English Edition
Dhivehi Edition
އޭއޯ އިން އެންމެ ފަހުން ބޭއްވި މަދަޙަ މުބާރާތުގެ އެންމެ މޮޅު ބައިވެރިޔާ ނައުޝާ ނިސްތާރު މަދަޙަ ހުށަހަޅައިދެނީ /

އޭއޯ ނިއުސް އިން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ މިއަހަރުގެ މުބާރާތު ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މިރޭ 8:30 ގައި ފެށުމަށް ހަމަޖައްސާފައިވާ މި ރަސްމިއްޔާތު ކުރިއަށް ދާނީ މުބާރާތުގެ ހުރިހާ ބައިވެރިންނާއެކު އޮންލައިން ކޮށް ޒޫމް ގައެވެ. އަދި ރަސްމިއްޔާތު ކުރިއަށް ދާއިރު އޭއޯ ނިއުސްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އޭއޯ މަދަޙަ މުބާރާތަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި 2015 ވަނަ އަހަރުން ފެށިގެން އޭއޯ އިން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް މީގެ ކުރިން ބާއްވަމުން އައިސްފައިވަނީ ހަމައެކަނި އައްޑޫސިޓީއަށް ހުޅުވާލައިގެން ނެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިން ކޮށެވެ.

މި މުބާރާތުގައި ބައިވެރިވި ޢުމުރުފުރާ ތަކަކީ 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށެވެ.

މީގެ ކުރިންވެސް އޭއޯ އިން ކާމިޔާބު މަދަޙަ މުބާރާތްތަކެއް ބާއްވާފައިވާއިރު މި ފަހަރުގެ މުބާރާތުން 1 ވަނަ އަށް ހޮވޭ ބައިވެރިއަކަށް ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) ގެ ފަރާތުން ވަނީ ޗައިނާ ވިންޓަރ ކޭމްޕް ޓުއަރ އެއްގެ އިނާމު ހުށަހަޅުއްވާފައެވެ.

ސީއެމްސީއޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޝޮޕް އެންޑް ގޯ، އައްޑޫސިޓީ ހިތަދޫ ދެކުނުދާއިރާގެ މަޖިލިސްމެމްބަރު އިބްރާހިމްނާޒިލް އާއި މަލްޓިމާޓާއި ހެޔޮ އެދޭ ފަރާތްތަކުން ވަނީ މުބާރާތަށް ސްޕޮންސަރުންގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެއްވަވާފައެވެ.

މި މުބާރާތުގައި ހޮވާނެ ވަނަތައް:

މުބާރާތުގެ ކޮންމެ އުމުރުފުރައަކުން ގަދަ 5

ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ

މުޅި މުބާރާތުން އެންމެ މޮޅު 5 ވަނަ

މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އެވެ.

މީގެ އިތުރުން ޔޫޓިއުބް ޗެނަލަށް އަޕްލޯޑް ކުރާ ބައިވެރިންގެ ވީޑިއޯ ތަކުގެ ތެރެއިން 200 އަށް ވުރެ މަތިން ލައިކްސް ލިބޭ ވީޑިއޯ ހުށަހަޅާ ކޮންމެ ކުއްޖަކަށް ގިފްޓް ވައުޗަރ އެއް ދޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. މި ގިފްޓް ވައުޗަރ ގެ އިނާމް ސްޕޮންސަރ ކޮށްފައިވަނީ ބީއެމްއެލް އިންނެވެ.

އޭއޯ އިން ބޭއްވި 4 ވަނަ މަދަޙަ މުބާރާތުގައި މުޅި މުބާރާތުން ފަޚުރުވެރި އެއްވަނަ ހޯދާފައިވަނީ ސ. ހިތަދޫ އަސްރުމާގޭ ނައުޝާ ނިސްތާރު އެވެ. 2 ވަނަ ހޯދާފައިވަނީ ސ. ހިތަދޫ އަބާން އައިމަން ޝަފީޤެވެ. 3 ވަނަ ހޯދާފައިވަނީ ސ.ހިތަދޫ ނަސްރު އައިޝަތު މާއީ މުޙައްމަދެވެ.