ކޮވިޑް-19 އާއި ގުޅިގެން ގއ. ވިލިނގިލީގައި ބަލި ފެތުރުން ކޮންޓްރޯލްކޮށް މިވަގުތުގެ ޙާލަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އެރަށުގައި އެމަރޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމްކޮށްފިއެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުޙައްމަދު އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ޕޮޒިޓިވްވެ ޑައިރެކްޓް ކޮންޓެކްޓްސް 300 އަށްވުރެ މަތީގައި އުޅޭކަމަށާއި އެރަށުގައި ކާފިއު އިޢުލާން ކުރުމުގެ މަޝްވަރާތައް މިވަގުތު ކުރިއަށްދާ ކަމަށެވެ.
ރައްޔިތުންނާއި ހަމައަށް އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރެއް (އީއޯސީ) ގާއިމްކޮށް، ކާފިއު ވަގުތު ތަކުގައި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް އެސް.އެސް.ޑީ ޓީމެއް ވެސް އެކުލަވައިލާފައި ވާނެކަމަށް ވިޝާލް ވިދާޅުވިއެވެ.
ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ހިލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން އިތުރު ސާމްޕަލްތަކެއްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.
ވިލިނގިލީގައި އެކްޓިވް ކޭސްތަކުގެ އަދަދު 25 އަށް އަރައެވެ. އެއީ ވިލިނގިލީގައި ކަރަންޓީން މުއްދަތު ތެރޭގައި ޕޮޒިޓިވްވި 03 ފަރާތަކާއި އެ ފަރާތްތަކާއި ކޮންޓެކްޓްވި 22 ފަރާތެކެވެ.
ކޮވިޑް-19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މިމަހު 15 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ.