English Edition
Dhivehi Edition

އޭއޯ ނިއުސް އިން އިންތިޒާމު ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ރައުކް އޭއޯ މަދަޙަ މުބާރާތް 1443” ގެ ޑިޖިޓަލް ޕާޓްނަރ އެއްގެ ގޮތުގައި އުރީދޫ މޯލްޑިިވްސް ހަމަޖައްސައިފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިން ކޮށް ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުދިން ވަނީ ބައިވެރިވެފައެވެ.

އޭއޯ އިން ކޮންމެ އަހަރެއްގެ ރަަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ މިއީ 6 ވަނަ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ހެޕީމާކެޓެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އާއި ސޮގްނޯ މޯލްޑިވްސް ގެ އިތުރުން ފުރުޓީ މެލޯ ކޭކްސް އާއި މަލްޓި ސުޕަރމާޓުން ވަނީ މުބާރާތަށް އެހީތެރިކަން ފޯރުކޮށް ދެއްވަވާފައެވެ.

ހެޕީމާކެޓުން މި މުބާރާތުގައި ޓައިޓަލްގައި ބޭނުން ކުރާނީ އެ ކުންފުނީގެ މަޝްހޫރު ބްރޭންޑެއް ކަމުގައި ވާ “ރައުކް” ބްރޭންޑެވެ.

އޭއޯ އިން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ދީނީ ރޫހު އާލާ ކުރުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ހަމަ ކޮންމެ ކުއްޖަކަށް އެ ކުއްޖެއްގެ ހުނަރު ކުރިއެރުވުމަށް ފުރުސަތު ހޯދައި ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މީގެ އިތުރުން އޮންލައިން ޕްލެޓްފޯމެއްގައި، އެކުއްޖެއްގެ އަމިއްލަ ރަށުގައި ހުރެގެން މިފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވެ ވާދަކުރުމުގެ ފުރުސަތު ހޯދައިދެވުމަކީ ވެސް މުބާރާތުގެ އެއް މަގުޞަދެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް މުބާރާތުގައި ބައިވެރިވި ކަމުގެ އީ ސެޓްފިކެޓެއް ދޭ ގޮތަށް ހަމަޖެހިފައިވާއިރު މުޅި މުބާރާތުން 1ވަނަ، 2 ވަނަ، 3 ވަނަ އާއި ކޮންމެ ޢުމުރުފުރައަކުން 1ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ އޮންލައިން ކޮށް ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ވުމާއެކު މުބާރާތުގެ ހުރިހާ ވީޑިއޯ ތައް އޭއޯ ޔޫޓިއުބް ޗެނަލް، އޭއޯ ޗެނަލް ފޭސްބުކް، ޓުވިޓަރ އަދި އޭއޯ ޓިކްޓޮކްގައި ޝެއަރ ކުރުމާއި މުބާރާތާއި ގުޅުން ހުރި ހުރިހާ އިޝްތިހާރު (ވީޑިއޯ ކްލިޕް/ ޕޯސްޓަރ) ތައް އޭއޯގެ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ޝެއަރ ކުރެވޭނެއެވެ. މީގެ ތެރެއިން މުބާރާތުގެ ސްޕޮންސަރުން އިޝްތިހާރު ކުރުމަށް މަސައްކަތް ކުރެވޭނެއެވެ.

“ރައުކް އޭއޯ މަދަޙަ މުބާރާތް1443” ފެށުމަށް ހަމަޖެހިފައިވަނީ މި ރަމަޟާން މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.