English Edition
Dhivehi Edition

ހަފްތާއެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފެށުމުން މަންމަގެ ހާލު ރަނގަޅުވަމުން ދިޔައެވެ.

“ނީލްއަށް އެގޭތަ. މަންމަ އޮޕަރޭޝަން ކުރާކަށް ނުޖެހޭ މިހާރު. މަންމަގެ ހާލު މިހާރު ރަގަޅު. އަހަރެން ވަރަށް އުފާވޭ މަންމަ ރަނގަޅުވުމުން.” ޝެރިން ނީލްއާ ވާހަކަ ދައްކަމުން ދިޔައީ ވައިބާއިންނެވެ.

“ހަމަ ސީރިއަސްކޮށްތަ.ހާދަ އުފާވެރި ޚަބަރެކޭ. ޝެރިންއަށް އެގޭތަ މިހާރު ގޭގަ ތަޅުން އަޅާ މުށިވެސް ޖަހައިފި. ދެން އޮތީ ސީލިންގ ކުރުމާއި ކަރަންޓު ވައިރިންގ ކުރުން. އޭރުން އެއްކޮށް ގެ ހަދާ ނިމުނީ.” ނީލްގެ ފަރާތުން ޝެރިންއަށް އެހީތެރިކަމެއް ފޯރުކޮށްދެވުނީތީ ނީލް ހުރީ އުފާވެފައެވެ.

“ހަފްތާއެއް ފަހުން އަހަރެމެން މާލެ ދާނަން. ނީލް ޖެހޭނެ އަހަރެމެން ބަލާ އެއާޕޯޓަށް ދާން.” ޝެރިން ބުނެލިއެވެ.

“ޔަޤީނެއްނު. އަންނަ ދުވަހު ޝެރިންއަށް ސަޕްރައިޒެއް ދޭނަން.”

“ވާއު! އަސްލުތަ. ހާދަ އުފާވެއްޖޭ. ނީލް އަހަރެންގެ ހަޔާތަށް އައި ފަހުން އަހަރެންގެ ދިރިއުޅުން ބަދަލުވެއްޖެ. ތޭންކްސް.”

“ހެހޭ! އެހެންތަ. އެހެންވިއްޔާ އަހަރެން ގެއްލުނަ ނުދެއްޗޭ.” ނީލް މިބުނީ ކީކޭ ކަން ޝެރިންއަށް ނުވިސްނުނެވެ.

“ތިބުނީ ކީކޭ!”

“ދެން އެގިދާނެ ފަހުން. އަޅާނުލާ.” ނީލް ވާހަކަ އޮޅުވާލިއެވެ.

ހަފްތާއެއް ފަހުން

ފްލައިޓް ހުޅުލޭ އެއާޕޯޓުގައި ޖައްސާލުމާއެކު ޝެރިން އެންމެ ކުރިން މަންމަ ގޮވައިގެން ފޭބިއެވެ. ފޮށިތައް ޓްރޯލީއަށް އަރުވައިގެން ޝެރިން ނުކުމެ ނީލް ފެނޭތޯ ބަލާލިއެވެ. ނީލް ފެންނަން ނެތުމުން ޝެރިން މާޔޫސްވިއެވެ. އެއާޕޯޓުން ނުކުންނަން ދިޔަ ތަނުން ނީލް އަތްހޫރަމުން ދުވަމުން އަންނަތަން ފެނުނެވެ.

“ކޮބާ މަގޭ ސަޕްރައިޒް!” ނީލް ފެނުމުން ޝެރިން އަހާލިއެވެ.

“ލޯމަރާ. އޭރުން ލިބޭނީ!” ނީލް އެހެން ބުނުމުން ޝެރިން ލޯމަރާލިއެވެ.

“ދެން ލޯހުޅުވާލާ!” ޝެރިން ލޯހުޅުވާލިއިރު ނީލްއިނީ ދެކަކޫ މައްޗަށް ތިރިވެގެންނެވެ. އަތުގައި މާ ބޮނޑިއަކާ ރަން އަނގޮޓިއެއް އޮތެވެ.

“ވިލް ޔޫ މެރީ މީ!” ނީލް އަހާލިއެވެ.

ޝެރިން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ވީ އުފަލެއްގެ ބޮޑުކަމުންނާއި މަންމަ ކައިރީގައި ހުރުމުން ދޭނެ ޖަވާބެއް ނޭގިފައެވެ.

“ދަރިފުޅާ! ކީކޭ ތިކިޔަނީ” މަންމަ ބުނެލިއެވެ.

“އާ މަންމާ! އަހަންނަށް ޝެރިން ފުރަތަމަ ފެނުނު ދުވަހުންފެށިގެން އަހަރެން ޝެރިން ދެކެ ލޯބިވޭ. އެކަމަކު ބުނަން ނުކެރިފަހުރީ.” ނީލް އިސްޖަހައިގެން ހުރެ ވާހަކަދެއްކިއެވެ.

