English Edition
Dhivehi Edition

ނީލްހުރީ އެކަހަލަ ފުރުސަތަކަށް ބަލަބަލާއެވެ. އޭނަގެ ފަރާތުން ޝެރިންއަށް އެހީއެއް ދެވޭނެ ދުވަހަކަށް އިންތިޒާރުގައެވެ.

“މާދަން އަހަރެން ރަށުގައި ނޫޅޭނަން. މެންދުރު 1 ޖަހާއިރު އަހަރެންގެ މަންމައަށް ބޭސްދޭން ގެޔަށް ދެވިދާނެތަ. އަހަންނަށް އާދެވޭނީ ހަވީރު.”

“ތީކީ އެއްވެސް ކަމެއްނޫނެއްނު. މާދަން އަހަރެން އުޅޭނީ ތިގޭގައި މަންމަ ކައިރީގައި. މަންމަގެ ބޮޑީގާޑަކަށް!” ނީލް މިހެންބުނުމުން ޝެރިންވެސް ހީގަތެވެ.

ޖެހިގެން އައިދުވަހު ހެދުނު މަންމައަށް ސައިދީފަ ބޭސްވެސްދީފައި ޝެރިން ދިޔައީ އޮފީސްކުދިންނާއެކު ދަތުރުއެވެ. އެންމެން ދަތުރުގޮސް މޫދަށް އެރި މަޖާކުރިއިރު ޝެރިން އެއިން އެއްވެސް ކަމަކާނޫޅެއެވެ. ކައްކަން އެހީތެރިކަމެއް ދިންނަމަވެސް އެހެން އެއްވެސް ކަމަކާ ޝެރިން ބައިވެރިއެއް ނުވެއެވެ. ޝެރިން އިންނަނީ އެންމެނާ ވަކިން ދުރުގައި މޫދާ ދިމާލަށް ލެންބިފަ އޮތް ރުކެއްގެ މަތީގައި ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ.

ހަވީރު 5 ޖެހުމާއެކު އެންމެން މަޖާކޮށް ނިންމާފައި ފުރަން ތައްޔާރުވިއެވެ.

“ކޮބާ އެންމެން ހަމަތަ؟ ޝެރިން ކޮބާ. އޭނަ ނެތެއްނު.” އެންމެ އިސްކޮށް ހުރިމީހާ ފުރުމުގެ ކުރިން އެންމެން ހަމަތޯ ބެލިއިރު ޝެރިން ފެންނާކަށް ނެތެވެ.

“އޭނަ ދެންމެ އެތާގަ އިންދާ އަހަރެން ދުށިން.” އެތަނުން ކުއްޖަކު އެރަށު ތުނޑިއާ ދިމާލަށް އިޝާރާތްކުރަމުން ބުނެލިއެވެ.

އެންމެންވެގެން ޝެރިން ހޯދަންފެށިއެވެ. ހަޔެއް ޖަހަން ކައިރިވިއިރުވެސް ޝެރިން ނުފެނުނެވެ. އެންމެން ތިބީ ކުރާނެ ކަމެއް ނޭގިގެން ކަންބޮޑުވެފައެވެ. އެއްކޮޅުން ނުފުރި ހުއްޓާ އިރުއޮއްސެނީއެވެ. އެރަށަކީ ނާމާން ރަށަކަށްވުމުން ރޭގަނޑު އެރަށުގައި އެއްވެސް ބަޔަކު މަޑުކުރުން އޮންނަނީ މަނާކޮށްފައެވެ. އަނެއްކޮޅުން ޝެރިން ބަހައްޓާފަ ފުރޭކަށްވެސް ނެތެވެ. އެންމެން ހާސްވެ ގޮތްހުސްވިއެވެ.

“ދެން ކިހިނެއް ހަދާނީ. މިހާރު އެއޮތް ހަގަޑި ބައި ވަނީ. މަޢުރިބް ނަމާދަށް ބަންގިވެސް ގޮވާފާނެ މިހާރު.

ދެންހިގާ ދަމާ!” އެތަނުން އެއްކުއްޖަކު ބުނެލިއެވެ.

“ނޫން. އެހެން ކަމަކުނުދާނެ. އޭނަ ބަހައްޓާފަ ގޮސް އަހަރެމެން ކީކޭ ބުނާނީ އޭނަ މަންމަ ކައިރީ. އެހެންނޫނަސް އޭނަ އެކަނި މިރަށުގައި ބަހައްޓާފަ އަހަރެން ފުރައިގެން ނުދާނަން. ހިގާ އަދިވެސް އެންމެން އެއްކޮށް އޭނަ ފެނޭތޯ ރަށުތެރެޔަށް ވަދެމާ.” ދޯނީގެ ކައްޕި ބުނެލިއެވެ.

“އެހެރީ ޝެރިން!” ކުއްޖަކު ގޮވާލި އަޑަށް އެންމެން އެދިމާލަށް ބަލާލިއެވެ. ޝެރިން ހުރީ ތުނޑީގައި ރާޅު ބިންދާލާ ހިސާބުގައެވެ. އެމީހުންނަށް ފުރަގަސްދީގެންނެވެ.

