English Edition
Dhivehi Edition
ހެޕީމާކެޓްގެ ސީއީއޯ ޑރ އަލީ އިޙްސާން އަދި އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދު

އޭއޯ ނިއުސް އިން ކޮންމެ އަހަރެއްގެ ރަަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ މި އަހަރުގެ (އޭއޯ 6 ވަނަ މަދަޙަ) މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ ހެޕީމާކެޓް ހަމަޖައްސައިފިއެވެ.

ހެޕީމާކެޓުން މި މުބާރާތުގައި ޓައިޓަލްގައި ބޭނުން ކުރާނީ އެ ކުންފުނީގެ މަޝްހޫރު ބްރޭންޑެއް ކަމުގައި ވާ “ރައުކް” ބްރޭންޑެވެ. އަދި މުބާރާތުގެ ނަމަކަށް ވާނީ “ރައުކް އޭއޯ މަދަޙަ މުބާރާތް 1443” އެވެ.

ހެޕީމާކެޓުން ވަނީ މީގެ ކުރީ އަހަރުތަކުގައި ވެސް އޭއޯ މަދަޙަ މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަވާފައެވެ.

އޭއޯ އިން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ދީނީ ރޫހު އާލާ ކުރުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ހަމަ ކޮންމެ ކުއްޖަކަށް އެ ކުއްޖެއްގެ ހުނަރު ކުރިއެރުވުމަށް ފުރުސަތު ހޯދައި ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މީގެ އިތުރުން އޮންލައިން ޕްލެޓްފޯމެއްގައި، އެކުއްޖެއްގެ އަމިއްލަ ރަށުގައި ހުރެގެން މިފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވެ ވާދަކުރުމުގެ ފުރުސަތު ހޯދައިދެވުމަކީ ވެސް މުބާރާތުގެ އެއް މަގުޞަދެވެ.

އޭއޯ އިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މި މުބާރާތަކީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތެވެ. 2015 ވަނަ އަހަރު އައްޑޫސިޓީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފެށި މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް 2021 ވަނަ އަހަރު މި މުބާރާތް ބާއްވާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިން މުބާރާތެއްގެ ގޮތުގައެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭއޯގެ މަދަޙަ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކަމަށް އޭއޯ އިން ވަނީ ނިންމާފައެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް މުބާރާތުގައި ބައިވެރިވި ކަމުގެ އީ ސެޓްފިކެޓެއް ދޭ ގޮތަށް ހަމަޖެހިފައިވާއިރު މުޅި މުބާރާތުން 1ވަނަ، 2 ވަނަ، 3 ވަނަ އާއި ކޮންމެ ޢުމުރުފުރައަކުން 1ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ އޮންލައިން ކޮށް ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ވުމާއެކު މުބާރާތުގެ ހުރިހާ ވީޑިއޯ ތައް އޭއޯ ޔޫޓިއުބް ޗެނަލް، އޭއޯ ޗެނަލް ފޭސްބުކް، ޓުވިޓަރ އަދި އޭއޯ ޓިކްޓޮކްގައި ޝެއަރ ކުރުމާއި މުބާރާތާއި ގުޅުން ހުރި ހުރިހާ އިޝްތިހާރު (ވީޑިއޯ ކްލިޕް/ ޕޯސްޓަރ) ތައް އޭއޯގެ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ޝެއަރ ކުރެވޭނެއެވެ. މީގެ ތެރެއިން މުބާރާތުގެ ސްޕޮންސަރުން އިޝްތިހާރު ކުރުމަށް މަސައްކަތް ކުރެވޭނެއެވެ.

“ރައުކް އޭއޯ މަދަޙަ މުބާރާތް1443” ފެށުމަށް ހަމަޖެހިފައިވަނީ މި ރަމަޟާން މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.