އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުތައް ކާމިޔާބުކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އާއި ޓީސީ ސްޕޯޓްސް ކުލަބް ފުރަތަމަ ބުރުގެ ކުޅުން, މޮޅަކާއި އެކު ނިންމާލައިފިއެވެ.
އުރީދޫ ޕްރިމިއަ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ރޭ ގްރީން ސްޓްރީޓްގެ މައްޗަށް ޓީސީ 3-1 ލަނޑުން ކުރި ހޯދާފައިވާއިރު މާޒިޔާއިން ވަނީ އއ.މާޅޮސް އާއި ކުޅުނު މެޗު 3-0 ލަނޑުން ކާމިޔާބުކޮށްފައެވެ.
އުރީދޫ ޕްރިމިއަ ލީގުގެ ފުރަތަމަ ބުރުގެ ފަހުމެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 33 ވަނަ މިނެޓުގައެވެ.މި ލަނޑަކީ މާޅޮހުގެ އަބްދުﷲ އިބްރާހިމް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މާޒިޔާއިން ކާމިޔާބުކުރި ފަހު ދެ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ބިދޭސީ ފޯވަޑް ކެރިޗް އަންދްރެޖްއެވެ.އަދި މާޒިޔާގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ކާމިޔާބު ކޮށްދީފައިވަނީ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރުއެވެ.
ރޭ ލީގުގައި ގްރީން ސްޓްރީޓް އާއި ޓީސީ ސްޕޯޓްސް ކުލަބް ކުޅުނު ފޯރިގަދަ މެޗު ޓީސީއިން ކާމިޔާބު ކުރި އިރު ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ރޭގެ މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ޓީސީއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދީފައިވަނީ ނާއިޒް ހަސަން (ދާދު) އެވެ. އޭގެ މިނެޓެއް ފަހުން ޓީސީގެ އީސާ އަލް މަބްރަބީ ވަނީ އިތުރު ލަނޑެއް ޖަހައި ޓިސީއަށް ލީޑު ފުޅާކޮށްދީފައެވެ. ޓީސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސްޓެވާޓް ކޯނެލިއަސްއެވެ.
ކޯނެލިއަސްގެ ލަނޑުން ޓީސީން 3 ލަނޑުގެ ލީޑެއް ހޯދި ނަމަވެސް ގްރީން ސްޓްރީޓުން ވަނީ މެޗުގެ 75 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ޓީސީ ގެ ޑިފެންސް ލައިން ފޫއަޅުވާލާފައެވެ .މި ލަނޑު ގްރީން ސްޓްރީޓަށް ކާމިޔާބުކޮށްދިނީ މިދިޔަ އަހަރުގައި ޓީސީއަށް ކުޅުނު އަހްމަދު ނިޒާމް (ނިޒާމްބެ)އެވެ.