“ޔަގީންތަ އެއީ ޝެރިންކަން.” ކައްޕި އަހާލިއެވެ.

“އާ! އެއީ ޝެރިން. އަހަންނަށް ޔަގީން.” އެހެންކުއްޖަކު ކުރިޔަށް ހިގައިގަތުމުން އެންމެން އޭނަޔޔާއެކީ ދިޔައެވެ.

“ޝެރިން. ސާބަސް. އަހަރެމެން މިތިބީ ޝެރިން ނުފެނިގެން ނުފުރިފަ. މިހާރު އެއޮތް އަދިރިވަނީ. އަވަހަށް ހިގާ މިރަށުން ފައިބަން.” ކުއްޖަކު ބުނެލިއެވެ. ޝެރިން އެމީހުންނާ ވާހަކަ ނުދައްކާ މަޑުމަޑުން ހިގާފަ ގޮސް ދޯންޏަށް އެރިއެވެ.

އެމީހުންނަށް ރަށަށް އާދެވުނުއިރު އަށެއް ޖަހަން ކައިރިވަނީއެވެ.

ޝެރިން ގެޔަށް ނައިސް ލަސްވާތީ އޭނަ މަންމަ އޭނަ ފެނޭތޯ މަގުމައްޗަށް ނުކުމެ ހުއްޓެވެ. ނީލްވެސް ޝެރިންގެ އިންތިޒާރުގައި ހުރެފަ ގެޔަށް ދިޔައީ ދެންމެއެވެ. ނުވަޔެއް ޖެހި އިރުވެސް ޝެރިން ގެޔަކަށް ނާދެއެވެ. މިކަމާ ޝެރިންގެ މަންމަ ހުރީ ވަރަށް ކަންބޮޑުވެފައެވެ. އެންމެ ފަހުން އޭނަ އޮފީސްކުއްޖެއްގެ ގެޔަށް މަންމަ ދިޔައެވެ.

“އަހަރެމެން ރަށަށް އައިސްސިން އަށެއް ނުޖަހަނީސް. އަހަރެމެންނާއެކީ ޝެރިންވެސް ރަށަށް އައި. އަދި ގެޔަށް ނުދަނީތަ.” އެކުއްޖާ އަހާލިއެވެ.

ޝެރިން ވީތަނެއް ނޭގިގެން އޭނަ މަންމަ ޝެރިންއޭ ކިޔާ ގޮވަމުން މުޅި ހިސާބުގަނޑުގައި އެބުރެންފެށިއެވެ. އެންމެ ފަހުން އޭނަ ނުފެނުމުން ރޮމުން އައިސް ގެޔަށް ވަންތަނުން ޝެރިން ގޮވާލިއަޑު އިވުނެވެ.

“މަންމާ!” މިއަޑަށް މަންމަ ބަލާލިއިރު މުޅި އެހިސާބުގަނޑުގަވެސް ޝެރިން ނެތެވެ.

“ޝެރިން. ދަރިފުޅާ!” މަންމަ ވަރަށް ގަދަޔަށް ރޯންފެށިއެވެ. އަނެއްކާވެސް ޝެރިން ގޮވާލިއަޑުއިވުނެވެ. މިފަހަރު އަޑުއައީ ގޭތެރެއިންނެވެ. މަންމަ ބަލާލިއިރު ޝެރިން ހުރީ ގޭގެ ދޮރުމަތީގައެވެ.

“މަންމަ ތިއަންނަނީ ކޮންތާކުން؟” ޝެރިން އަހާލިއެވެ.

“ދަރިފުޅުއައީ ކޮންތާކުން. މަންމަ މިއައީ ދަރިފުޅު ހޯދަން މުޅިރަށު ހިގާފަ.”

“ސާބަސް މަންމައަށް. އަހަރެން ގެޔަށް އައިސް ވަނީ މަންމަ ކުރިމަތިންލާފަ. އަހަރެން މަންމައަށް ގޮވަންވެސް ގޮވިން އެކަމަކު މަންމައަށް އަޑެއް ނީވުނީކަންނޭގެ. އަހަރެން ފެންވަރައިގެން ނުކުތްއިރު މަންމަ ފެންނާކަށް ނެތް. އަހަރެން މިއައީ ކާން ތައްޔާރުކޮށްފަ. އާދޭ ކާން.” ޝެރިން އޭނަ މަންމަ އަތުގައި ހިފައިގެން ގޮސް އެތެރެޔަށް ވަނެވެ.

