އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ޗެންޕިއަންކަން ހޯދައި ނިއުރޭޑިއަންޓް ސްޕޯޓްސްކުލަބު އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދައިފިއެވެ.
ނިއުއަށް ޗެމްޕިއަންކަން ލިބުނީ ބާކީ އަދި އެއްމެޗު އޮވައެވެ. އެމެޗުގައި ނިއު ވާދަކުރާނީ މާޒިޔާއެވެ. އެ މެޗުން ކޮންމެ ނަތީޖާއެއް ލިބުނަސް ނިއުގެ މަގާމް ގެއްލޭނެ ގޮތެއް ނެތެވެ.
މިއަދު ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ޓީސީ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް ނިއުވަނީ 3-2 ލަނޑުން މޮޅުވެފައެވެ. މިނަތީޖާއާއެކު 13 މެޗުން ނިއުއަށް ޖުމްލަ 37 ޕޮއިންޓް ލިބުނީއެވެ.
މިއަދުގެ މެޗުގައި ނިއުޖެހު ތިންލަނޑުގެ ތެރެއިން ދެލަނޑު ޖަހައިދީފައިވަނީ އަލީ ފާސިރު ސެންޓޭއެވެ. އޭނާ ފުރަތަމަ ލަނޑުޖެހީ މެޗުގެ ދެވަނަ މިނިޓްގައެވެ. ދެވަނަ ލަނޑު ޖެހީ ހަތްވަނަ މިނިޓްގައެވެ. އެލަނޑު ކާމިޔާބުކޮށްދިނީ ގަލާޑޯ ވަލްޑެސްއެވެ. ތިންވަނަ ލަނޑު ޖަހައިދިނީ ސެންޓޭއެވެ.
ދެވަނަ ހާފު ފެށިގެން ޓީސީ ސްޕޯރޓްސް ކްލަބުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ދެވަނަ ހާފުގައި އެޓީމުގެ ދެލަނޑުވެސް ޖަހައިދިނީ ފޭދޫ ކުޅުންތެރިޔާ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.
ލީގު ޗެމްޕިއަންގެ ހައިސިއްޔަތުން އޭއެފްސީ ކަޕުން ޖާގަ ލިބުމުން ނިއުގެ ކޯޗު ބުނީ އުންމީދު ކުރަނީ އެމުބާރާތުން ރަނގަޅު ނަތީޖާއެއް ނެރެން ކަމަށެވެ. ޓީސީ ކޯޗު ނިޒާމްބެ ބުނީ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އެޓީމުން ކުޅުނީ މުހިންމު ދެކުޅުންތެރިއަކު ނުލައެވެ. އެކުޅުންތެރިންނަށް ނުކުޅެވުނީ ސަސްޕެންޝަންގެ ސަބަބުންނެވެ.