“ދަރިފުޅާ ނީލް. ތިއީ ރަށުގަ ހުރި އެންމެ ބޮޑު ވިޔަފާރިވެރިޔާގެ ހުރި ހަމައެކަނި ދަރިފުޅު. އަހަރެމެންނަކީ ނިކަމެތި ފަގީރުން. ދަރިފުޅުގެ ބައްޕަ ދުވަހަކުވެސް ރުހުން ނުދޭނެ. ދަރިފުޅުގެ ބައްޕަ ތިގުޅުމާ ގަބޫލިއްޔާ މަންމަވެސް ގަބޫލު.”

މަންމަ މިހެން ބުނުމުން ނީލް ބަލާލީ ޝެރިންގެ މޫނަށެވެ. އެމޫނުމަތިން ކުރިން ފެނިގެންދިޔަ ހިނިތުންވުން މިހާރަކު ނެތެވެ.

“ނީލްގެ ބައްޕަގެ ރުހުން މިގުޅުމަށް ލިބޭނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން.” މިހެންބުނެ ނީލްގެ އަތުގައި އޮތް މާބޮޑި ނަގައިގެން ޝެރިން ކުރިޔަށް ހިގައިގަތެވެ. ފަހަތުން ޓްރޯލީ ހިފައިގެން ނީލްވެސް ދިޔައެވެ.

ރަށަށް ދިޔައީ ނީލް ހިފައިގެން އައި ލޯންޗަކުންނެވެ. ދަތުރުމަތީގައި ޝެރިން ނީލް އާ ވާހަކައެއް ނުދައްކައެވެ. ނީލް އިނީ ޝެރިންއަށް ބަލަހައްޓައިގެންނެވެ. ގެޔަށް ދެވުމާއެކު ޝެރިން އޭނަގެ ކޮޓަރިއަށް ވަދެ ދޮރުގައި ތަޅުލިއެވެ.

ނީލް މަންމަޔާ ވާހަކަދައްކަން އިރުކޮޅަކު އިނުމަށްފަހު ގެޔަށް ދިޔައީ މާޔުސްވެގެންނެވެ. ޝެރިން އެހެން އެހަދަނީ ކީއްވެގެން ކަމެއް ނީލައަކަށް ނުވިސްނުނެވެ. ނީލް މެސެޖް ކުރުމުން ޝެރިން ރިޕްލައިވެސް ނުކުރެއެވެ.

ދެދުވަސް ފާއިތުވެގެން ދިޔައީ ނީލްއަށް ޝެރިން ނުފެނިއެވެ. އެގެޔަށް ދިޔަޔަސް ޝެރިން ނީލް ކުރިމައްޗަށް ނާރައެވެ. ނީލް ހުންނަނީ މިކަމާ ދެރަވެފައެވެ.

އެންމެ ފަހުން ނީލް ނިންމީ ބައްޕަ ކޮންމެ ޖަވާބެއް ދިންކަމުގައިވިޔަސް މިވާހަކަ ބައްޕަޔާ ހިއްސާކުރުމަށެވެ.

ޖެހިގެން އައި ދުވަހު ހެދުނު ހޭލައިގެން ތައުފީޤް ނުކުތްއިރު ސިޓިންގރޫމްގެ ސޯފާގައި ނީލްއިނެވެ.

“އަހަ ދަރިފުޅާ! ހާދަ ހެދުނަކާ ހޭލި ދުވަހެއް. އަނެއްކާ ކިހިނެއްވީތާ!” އާއްމުކޮށް ތައުފީގް ހެދުނު ސައިބޮއިގެން ފިހާރައަށް ދާއިރުވެސް ނީލް ނުހޭލާނެއެވެ. އެކަމަކު މިއަދު އޭނައަށްވުރެ ކުރިން ނީލް ހޭލާއިނީތީ ސުވާލު ކުރީއެވެ.

“ކަމެއް ނުވޭ ބައްޕާ!” ނީލް އިނީ ވާހަކަ ފަށާނެ ގޮތެއް ނޭގިފައެވެ.

“ދަރިފުޅު ބަލިވެތަ ތިއުޅެނީ!” ކައިރިޔަށް އައިސް ނީލްގެ ނިތްކުރީގައި އަތް ޖައްސާލަމުން ތައުފީޤް އަހާލިއެވެ.

“ނޫން ބައްޕާ! އަހަރެން ބައްޔެއް ނޫން.”

” އާދޭ ސައިބޯން.”

ތައުފީގް ގޮސް ކާމޭޒު ކައިރީ އިށީނެވެ. ފަހަތުން ނީލް އައިސް ބައްޕަގެ ކައިރީގައި ހުރި ގޮޑީގައި އިށީނެވެ.

ޕާން ފޮއްޗެއްގައި ޖޭމު ހާކާލަމުން ތައުފީގް ނީލްއަށް ބަލާލިއެވެ. ނީލް ކޮންމެވެސް އެއްޗެއް ބުނަން އުޅޭކަން ތައުފީގްއަށް އެގެއެވެ. އެހެންޏާ ނީލްއަކީ އެހެން އިންނަ ކުއްޖަކަށް ނުވާތީއެވެ.

