English Edition
Dhivehi Edition

ނީލް ދާން ތެދުވުމުން ދީމާ އޭނަގެ ނަންބަރު ދީފައި ގުޅާން ބުންޏެވެ.

އާދައިގެމަތިން ދުވަހެކެވެ. ޝެރިން އިނީ އޭނައަށް ހާއްސަކޮށްފައިވާ ގަނޑުވަރެއް ކަހަލަ ކޮޓަރިއެއްގައެވެ. ކޮޓަރީގެ ކުޑަދޮރު ހުރީ ހުޅުވާފައެވެ. ޝެރިން އިނީ ކުޑަދޮރާދިމާލަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް އުދުހޭ އެއްޗެއް ކޮޓަރިތެރެޔަށް ދެމިގަތެވެ. ޝެރިން ދިޔައީ ސިއްސައިގެންނެވެ. އޭތި އިންސާނެއްގެ ސިފައަށް ބަދަލުވިތަން ބަލަހައްޓައިގެން ޝެރިން ހުރީ ފެންކަޅިވެފައެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. މިހާރު ޝެރިންގެ ކުރިމަތީގައި ހުއްޓި އެހެރީ ޒުވާން ރީތި އަންހެން ކުއްޖެކެވެ.

“ކިހިނެއްވެފަ ތިހުންނަނީ ފެންކަޅިވެފަ؟ އަލަށްތަ ތިފެނުނީ!” އެއަންހެންކުއްޖާ ޝެރިންއާ ކައިރިޔަށް ޖެހިލިއެވެ.

” ތީކާކު؟ އަހަރެން ނުދަންނަން. އެނގޭހާވެސް އެއްޗަކީ ތީ އިންސާނެއް ނޫންކަން.” ޝެރިން ބިރުން ހުރެ ވާހަކަ ދެއްކިއެވެ.

“ސާބަސް ކޮއްކޯ! މީ މަށޭ.” ޝެރިންގެ ދައްތަ ފަތީނާ އޭނަގެ އަސްލު ސިފައަށް ބަދަލުވިއެވެ.

“ނޭނގޭނެއެއްނު.”

“ދައްތައަށް އެނގޭ ކޮއްކޮ ތިވިސްނާ ކަންތައް. ނީލްއަށް ހަޤީގަތް އެގުމުން އޭނަ ކޮއްކޮއަށް ގެއްލިދާނެތީ އެކަމާ ތިވިސްނަނީ” ފަތީނާ ބުނެލިއެވެ.

“އާ! އަހަރެން ބިރުގަންނަނީ ނީލް އަހަރެންދެކެ ރުޅިއައިސްދާނެތީ. އޭނަ ވަރަށް ލޯބިވޭ ޝެރިންދެކެ. އަހަރެން މީ ޝެރިން ނޫން ކަން އެނގޭ ދުވަހަކުން އޭނަ ކަންތައް ކުރާނެ ގޮތާމެދު ވިސްނާފަ ދެރަވަނީ.” ޝެރިން އައިސް ފަތީނާގެ އަތުގައި ހިފާލިއެވެ.

“އެދުވަހު ކޮއްކޮއާ އަހަރެން ނިކަގަހުގައި ކުޅެން ތިއްބާ ޝެރިން އައިސް ބީޗުގައި އިނދެ ރޮއިރޮއިފަ ކުރި ޝަކުވާތައް އަހަރެންވެސް އަޑުއެހިން. ފަޤީރު ކުއްޖަކު މަންމަގެ ފަރުވާއަށް ލާރިނުލިބިގެން ކުރި މިންނެތް މަސައްކަތާއި އޭނަގެ މަންމަ މަރުވާކަން އެގުމުން އެފަޤީރު އެކަމާ ކުރި ހިތާމަތައް. ހިޔެއް ނުކުރަން އޭނަ އަމިއްލައަށް މަރުވެދާނެ ކަމަކަށް.” ފަތީނާގެ ލޮލުން ކަރުނަ ހިލިގަތެވެ.

“އާނ ދައްތާ! އޭނަ އަމިއްލައަށް ގެނބި މަރުވީ އެހިތާމަތަކަށް ކެތް ނުކުރެވިގެން. އެންމެ ފަހުން އަހަންނަށް ކެތްނުކުރެވިގެން ޝެރިން މަންމަގެ ފުރާނަ ސަލާމަތް ކުރަން ޝެރިން ކަމަށް ހެދިގެން އަހަރެން އައީ. ނޭނގިހުއްޓާ އަހަންނަށް ނީލްދެކެ ލޯބިވެވިއްޖެ.”

