިން ކައިވެނިކޮށްގެން ޝެރިންއާއި މަންމަ ނީލްމެން ގޭގައި ދިރިއުޅޭށެވެ. އެކަމަކު ޝެރިން އެގޮތާ އެއްބަހެއް ނުވިއެވެ. ޝެރިން ބޭނުމީ އަމިއްލަ މަސައްކަތް ކޮށްގެން ޝެރިންގެ ގޭގައި އުޅޭށެވެ. ނީލްއަށް އެގޮތްވެސް ކަމުދިޔައެވެ.

ދެކުދިން ރައްޓެހިވެގެން ހަތަރު މަސް ނުވަނީސް އެދެކުދިންގެ ކައިވެނި ކުރެވުނެވެ. އެއީ ނީލް ބޭނުންވި ގޮތެވެ. ނީލް އާ ޝެރިން އުޅެމުން ދިޔައީ ޝެރިންގެ ގޭގައެވެ. ނީލްވެސް ވަޒީފާއަކަށް ދާން ފެށިއެވެ. ވަގުތެއް ވުމުން ބައްޕަގެ ވިޔަފާރީގައި ބައްޕައަށް އެހީތެރިކަންވެސް ފޯރުކޮށްދެއެވެ.

ޝެރިން އޮފީހުން ނިމިގެން ގެޔަށް އަންނަނީ ނީލް މަސައްކަތުން ނިމިގެން ގެޔަށް އަންނަތާ އެއްގަޑިއިރު ފަހުންނެވެ. ދެކުދިން އުޅެމުން އައީ ވަރަށް އުފަލުގައެވެ.

އެއްދުވަހު ނީލް ޝެރިންއަށް ސަޕްރައިޒްއެއް ދޭންވެގެން އޮފީހަށް ދަނީއޭ ކިޔާފައި ދޮގުހެދީއެވެ. ޝެރިން ގޮވައިގެން ހަވީރު ސަޔަކަށް ރެސްޓޯރެންޓަށް ދާންވެގެން އޮފީސް ނިމޭ ގަޑިޔަށް ގޮސް އޮފީސްކުރިމަތީގައި ހުރީއެވެ. އެހެން ހުންނަތާ ބައިގަޑިއިރު ފަހުން އޮފީސްގަޑި ނިމި އެންމެން އޮފީހުން ނުކުންނަން ފެށިއެވެ. ނީލް އިނީ އަތަށް ރަތް ފިނިފެންމަލެއް ލައިގެން ސައިކަލް މަތީގައި ލޯގަނޑުން އިސްތަށިގަނޑު ރަނގަޅު ކޮށްލަކޮށްލާއެވެ. އެންމެން ނުކުންނަތަން ބަލަންއިންދާ އެންމެން ނުކުމެ އޮފީސްވެސް ތަޅުލައިފިއެވެ. ޝެރިންއެއް ނުނިކުތެވެ. ޖީބުން ފޯނު ނަގާފައި ނީލް ޝެރިންއަށް ގުޅާލިއެވެ. ޝެރިން ފޯނުވެސް ނުނަގައެވެ.

ގަޑިދެގަޑިއިރު އޮފީސްކުރިމަތީ އެހެން ހުރުމަށްފަހު ގެޔަށް އައީ މާޔޫސްވެގެންނެވެ. ގެޔަށް އައިސް ވަންއިރު ޝެރިން އިނީ ގޭގެ ސޯފާގައި ހިނިތުންވެފައެވެ.

“މިއަދު ހާދަ ލަހަކުން. ކިހިނެއްވީ؟” ޝެރިން އަހާލިއެވެ.

“ޝެރިން މިއަދު ހާދަ އަވަހަކަށް ގެޔޔަށް އައީ. އަނެއްކާ މިއަދު އޮފީހަށް ނުދަނީތަ؟”

“ނޫން. ދިޔައިން. އެކަމަކު މިއަދު ތަންކޮޅެއް އަވަހަށް ނިމުނީ.” ޝެރިން ބުނެލިއެވެ. ޝެރިން މިހެދީ ކަޑައެޅިގެން ދޮގެއްކަން އެގުމުންވެސް ނީލް އެކަމާ އަޅައެއް ނުލިއެވެ.

