English Edition
Dhivehi Edition

ފުވައްމުލައްސިޓީގައި ހަލުވި ކަމާއިއެކު ކޮވިޑު19 ފެތުރެމުންދާތީ، އެ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، މާދަމާ(22 މެއި 2021) ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ފިހާރަތަކާއި، ގާޑިޔާފަދަ ތަންތަންތަން ބަންދުކޮށްގެން ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދިނުމަށް ކައުންސިލުން އަންގައިފިއެވެ. މި އެންގުން އަންގާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނާއި، އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ގާނޫނުން ސިޓީކައުންސިލަށް ލިބިދޭ ބާރުތަކަށް ރިޢާޔަތްކޮށް މިއަދު އެކައުންސިލުން އާންމުކުރި އިޢުލާނެއްގައެވެ.

މި އިޢުލާނުގައި ފިހާރަތަކާއި، ގާޑިޔާތައް ބަންދުކޮށްގެން ޚިދުމަތް ދިނުމަށް އަންގާފައިވަނީ، 22 މެއި 2021 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 26 މެއި 2021 ވާ ބުދަ ދުވަހުގެ ނިޔަލަށްކަމަށެވެ. އަދިހަމަ މި މުއްދަތުގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތްވެސް ދެވޭނީ ހަވީރު 6:00 އާއި ހަމަޔަށް ކަމަށްވެސް އެއިޢުލާނުގައި ވެއެވެ. ޑެލިވަރީގެ ޚިދުމަތް ދިނުމަށް އެދޭ ފިހާރަތަކާއި، ގާޑިޔާތަކުން ކައުންސިލުގެ ހޮޓުލައިން ނަމްބަރު 7487900 އަށް ގުޅައިގެން ނަން ނޯޓުކުރުމަށް ކައުންސިލުން އެދިފައިވެއެވެ. މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެކަމަށްވެސް މި އިޢުލާނުގައި ވެއެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑުގެ ކޭސްތައް ގިނަވެ، ކޮންޓުރޯލުން ނެއްޓެމުންދާތީ އިއްޔެ ހަވީރު ކައުންސިލުން ބޭއްވި ޕްރެސްއެއްގައި ކައުންސިލާއި،ހޮސްޕިޓަލުން ވަނީ އިންތިހާ ދަރަޖައަށްމިކަމުގެ ކަންބޮޑުވުންއޮތްކަން ފާޅުކޮށްފައެވެ.

މިއާލަމީ ވަބާއިން ސަލާމަތްވުމަށް ބޭނުންވަނީ އެންމެންގެ އެއްބާރުލުމެވެ. ކަމާއިބެހޭ އިދާރާތަކާއި މުއައްސަސާތަކުން ކެނޑިނޭޅި ކުރަމުންދާ އިލްތިމާސްތަކަށް ބޯލެނބުމެވެ. މާސްކުއެޅުމާއި، ގިނަގިނައިން އަތްދޮތުމާއި، އަތް ސެނިޓައިޒުކުރުމަކީ ބަލި ފެތުރުން ދުރުކޮށްދޭ ކަން ކަމުގައިވާއިރު ގިނަ މީހުން އެއްވެ އުޅުމާއި، އެއްގެއިން އަނެއް ގެއަށް ދިއުން މި ވަގުތަކަށް މަދުކޮށްލައި މިވަބާއިން އަރައި ގަތުމަށް ހުރިހާ އެންމެން މަސައްކަތް ކުރުމަކީ މިވަގުތަށް އެންމެ އިސްކަން ދޭންވީ ކަންތައްތަކެވެ.