“ހުމް. ދެން ބުނެބަ! ކީކޭ ބުނަން ތިއުޅެނީ!”

“ކިހިނެއް ބައްޕައަށް އެގުނީ އަހަރެން ވާހަކައެއް ބުނަން އުޅުނުކަން.” ނީލް އިނީ ހައިރާންވެފައެވެ. ފާށަނެ ގޮތެއް ނޭގިގެން އިންދާ ބައްޕަ އަމިއްލައަށް ފެށީމައި ވާހަކަ ދައްކާނީއޭ ހިތަށް އެރިއެވެ.

“އަހަރެން މީ ދަރިފުޅުގެ ބައްޕައޭ. ދަރިފުޅަށް އަންނަ ކުޑަބަދަލުވެސް ބައްޕަ ފާހަގަކުރަން. ބައްޕައަށް އެގޭ މިރަށު ކުއްޖަކު ދެކެ ދަރިފުޅު ލޯބިވާކަންވެސް. ” ނީލްއަށް ބަލާލެވުނީ ބައްޕަގެ މޫނަށެވެ.

” ބައްޕަ މިހުންނަނީ ދަރިފުޅު އަމިއްލައަށް ތިވާހަކަ ބައްޕަ ކައިރީ ދައްކާނެ ދުވަހަކަށް އިންތިޒާރުކޮށްގެން.” ތައުފީގު ޖޫސްތަށިން ކޯވަރެއް ބޯލަމުން ބުނެލިއެވެ.

“ބައްޕައަށް ކިހިނެއް އެގުނީ.” ނީލްގެ ހިތުގައި ސުވާލުއުފެދުނެވެ.

“ހަމަ އެގުނީ. މީ އެހާ ބޮޑު ރަށެއް ނޫނޭ ދަރިފުޅާ! މިރަށުގަ ހިގާ އެއްވެސް ކަމެއް ސިއްރެއް ނުވާނެ. ބައްޕައަށް އެގޭ އެއީ ކޮންކުއްޖެއްކަންވެސް.” ތައުފީޤް މިހެންބުނުމުން ނީލް ޕާންފޮތި ކާން އިންދާ ކޮށިއެރިއެވެ.

އަވަހަށް ޖޫސްތަށިން ކޯވަރެއް ބޯލިއެވެ.

“އަދިވެސް ނުބުންނަންތަ ތި އިންނަނީ.” ތައުފީގް އަހާލިއެވެ.

“ބައްޕައަށް އެގޭތަ އެއީ ކޮންކުއްޖެއްކަން.” ނީލް އަހާލިއެވެ.

އާއެކޭ ބުނުމުގެ ގޮތުން ތައުފީގް ބޯ ޖަހާލިއެވެ.

“އަހަރެން ބޭނުން ޝެރިންއާ ކައިވެނި ކުރަން. އެއީ ވަރަށް އަޚުލާގު ރަނގަޅު ކުއްޖެއް.” މަޑުމައިތިރިކަމާއެކު ނީލް ބުނެލިއެވެ.

“ބައްޕައަށް އެގޭ. ތިދެކުދިންގެ ގުޅުމާ ބައްޕަ ގަބޫލް.” ތައުފީގް މިހެން ބުނުމުން ނީލް ބަލާލީ ތައުފީގު މޫނަށެވެ. ތައުފީގު ނީލްއަށް ބަލާފަ ހީލިއެވެ. ނީލްވެސް ހީގަތެވެ.

“އަސްލުތަ ބައްޕާ!. ބައްޕައަށް އޯކޭތަ އަހަރެން ޝެރިންއާ ކައިވެނި ކުރިޔަސް؟”

“ހޫމް.” ތައުފީގް ދިނީ ކުރު ޖަވާބެވެ.

އެދެކުދިންގެ ގުޅުމާ ބައްޕަގެ ރުހުން ލިބުމުން ނީލް ވަރަށް އުފާވިއެވެ.

ސައިބޮއި ނިންމާފަ ނީލް އަވަސް އަވަހަށް ތައްޔާރުވެލައިގެން ނުކުތީ ޝެރިން އާ ބައްދަލުކޮށް މިއުފާވެރި ޚަބަރު ދިނުމަށެވެ.

ސައިކަލަށް އަރާ ދުއްވާލީ އުފަލުން ލަވަކިޔަމުންނެވެ. ބާރު ސްޕީޑެއްގައި ދުއްވަމުން ގޮސް ގޯޅިން އަޅާލި ވަގުތު ކުރިމަތިން ނުކުތް ޕިކަޕެއްގައި ޖެހިފައި އެކްސިޑެންޓްވިއެވެ. ސައިކަލާއެކު ނީލް ވެއްޓުނު ގޮތަށް ގޮސް ބޯ ޖެހުނީ ފާރުގައެވެ. ބޯ ފަޅައިގެން ގޮސް މުޅި މޫނުމައްޗަށް ލޭ ފައިބަން ފެށިއެވެ. ދެންވީގޮތެއް ނީލްއަކަށް ނޭގެއެވެ.

(ނުނިމޭ)