އަތުގަ އޮތް ފިނިފެންމާ ޝެރިންއަށް ދީފައި ހަވީރު ސަޔަށް ދެކުދިން އެކީގައި ދިޔައީއެވެ.

ނީލްގެ ފަރާތުން ހީނުކުރާވަރަށް އަޅާލުމާއި އޯގާތެރިކަން ލިބޭތީ ޝެރިން ހުންނަނީ ވަރަށް އުފާވެފައެވެ.

ކައިވެންޏަށް އަހަރެއް ނުވަނީސް ނީލްގެ ބައްޕަ މަރުވެއްޖެއެވެ. ބައްޕަ މަރުވުމުން ނީލްއަށް ޖެހުނީ އޭނަގެ ބައްޕަގެ ވިޔަފާރިއާ ހަވާލުވާށެވެ. އެހެންކަމުން ނީލްއާއި ޝެރިން ނީލްގެ ގެޔަށް ބަދަލުވީއެވެ. ވިޔަފާރި ރަނގަޅަށް ހިގާތީ ޝެރިން ވަޒީފާއަކަށް ދާން ނީލް ބޭނުމެއްނުވީއެވެ. ނީލް ކިޔާވަރުން ޝެރިން އެގޮތާ އެއްބަސްވީއެވެ.

ނީލްގެ ގޭގައި މަސައްކަތު މީހުން ތިބޭތީ ޝެރިން އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ.

ކޮންމެދުވަހަކުވެސް ނީލް ފިހާރައަށް ދިޔުމުން ޝެރިން ދަނީ އޭނަގެ މަންމަގެ ގާތަށެވެ. މިއަދުވެސް ޝެރިން ދިޔައީ މަންމައާ ބައްދަލުކުރުމަށެވެ.

މަންމަ ފެންނަން ނެތުމުން ޝެރިން އިރުކޮޅަކު ގޭގެ ޖޯލީގައި އިށީނެވެ. މަންމަ ބޭރަށް ދިޔައީ ކަމަށް ހީކޮށްފަ އަންނަންދެން އިނީއެވެ. އެތައްއިރަކު މިގޮތަށް އިނުމަށްފަހު ޝެރިން މަންމަ ކޮބައިތޯ ބަލަން މަގުމައްޗަށް ނުކުތެވެ. އެކަމަކު މަގަކުމަތިންވެސް މަންމަ ނުފެނުނެވެ. ގެޔަށް އައިސް މުޅިގެ ބެލިއިރުވެސް މަންމަ ނުފެނުނެވެ. ޝެރިން ގޯތިތެރެ ހޯދަމުން ދަނިކޮށް ގިފިލީގައި މަންމަ ވެއްޓިފައި އޮތްވާ ފެނުނެވެ. ގޮސް ބަލާލިއިރު މަންމަގެ ލޯ އޮތީ ހުޅުވިފައެވެ. މަންމަ އޮތީ މަރުވެފައެވެ. ޝެރިން މަންމަ ނަގާ އުގަށް ލައިގެން އިދެ ރޯންފެށިއެވެ. ފޯނު ރިންގުވާންފެށުމުން ބަލާލިއިރު ގުޅީ ނީލްއެވެ. މަންމަ މަރުވި ޚަބަރު ދިނުމުން ނީލް އަވަހަށް އެގެޔަށް އައެވެ.

ގޭދޮށަށް މީހުން ޖަމާވާން ފެށިއެވެ. ޝެރިން ހުއްޓާނުލާ ރޮމުން ގެންދިޔައެވެ. ހޮސްޕިޓަލު މީހުންނާއި ކައުންސިލް މީހުން ގޭތެރޭ ހަރަކާތްތެރިވަމުންދިޔައެވެ.

ގޭދޮށުގައި އެއްވެފައި ތިބި މީހުން ފާޑުފާޑުގެ ވާހަކަ ދައްކަމުންދިޔައެވެ. އެތަނުން މީހަކު ބުނިގޮތުގައި ރޭ އެގޭތެރެއިން މީހަކު ރޯއަޑާއި ހަޅޭއްލަވާ އަޑު އިވުނެވެ. ހީވާ ހީވުމުގައި އެއީ ޖިންނި ޝައިތާނުންގެ ކަމެކޭވެސް ބައެއް މީހުން ބުނަމުންދިޔައެވެ.

