އޭއޯ ނިއުސް އިން ކޮންމެ އަހަރެއްގެ ރަަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ މި އަހަރުގެ (އޭއޯ 6 ވަނަ މަދަޙަ) މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ކުޑަކުދިންގެ ހިތްތަކުގައި ދީނީ ރޫހު އާލާ ކުރުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ހަމަ ކޮންމެ ކުއްޖަކަށް އެ ކުއްޖެއްގެ ހުނަރު ކުރިއެރުވުމަށް ފުރުސަތު ހޯދައި ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މީގެ އިތުރުން އޮންލައިން ޕްލެޓްފޯމެއްގައި، އެކުއްޖެއްގެ އަމިއްލަ ރަށުގައި ހުރެގެން މިފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވެ ވާދަކުރުމުގެ ފުރުސަތު ހޯދައިދެވުމަކީ ވެސް މުބާރާތުގެ އެއް މަގުޞަދެވެ.
އޭއޯ އިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މި މުބާރާތަކީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތެވެ. 2015 ވަނަ އަހަރު އައްޑޫސިޓީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފެށި މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް 2021 ވަނަ އަހަރު މި މުބާރާތް ބާއްވާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިން މުބާރާތެއްގެ ގޮތުގައެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭއޯގެ މަދަޙަ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކަމަށް އޭއޯ އިން ވަނީ ނިންމާފައެވެ.
ކޮންމެ އަހަރަކުވެސް ބޮޑެތި އިނާމު ހުށަހެޅިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިހާތަނަށް ވަނަ ތަކަށް އައި ކުދިންނަށް ޢުމްރާ ދަތުރު ތަކާއި ޗައިނާ، އޮސްޓްރޭލިއާ އަދި ދުބާއީ ސްޓަޑީ ޓުއަރ ތައް ހޯދައިދީފައިވާނެއެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް މުބާރާތުގައި ބައިވެރިވި ކަމުގެ އީ ސެޓްފިކެޓެއް ދޭ ގޮތަށް ހަމަޖެހިފައިވާއިރު މުޅި މުބާރާތުން 1ވަނަ، 2 ވަނަ، 3 ވަނަ އާއި ކޮންމެ ޢުމުރުފުރައަކުން 1ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިއީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ވުމާއެކު މި މުބާރާތަށް ގިނަ ފަރާތްތަކަކުން އެހީތެރިކަން ފޯރުކޮށްދެއްވަވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މި އަހަރުގެ މުބާރާތުގައިވެސް ޓައިޓަލް ސްޕޮންސަރ، މެއިން ސްޕޮންސަރ، ކޯ ސްޕޮންސަރގެ ގޮތުގައި މުބާރާތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. މި މުބާރާތަކީ އޮންލައިން ކޮށް ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ވުމާއެކު މުބާރާތުގެ ހުރިހާ ވީޑިއޯ ތައް އޭއޯ ޔޫޓިއުބް ޗެނަލް، އޭއޯ ޗެނަލް ފޭސްބުކް، ޓުވިޓަރ އަދި އޭއޯ ޓިކްޓޮކްގައި ޝެއަރ ކުރުމާއި މުބާރާތާއި ގުޅުން ހުރި ހުރިހާ އިޝްތިހާރު (ވީޑިއޯ ކްލިޕް/ ޕޯސްޓަރ) ތައް އޭއޯގެ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ޝެއަރ ކުރެވޭނެއެވެ. މީގެ އިތުރުން މުބާރާތާއި ގުޅުން ހުރި ޚަބަރު ނޫހުގައި ޝާއިއު ކުރެވޭނެއެވެ. މީގެ ތެރެއިން މުބާރާތުގެ ސްޕޮންސަރުން އިޝްތިހާރު ކުރުމަށް މަސައްކަތް ކުރެވޭނެއެވެ.
އޭއޯ 5 ވަނަ މަދަޙަ މުބާރާތް ވޭތުވެދިޔަ އަހަރު ގާތްގަނޑަކަށް 200 ބައިވެރިންނާއެކު ކުރިއަށް ގެންގޮސްފައިވާއިރު އެ މުބާރާތުން 1 ވަނަ ހޯދާފައިވަނީ 14 އަހަރުން ދަށުގެ ގުރޫޕުން މުބާރާތުގައި ބައިވެރިވި ހ.ފަހަލަ، އާމިނަތު އައިނީ އަޙްމަދު އެވެ. 2 ވަނަ ހޯދާފައިވަނީ 14 އަހަރުގެ އުމުރުފުރައިން ބައިވެރިވި ފ.ފީއަލި ނަދީލާ މަންޒިލް އައިޝަތު ޔާނާ އަޙްމަދެވެ. 3 ވަނަ ހޯދާފައިވަނީ 12 އަހަރުން ދަށުގެ އުމުރު ފުރައިން ބައިވެރިވި ހދ. ކުޅުދުއްފުށީ، ރޯޅި، މުޙައްމަދު ރައުޝް ބިން ސިރާޖެވެ. އޭއޯ 5 ވަނަ މަދަޙަ މުބާރާތުގެ މެއިން ސްޕޮންސަރަކީ ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން އެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކުން ގޫގުލް ފޯމަށް ވަދެވޭނެއެވެ. މި ފޯމު އޭއޯ ނިއުސް އަދި އޭއޯ ޗެނަލް ފޭސްބުކް ޕޭޖުން ވެސް ފެންނަން ހުންނާނެއެވެ. އަދި މުބާރާތުގެ ގަވައިދު އެ ފޯމުން ލިބެން ހުންނާނެއެވެ.
Application Form – AO madhaha mubaaraai (google.com)
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މާރޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.