“އެކަމަކު ކޮއްކޯ! އަހަރެމެންނަކީ އިންސާނުންނެއް ނޫން. މި އިންސާނުންނަކީ ހާދަ ނުލަފާ ބަޔެކޭ. އަހަރެން ހަނދާން އެބަހުރި އަހަރެމެންގެ މަންމައަށް އެމީހުން ހަދާލިގޮތް. އަހަރެން ދުވަހަކުވެސް އިންސާނުންނަށް ރަހުމުނުކުރާނަން.”

“ރޭގަ މުދިންބެ މަރާލީ ދައްތަތަ؟” ޝެރިން އަހާލިއެވެ.

“އަހަރެން އިންސާނުންގެ ގައިން ލޭބޮއެ ނުހަދަން. ރޭގަ މުދިންބެއަށް އަހަރެން ފެނުނީ ކުކުޅު ކޮށިތެރޭގަ އިންދާ. އެހެންވެ މުދިންބެ މަރާލީ. އަހަރެންވެސް އަހަރެންގެ ސަލާމަތަށް ވިސްނާނެދޯ! ކޮއްކޮ ހުރޭ ތިހެން އިންސާނުންނަށް ހެޔޮ އެދިގެން. އަހަރެން ނޫޅެން.” މިހެންބުނެ ފަތީނާ އުދުހިގަތީ ކުޑަދޮރާ ދިމާލަށެވެ.

ނީލް ރަށަށް އަންނަ ދުވަސް ކަމުން ޝެރިން ފެންވަރާ ތައްޔާރުވެލައިގެން ބަނދަރުމައްޗަށް ދާން ހިގައިގަތެވެ. އުފަލުން ފޮޅިފައި އިން މަލެއްހެން ހިނިތުންވަމުން ފަރިހިނގުމެއްގައި ގޮސް މަޑުކޮށްލީ ބަނދަރުމަތީ ހުރި ބޮޑުގަހެއްގެ ނިވަލުގައެވެ. މާލެއިން އެރަށަށް އަންނަ ލޯންޗް އައިސް މަޑުކޮށްލުމުން އެންމެ ފުރަތަމަވެސް ލޯންޗުން ފޭބީ ނީލްއެވެ. ނީލް ފެނުމުން ހިނިތުންވެލާފައި ޝެރިން ކުރިޔަށް ހިނގައިގަތެވެ. އެހެންނަމަވެސް ކުރިޔަށް އެޅި ފިޔަވަޅުމަތީ ޝެރިންއަށް ހުއްޓުނެވެ. ނީލް ދިއްކޮށްލި އަތުގައި އަންހެން ކުއްޖަކު ހިފައި ލޯންޗުން ފޭބިތަން ފެނިފައި ކުރިޔަށް އެޅި ފިޔަވަޅު ފަހަތަށް އަޅާލިއެވެ.

އެއަންހެންކުއްޖާ އާއި ނީލް ހީ ސަމާސާކުރާ މަންޒަރު ބަލަން ޝެރިންއަށް ކެތްނުކުރެވިގެން އެބުރި ގެޔަށް ދިޔައީއެވެ. ޝެރިން ދިޔައިރު ގޭގައި ފަތީނާވެސް އުޅުނެވެ.

“އަހަނ! ކޮއްކޯ. ހާދަ ރުޅިގަދަވެފައި. ކިހިނެއްވީ އަނެއްކާ!” ޝެރިން ދޮރާށިން ވަދެގެން އައިސް ފަތީނާ ކައިރީ ޖޯލީގައި އިށީނެވެ. ފަތީނާ ވާހަކަ ދެއްކުމުންވެސް ޝެރިން އަނގަޔަކުން ނުބުންޏެވެ.

ސައިކަލެއް މަޑުކޮށްލި އަޑަށް ފަތީނާ ބަލާލީ ދޮރާއްޓާ ދިމާލަށެވެ. ދެއަތުން ދެފޮށި ހިފައިގެން އައިސް ނީލް އެތެރެޔަށް ވަނެވެ. ފަހަތުން އަންހެން ކުއްޖަކުވެސް ވަދެގެން އައެވެ.