މިހުރިހާ ވާހަކައަކަށް ނީލް ދިނީ ބީރު ކަންފަތެކެވެ.

މަންމަގެ ކަށުކަމާކެމީގެ ކަންތައް ނިންމާފައި ގެޔަށް އައިއިރު ޝެރިން އިނީ ރޯށެވެ. ނީލް އެރޭ ހަތަރުދަމު ހުރީ ޝެރިން ކައިރީގައެވެ. މަންމަ މަރުވުމުން ޝެރިން ވަރަށް އެކަނިވެރިވިއެވެ.

ރޭގަނޑުގެ ވަގުތެކެވެ. ނީލް އޮތީ ނިދާފައެވެ. ނީލްއަށް ހޭލެވުނީ މީހަކު ގިސްލާފަ ރޯއަޑަށެވެ. ތެދުވެ ބަލާލިއިރު ޝެރިން އިނީ ކޮޑަދޮރު ކައިރީ ރޯށެވެ. ޝެރިން ހަމަޔަކަށް އެޅުވޭތޯ ނީލް ވަރަށް މަސައްކަތްކުރިއެވެ.

“ޝެރިން. ދެން ހުއްޓާލާ! އެގޭ މަންމަ މަރުވީމަ ޝެރިން ދެރަވާނެކަންވެސް. ކުޑަކޮށް ނިދާލަބަ އޭރުން ހަމައަކަށް އެޅިދާނެ.” ނީލް ބުނެލިއެވެ.

ޝެރިން ގެނެސް އެދުގައި ބާއްވާފައި ކައިރީގައި ނީލް އޮށޯތެވެ. އެރޭ ހަތަރުދަމު ޝެރިން ރުއީއެވެ. މަންމަ މަރުވިފަހުން ދެދުވަސްވީއިރުވެސް ޝެރިން ހުއްޓާނުލާ ރޮނީއެވެ.

“ޝެރިން! ގަބޫލުކުރަން މަންމަ ނެތުމުން ޝެރިން ދެރަވާނެކަންވެސް. އެކަމަކު ތިވަރަށް ހިތާމަކުރާކަށް ނުވާނެ. އަހަރެންވެސް މިހިރީ ނުން. އަހަރެން ޝެރިން ދުވަހަކުވެސް ދޫކޮށްނުލާނަން. ދެން ހުއްޓާލާ.” ކަރުނަ ފޮހެދެމުން ނީލް ބުނެލިއެވެ.

“ނީލް. އަހަރެން ރޮނީ މަންމަ ނެތުމުން މަންމަ މަތިން ހަދާންވެގެނެއް ނޫން.” ޝެރިން ބުނެލިއެވެ.

“ދެން ކީއްވެ ހުއްޓާނުލާ ތިރޮނީ. ދެދުވަސް މިވީ ޝެރިން ރަނގަޅަށް އެއްޗެއް ނުކާތާވެސް.”

“އަހަރެން ރޮނީ އަހަންނަށް ނީލް ގެއްލިދާނެތީ. އަހަރެން ވަރަށް ލޯބިވޭ ނީލްދެކެ. އަހަރެން ބޭނުމެއްނޫން ނީލް ގެއްލޭކަށް.އަހަރެން ބިރުގަންނަނީ މަންމަ ގެއްލުނު ގޮތަށް ނީލްވެސް!” ޝެރިން ރޮމުން ބުނެލިއެވެ.

” އަހަރެން ނޫޅެމޭ ޝެރިން ދޫކޮށްލާކަށް. އިރާދަކުރެއްވިއްޔާ އަހަންނަށް އެއްވެސް ކަމެއް ނުވާނެ. ދެން ހުއްޓާލާ.” ނީލް ހެމުން ބުނެލިއެވެ.

އެކަމަކުވެސް ޝެރިން ހުއްޓާނުލިއެވެ. ނީލްއަށް މިކަން ބޮޑުކަމަކަށް ވެއްޖެއެވެ. ނީލް ވަރަށް އާދޭސް ކުރުމުން ޝެރިން އެވަގުތަށް ހުއްޓާލައެވެ.

ޝެރިން ބިރުގަންނަނީ ޝެރިންގެ ހަޤީގަތް އެގުމުން ނީލް އޭނަ ދޫކޮށްފައި ހިގައިދާނެތީއެވެ.

(ނުނިމޭ)