ޝެރިން ކުރިޔަށްވުރެވެސް ބޮޑަށް މަސައްކަތް ކުރަންފެށިއެވެ. ގޭގައި ހެދިކާއެއްޗެހި ހަދައިގެން ވިއްކަން ފެށިއެވެ. ލިބޭ ހުސްވަގުތުތަކުގައި މީހުންނަށް ހެދުން ފަހައިދީގެން ލާރި ހޯދަންފެށިއެވެ. އެކަނިމާ އެކަނި ހުރިހާ މަސައްކަތެއް ކުރަމުންދިޔަ އިރުވެސް އޭނަ މަންމަގެ އެއްވެސް ކަމަކާ ފަރުވާކުޑަނުކުރެއެވެ.

“ނީލް! އަހަރެން ބޭނުން މިގެގަނޑު އަލުން ހަދަން. ކިހިނެއް ނީލްއަށް ފެންނަނީ.” ޝެރިން އާއި ނީލް ތިބީ ގޭގެ ބޭރުގައި ހުރި ޖޯލިފަތީގައެވެ.

“ފުރަތަމަ މަންމަގެ އޮޕަރޭޝަނެއްނު ކުރުން މުހިންމީ. ގެ ހެދިދާނެ ފަހުންވެސް.” ނީލްގެ ހިޔާލު ކިޔާދިނެވެ.

”އިންޑިޔާއަށް ދާންނިންމީ އަންނަމަހު. އެކަމަކު ގެވެސް ހަދަން މިނިންމަނީ.”

“ޝެރިން އިންޑިޔާގަ ހުއްޓަސް އަހަރެން މިކޮޅުުން އެކަން ބަލައިދޭނަން. އެހީއެއް ބޭނުންނަމަ އަންގާލައްޗޭ!” ނީލްއަކީ ޝެރިންގެ ހުރި ހަމައެކަނި ރަހުމަތްތެރިޔާ ކަމުގައިވިޔަސް ނީލްގގެ އެހީތެރިކަމެއް ޝެރިން ބޭނުމެއްނުވިއެވެ.

ގެހަދަން ފެށުމުން އެމަސައްކަތާ ހަވާލުވެ ހުރިހާ ކަމެއް ހިގަމުން ދިޔައީ ނީލްގެ ބެލުމުގެ ދަށުންނެވެ. ޝެރިން އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހެއެވެ. އިންޑިޔާއަށް ފުރަން ކައިރިވިއިރު ގެވެސް ހަދައިނިމެނީއެވެ. ބާކީ ހުރި ހުރިހާ މަސައްކަތަކާ މަސައްކަތަށް ބޭނުންވާ ފައިސާ ޝެރިން ނީލްއާ ހަވާލުކުރިއެވެ.

“ޝެރިން! އެއްޗެއް އަހާލަންތަ؟” ނީލްގެ ހިތުގައި ސުވާލުތަކެއް އުފެދެން ފަށައިފިއެވެ.

“ހުމް! އަހާބަ!”

“ޝެރިން މިވަރަށް ލާރި ހޯދަނީ ކިހިނެއް؟ އަހަރެން ދަންނަ ޝެރިން އަކީ ލިބޭ ލާރިކޮޅުން ދެކޮޅުނިޖެހިގެން އަބަދުވެސް އުޅޭ ކުއްޖެއް. ކުއްލިއަކަށް އެހާ ގިނައިން ލާރިހޯދީ ކިހިނެއް؟” ނީލް މިސުވާލުކުރުމުން ޝެރިން ނީލްގެ މޫނަށް ބަލާލިއެވެ. ޝެރިންގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ.

“ތީ ކީއްވެ ކުރި ސުވާލެއް؟” ޝެރިންވެސް ކޮށްލީ ސުވާލެކެވެ.

” ކުއްލިއަކަށް ޝެރިންގެ އަތްމައްޗަށް އެހާ ބައިވަރު ލާރި އެރުމުން ހިތުގައި އުފެދުނު ސުވާލެއް.”

“އަހަރެން ވަޒީފާއަށް ގޮސްސަ އައިސް ހެދިކާ ހަދައިގެން ވިއްކަން. ރޭގަނޑު ވަގުތުވުމުން މީހުންނަށް ހެދުން ފަހައިދެން. އެގޮތަށް އަހަރެން އެއްކުރި ލާރި އެއީ.”

ގެ ހަދާފައި ބާކީ ހުރި ލާރިކޮޅު ހިފައިގެން ޝެރިން މަންމަ ގޮވައިގެން އިންޑިޔާއަށް ފުރީ ފޮނި އުއްމީދުތަކަކާއެކުގައެވެ.

ޝެރިންއަކީ ކިޔަވައިގެންހުރި މޮޅުކުއްޖަކަށްވާތީ ޑޮކްޓަރާވެސް ވާޙަކަދައްކަނީ އަމިއްލައަށެވެ. މަންމަގެ ބައްޔާ ބެހޭގޮތުން ޑޮކްޓަރާއި ވާހަކަދެއްކުމުން ކަންދިމާކުރިގޮތުން އޮޕަރޭޝަންވެސް ކުރާކަށް ނުޖެހުނެވެ. ހަފްތާއެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފެށުމުން މަންމަގެ ހާލު ރަނގަޅުވަމުން ދިޔައެވެ.