English Edition
Dhivehi Edition

އޭއޯ ނިއުސް އިން ރަމަޟާން މަހަށް ޚާއްޞަކޮށްގެން މިއަހަރު ކުރިއަށް ގެންދިޔަ އޭއޯ 5 ވަނަ މަދަޙަ މުބާރާތުގެ ފަޚުރުވެރި 1 ވަނަ އާމިނަތު ޢައިނީ އަޙްމަދު ( ހ. ފަހަލަ/ މާލެ) ހޯދައިފިއެވެ. މި ވަނަ އާއެކު ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނުން ދެއްވި ވިންޓަރ ކޭމްޕް ޗައިނާ ޓުއަރ ގެ އިނާމު ޢައިނީ އަށް ވަނީ ދީފައެވެ. ޢައިނީ މި މުބާރާތުގައި ބައިވެރިވެފައިވަނީ 14 އަހަރުން ދަށުގެ ޢުމުރުފުރައިންނެވެ. މި ޢުމުރުފުރައިން ވެސް 1 ވަނަ ޙާސިލް ކޮށްފައިވަނީ ޢައިނީއެވެ.

އޭއޯ 5 ވަނަ މަދަޙަ މުބާރާތުގައި މުޅި މުބާރާތުން 2 ވަނަ ހޯދާފައިވަނީ ފ.ފީއަލި ނަދީލާ މަންޒިލް އައިޝަތު ޔާނާ އަޙްމަދެވެ. ޔާނާ ވެސް މި މުބާރާތުގައި ބައިވެރިވެފައިވަނީ 14 އަހަރުން ދަށުގެ ޢުމުރުފުރައިންނެވެ. އަދި އެ ޢުމުރުފުރައިގެ 2 ވަނަ ހޯދާފައިވަނީ ވެސް ޔާނާ އެވެ.

މި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ މުޙައްމަދު ރައުޝް ބިން ސިރާޖެވެ. 12 އަހަރުން ދަށުގެ ޢުމުރުފުރައިން މުބާރާތުގައި ބައިވެރިވެ ޢުމުރުފުރާގެ 1 ވަނަ އާއި މުޅި މުބާރާތުގެ 3 ވަނަ ރައުޝް ހޯދާފައިވާއިރު ރައުޝް އަކީ އޭއޯ އިން މިދިޔަ އަހަރު ބޭއްވި އޮންލައިން ޤުރުއާން މުބާރާތުގައި ވެސް މުޅި މުބާރާތުން 3 ވަނަ ހާސިލް ކުރި ބައިވެރިޔާއެވެ.

އޭއޯ މަދަޙަ މުބާރާތަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި 2015 ވަނަ އަހަރުން ފެށިގެން އޭއޯ އިން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް މީގެ ކުރިން ބާއްވަމުން އައިސްފައިވަނީ ހަމައެކަނި އައްޑޫސިޓީއަށް ހުޅުވާލައިގެން ނެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިން ކޮށެވެ.

މި މުބާރާތުގައި ވަނަ ހޮވާފައިވަނީ މުބާރާތުގެ ކޮންމެ އުމުރުފުރައަކުން ގަދަ 5، ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ، މުޅި މުބާރާތުން އެންމެ މޮޅު 5 ވަނަ، މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އެވެ.

މީގެ އިތުރުން ޔޫޓިއުބް ޗެނަލަށް އަޕްލޯޑް ކުރާ ބައިވެރިންގެ ވީޑިއޯ ތަކުގެ ތެރެއިން 200 އަށް ވުރެ މަތިން ލައިކްސް ލިބޭ ވީޑިއޯ ހުށަހަޅާ ކޮންމެ ކުއްޖަކަށް ގިފްޓް ވައުޗަރ އެއް ދޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. މި ގިފްޓް ވައުޗަރ ގެ އިނާމް ސްޕޮންސަރ ކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންނެވެ.

ސީއެމްސީއޭގެ އާއި ބޭންކް އޮފް މޯލްޑިވްސް ގެ އިތުރުން ޝޮޕް އެންޑް ގޯ، އައްޑޫސިޓީ ހިތަދޫ ދެކުނުދާއިރާގެ މަޖިލިސްމެމްބަރު އިބްރާހިމްނާޒިލް އާއި މަލްޓިމާޓާއި ހެޔޮ އެދޭ ފަރާތްތަކުން ވަނީ މުބާރާތަށް ސްޕޮންސަރުންގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެއްވަވާފައެވެ.

ތިރީގައި މިވަނީ މުޅި މުބާރާތުގެ 1 ވަނަ ހޯދި ޢައިނީ މުބާރާތުގައި ހުށަހަޅައިދިން މަދަޙައިގެ ޔޫޓިއުބް ލިންކެވެ.

https://www.youtube.com/watch?v=rJUCcc3Lr98