“ފަތީނައްތަވެސް އެބަ އުޅެންދޯ! އަހަރެން ހީކުރީ އަހަރެންގެ އިސްތިގުބާލުގަ ޝެރިން ހުންނާނެކަމަށް.” އަތުގައި ހުރި ފޮށިތައް ބަހައްޓަމުން ނީލް ވާހަކަދެއްކިއެވެ. އެހެނަސް ޝެރިން އަނގަޔަކުން ނުބުންޏެވެ.

“މީ ކޮންކުއްޖެއް؟” ފަތީނާ އަހާލިއެވެ.

” އޮހް! ސޮރީ. މީ ދީމާ. އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް. ދެތިން ހަފްތާއަށް މިރަށަށް ޖައްސާލީ. ދީމާ!. މީ އަހަރެންގެ ވައިފް ޝެރިން. ދެން މިއިނީ ފަތީނައްތަ.”

“ހައި!” ދީމާ ޝެރިންއާ ސަލާންކޮށްލަން އަތްދިއްކޮށްލުމުން ޝެރިން އަޅާވެސް ނުލިއެވެ.

ނީލް ފޮށިތައް ހިފައިގެން އެތެރެޔަށް ވަނެވެ.

“ވަރަށް ދަންނަ މޫނެއްހެން ހީވޭ. މީގެ ކުރިން އަހަންނާ ބައްދަލުވިތަ؟” ދީމާ ފަތީނާގެ މޫނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ.

“ނޫން. ނުދަންނަން. އަހަރެން މީ މިރަށުން ބޭރަށްދާ މީހެއްވެސް ނޫން. ދެން ކިހިނެއް ދިމާވާނީ. ކޮއްކޯ! އަހަރެން ދިޔައީއޭ.” ފަތީނާ އަވަސް އަވަހަށް ނުކުމެގެން ދިޔައީއެވެ. ނަދީމް ގޮވާލުމުން ދީމާ އެތެރެޔަށް ވަދެގެން ދިޔައެވެ.

ނީލް އާއި ދީމާ އެކުގައި އުޅޭތަން ބަލަން ޝެރިންއަށް ކުޅަދާނައެއް ނޫނެވެ. އަބަދުވެސް ދީމާ އުޅެނީ ނީލްއާ އެކުގައެވެ. ޝެރިން އާއި ނީލް ކޮޓަރީގައި ތިއްބަސް ދީމާ އައިސް ގޮވާލުމުން ނީލް ނުކުމެގެން ދަނީއެވެ. މިކަމާ ޝެރިން ވަރަށް ރުޅިއާދެއެވެ. ދީމާ އައި ފަހުން ނީލް އާއި ޝެރިންގެ އުފާވެރި ދިރިއުޅުން ގެއްލިއްޖެއެވެ. ނީލް ވަގުތު ހޭދަކުރަނީ ދީމާއެކީގައެވެ. ގޭގައި އުޅުނަސް ދީމާ އާ ދެމީހުން މަޖާކޮށް ސަކަރާތްޖަހައެވެ.

އާދައިގެ މަތިން ދުވަހެކެވެ. ޝެރިން އިނީ ޓީވީ ބަލާށެވެ. ނީލްއާއި ދީމާ އައިސް ގެޔަށް ވަންނަނީއެވެ. ނީލް ދިޔައީ ކޮޓަރިއަށެވެ. ދީމާ އައިސް ޝެރިން ކައިރީގައި އިށީނެވެ.

“ޝެރިން. ފަތީނާ މީ މިރަށު މީހެއްތަ؟” ދީމާ އަހާލިއެވެ.

“އާނ. އަހަރެން އެންމެ ކުޑައިރުއްސުރެން ފަތީނައްތައާ ވަރަށް ރައްޓެހިވާނެ. އަހަރެން ބަލަނީ އެއީ އަހަރެންގެ އެއްބަޑު އެއްބަފާ ދައްތަކަމަށް.. ކީއްވެ އަސްލު ތިހެން ތިއެހީ.” ޝެރިން ބުންޏެވެ.

“އަހަންނަށް ހީވޭ މީގެ ކުރިންވެސް އަހަރެން ފަތީނާ ދެކުނުހެން. ހަނދާންވާ ގޮތުގައި މާލެއިން އަހަރެން ފަތީނާ ދެކުނިން. އޭނަ ދިޔަތަ މާލެއަށް އެއްވެސް އިރަކު؟”

“ނޫން. އަހަރެން ހަދާނެއް ނުވޭ ދައްތަ މާލެ ދިޔަ ދުވަހެއް.” ފާޑަކަށް އިނދެ ޝެރިން ބުނެލިއެވެ.

ޝެރިން އާއި ފަތީނާ އުޅެ ބޮޑުވީ މާލޭގައެވެ. އެމީހުންގެ ޖިންނި މަންމަ އުޅުނީ މާލޭގައެވެ. އެމީހުންގެ ބައްޕަ މިހާރު ދުނިޔޭގައި ހުރިކަމެއްވެސް އެނގޭކަށް ނެތެވެ. ދެންތިބި ދެކޮއްކޮ ނުފެންނަތާވެސް މިހާރު 15 ވަރަކަށް އަހަރުވެދާނެއެވެ.

ޖެހިގެން އައިދުވަހު ހެދުނު ފަތީނާ ކުނިކަހަން ހުއްޓާ ޝެރިން އެގެޔަށް ދިޔައެވެ. އާއްމުކޮށް ޝެރިން އަވަށު އެއްވެސް ގެޔަކަށް ނުދާނެއެވެ.

“އަހަނ. ކޮއްކޯ! މިއަދު ކޮންވަޑާމެއް މިގެޔަށް ތިއައީ. އެހެންޏާ ތީ މިގެޔަށް އަންނަ ކުއްޖެއް ނޫން. މިއަދު ކިހިނެއްވީބާ.” ޝެރިން ފެނުމުން ފަތީނާ އަހާލިއެވެ.

ޝެރިން ގޮސް ޖޯލިފަތީގައި އިށީނެވެ. ފަތީނާވެސް އައިސް ކައިރީގައި އިށީނެވެ. ފަތީނާގެ ފިރިމީހާ އައިސް ގެޔަށް ވަންނަމުން ޝެރިންއަށް ގޮވާލިއެވެ.

“ދައްތާ! ރޭގަ އަހަރެމެން ގޭގަ އެއުޅޭ ދީމާ އަހަރެން ކައިރިން ދައްތަގެ ވާހަކަ އަހާލިއޭ.”

“އެހެންތަ. އެ ކީއްކުރާށޯ.”

“ނޭނގެ. ބުނީ އޭނައަށް ދައްތަ ފެނުނޯ މާލެއިން. އަހަރެން ކައިރިން އެހި ދައްތަ މާލެ ދިޔަހޭ.”

“ދެން ކީކޭ ކޮއްކޮ ބުނީ؟”

“އަހަރެން ބުނިން އަހަރެން ހަނދާނަކު ނެތޭ ދައްތަ މާލެ ދިޔަ ހަނދާނެއް.”

“ރަގަޅު. ނުބުނާތި. ކޮއްކޮ ކުޑަވީމަ ކޮއްކޮ ހަނދާނުގައި ނެތަސް އަހަރެން ހަނދާން އެބަހުރި. އޭނަ އަހަރެމެންގެ މަންމަ މަރާލީ އަހަރެންގެ ލޯކުރިމަތީގައި. އަހަންނަށް އެންމެ ފުރަތަމަ އޭނަ ފެނުނު ދުވަހު އެގިއްޖެ.” ފަތީނާ ބުނެލިއެވެ.

” އެ ކިހިނެއް އޭނަ އަހަރެމެންގެ މަންމަ މަރާލީ. އޭރު އޭނަ ނުވެސް ހުންނާނެ ކަންނޭގެ ރާއްޖޭގަ. ނީލް ބުނި ގޮތުން ވިއްޔާ އެމީހުން ކިޔަވަން އުޅުނީ އޮސްޓްރޭލިޔާގައި.”

“ކޮއްކޮއަށް ހާދަ ނުވިސްނޭ ދޯ. އިންސާނުންގެ ތެރޭ އުޅެ އިންސާނުންގެ ވިސްނުން ތިހުންނަނީ. އަހަރެމެން އޭރު ކުޑަވާނެ މަންމަ މަރުވިއިރު އެކަމަކު ދެތިން އަހަރު ތެރޭ އަހަރެމެން މިތިބީ މިވަރުވެފަ. އެއީ މީގެ ދެއަހަރު ކުރި. ދީމާ އޮސްޓްރޭލިއާއިން ކިޔަވައިގެން މާލެއައިސް އެމީހުންގެ ބޮޑު ގުރޫޕެއް އޮންނާނެ ފަންޑިތައިގެ މަސައްކަތްކުރާ. އެމީހުން އަހަރެންގެ މަންމަ އާއި ބައްޕަ ވަކިކުރީ. މަންމަ މަރާލީ. ކޮއްކޮވެސް ހުންނާނީ ވިސްނައިގެން. މިހާރު އޭނަ އެއުޅެނީ ކޮއްކޮގެ ދިރިއުޅުން ހަލާކު ކޮށްލަން. އެހެން ހެދިޔަނުދޭތި. ދައްތަ ބޭނުމެއްނޫން މަންމައަށް ވީގޮތަށް ކޮއްކޮއަށް ވާކަށް. ހުށިޔާރުވާތި.” ފަތީނާ ހުރިހާ ވާހަކައެއް ދައްކަމުންދިޔައިރު ޝެރިން އިނީ އެވާހަކަތަކާމެދު ވިސްނާށެވެ.

“އަހަރެން ހިޔެއްނުކުރަން ދީމާ ތީ ތިހާ އަނިޔާވެރި މީހަކަށް ވާނެކަމަކަށް. އޭނަ މިހާރު އެއުޅެނީ އަހަންނާ ކުޅެން. އޭނައަށް ކުޅިދައްކާލާނަން.”

“ނޫން ކޮއްކޯ! އޭނައަށް ކޮއްކޮ ނޭގޭނެ އެކަމް އަހަރެން އެނގުނީ އަހަރެން މަންމައާ ވައްތަރުވީމަ. އޭނައަށް އަހަރެން ފެނުނުއިރު އަހަރެން އެހާ ކުޑައެއް ނުވާނެ. އެހެންވީމަ އެނގުނީ ފާހަގަކޮށްލަން. ދެން ކޮއްކޮ ދޭ ގެޔަށް. އޭނަ އުޅޭ ނޫޅޭ ބަލައިގެން ވިސްނައިގެން ހުންނާނީ.ކަމެއް ވަންޏާ ދައްތައަށް އަންގާތި.” ފަތީނާ މިހެން ބުނުމުން ޝެރިން ގެޔަށް ދިޔައީއެވެ.

އެފަހުން ޝެރިން ދީމާދެކެ ވަރަށް ރުޅިއާދެއެވެ. ރަގަޅަށް އޭނަޔާ ވާހަކަވެސް ނުދައްކައެވެ. ނީލްކައިރީވެސް ދީމާ ފޮނުވާލަން ބުނުމުން ނީލްގެ ޖަވާބަކަށް ވީ ދީމާ އަކީ މިރަށަށް ބީރައްޓެހި ކުއްޖެއް ކަމަށާއި އޭނަ ބޭނުން ނުވަނީސް އެގޮތަށް ދާށޭ ބުނާކަށް ނުކެރޭނެއެވެ. ޝެރިން ހިތްހަމަ ނުޖެހޭކަން އެގުމުން ނީލް އުޅެނީ ދީމާއާއި ދުރުދުރުންނެވެ. ފެނިއްޖިއްޔާ ވާޙަކަ ދައްކާލައެވެ. ކުރިން އުޅުނުގޮތަށް ދީމާ ގޮވައިގެން ތަންތަނަށް ގޮސް ނޫޅެއެވެ. ދާން ބުންޏަސް ބިޒީއޭ ޝެރިންއާ އެކީ ދާށޭ ބުނެ ނީލް ދަނީއެވެ.

ދީމާ އެރަށަށް ދިޔަތާ ހަފްތާއެއްވީއެވެ. އާދައިގެ މަތިން ދީމާ ގޮސް ޖައްސާލީ ނިދާށެވެ. ނީލް އެހާ ދުރުދުރުން އުޅޭކަން އެގުމުން ދީމާ ބޭނުންވީ މާލެދާށެވެ. ނިދަން އަރާ އޮވެ އެކަމާ ވިސްނަން ފެށިއެވެ. އެހެން އޮތްވާ ނިދިއްޖެއެވެ.

ދީމާއަށް ހޭލެވުނީ ފިނިވެގެންނެވެ. ލޯހުޅުވާލުމާއެކު ގައިގެ އިސްތަށިތައް ކޮޅަށް ޖެހުނެވެ. މުޅިގައިން ހީބިހި ނަގައިގަތެވެ.

(ނުނިމޭ)

1 ކޮމެންޓް
Laisha
ޖުލައި 26, 2021
Mi story ge aneh bai kobaaa...v inthizaaru koffin next episode ah..plx mivaahaka continue kohladheeba...v v reethi vaahaka eh mee....vaahakaiga dhen vaany kihine baa..!!!