English Edition
Dhivehi Edition

ސައިންސްވެރިން ބުނާ ގޮތުގައި ހެނދުނު ހޭލައިގެން ފެންވެރުމަށްވުރެ ރަނގަޅީ ރޭގަނޑު ނިދުމުގެ ކުރިން ފެންވެރުމެވެ. އޭގެ ސަބަބުން ހަށިގަނޑަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބެއެވެ. އޭގެ ތެރޭގައި އަރާމްކޮށް ހަމަ ނިދި ލިބުމާއި، ޖެހިގެން އޮންނަ ދުވަހު ތާޒާކަން މަތީގައި ހުރުން ހިމެނެއެވެ.

ރޭގަނޑު 7 ނުވަތަ 9 ގަޑި އިރު އަރާމުކޮށްލާއިރު އޭގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ނިދުމުގެ ކުރިން ފެންވަރާ ތާޒާވެލުން މުހިއްމެވެ. ސިއްޙީ މާހިރުން ދެކޭ ގޮތުގައި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކުދި ކުދި ރަނގަޅު އާދަތައް ދަމަހައްޓަން ޖެހެއެވެ. އެގޮތުން ނިދުމުގެ ކުރިން ފެންވެރުމާއި، ދަތް އުގުޅުމާއި، ކަސްރަތު ކުރުމަކީ ކުދި އެހެންނަމަވެސް އެތައްގުނަ ފައިދާ ލިބިގެންދާ ކަންކަމެވެ. ހަށިގަނޑު މިފަދަ ކަންކަމަށް ހޭނުމުގެ ސަބަބުން ސާފުތާހިރު ވުމުގެ އިތުރުން ސައިކޮލޮޖިކަލީވެސް ވަރަށް ގިނަ ފައިދާ ކުރެއެވެ.

ހަމުގެ ސްޕެޝިލިސްޓެއް ކަމަށްވާ ޑ.ޑޭވިޑް ލޮރޓްސްޗަ ބުނެފައިވާ ގޮތުގައި ބޮލުގައި ހުންނަ ތެލާއި، ގައިގައި ހުންނަ އޮތް ދަލާއި އެކު ނިދާ އެނދަށް އެރުމަކީ އެތައް ގިނަގުނަ ބަލިތަކަށް މަގުފަހިވެގެން ދާކަމެކަމެކެވެ. މިގޮތަށް ނިދުމުގެ ސަބަބުން ގައިގެ ހަންގަނޑުގައި ރަތް ބިހި ނަގައި ހަންގަޑަށް ތަފާތު ބަލިތަކެއް ޖެހޭކަމަށް ވެއެވެ. މީގެ އިތުރުން އެލާޖިކް ތަކަށް ވެސް ހަށިގަނޑު ހުޅުވިގެން ދާކަމަށް ވެއެވެ. އެގޮތުން ބޭރުގައި އުޅުމަށްފަހު ލައިގެން އުޅޭ ހެދުމާއި އެކު ނިދަން އޮށޯތުމުން ހެދުމުގައި ހުންނަ ބެކްޓީރިއާތައް ހަށިގަނޑާއި، އެނދުގެ ބެޑުޝީޓްތަކަށް ވާސިލްވެގެން ދެއެވެ. މީގެ ސަބަބުން ދުޅަހެޔޮ ސިއްޙަތަށް ކުރާ މަސައްކަތަށް އިތުރު ބުރައެއް އާދެއެވެ.

ސައިންގެ ހޯދުންތަކަށް ބަލާއިރު ހޫނުގެ ސަބަބުން ހަށިގަނޑުގެ ވަރުބަލިކަމާއި، ހާސްކަން ފިލުވައިދެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑު އިތުރަށް ތާޒާކޮށް އަރާމް ލިއްބައިދެއެވެ. އެހެންކަމުން ދުވަސް ނިއްމާލަމުން ހަށިގަނޑަށް އަރާމް ހޯދައި ދިނުމަށް ރޭގަނޑު ނިދުމުގެ ކުރިން ހޫނު ފެނުން ފެންވަރާލުން ވަރަށް މުހިއްމެވެ.

ހަށިގަނޑުގައި އުފެދޭ ‘ހޯމޯންސް’ ތައް ވެސް އަވަސްއަވަހަށް އުފެދެނީ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ގުޅިގެންނެވެ. އަދި ހޯމޯންސްތައް އެންމެ ހަރަކާތްތެރިވަނީ ރޭގަނޑު ގަޑީގައެވެ. އެހެންކަމުން ރޭގަނޑު ހަށިގަނޑަށް އަރާމް ދިނުމާއި، ހަންގަނޑުގައި ހުންނަ ބޭކާރު ނަޖިސްތައް ފިލުވާލައި ހޯމޯންސްތަކުގެ މަސައްކަތަށް އިތުރު ހިތްވަރެއް ދިނުމަށްޓަކައި ފެންވެރުން މުހިއްމެވެ. ނިއުޔޯކްގެ ހަމުގެ ޑޮކްޓަރެއް ކަމަށްވާ ޑ.ބޮބީ ބުކާ ވެސް ބުނާ ގޮތުގައި ރޭގަނޑު ފެންވެރުމުން ހޯމޯންސްތަކަށް އޭގެ ވަޒީފާ އަދާކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދެއެވެ.

ބޮލަކީ ވަރަށް ގިނަ ބެކްޓީރިއާ ތައް އުޅޭތަނެކެވެ. އެހެންކަމުން ގިނަ ދުވަސްތަކެއް ވަންދެން ބޯ ނުދޮވެ ނިދާ ނަމަ އެބެކްޓީރިއާތަކުގެ ސަބަބުން މޫނާއި ހަށިގަނޑުގެ އެހެން ބައިތަކަށް ހަމުގެ ބަލިތައް ޖެހުން ވަރަށް ގާތެވެ.

ނިދުމަކީ އިންސާގެ ހަށިގަނޑަށް އެންމެ ބޭނުންތެރި އެއްކަމެވެ. އެހެންކަމުން ނިދާއިރު ވީހާވެސް ބޮޑަށް ހަށިގަނޑަށް އަރާމް ލިބޭގޮތަކަށް ނިދުމަކީ ބޭނުންތެރިކަމެކެވެ. އަރާމް ނިދި ބޭނުންނަމަ ނިދުމުގެ ކުރިން ފެންވެރުން ވަރަށް މުހިއްމެވެ. އެމީހެއްގެ ހަށިގަނޑު ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ވެސް މެވެ. އަދި ތިމާ އާއި އެކުގައި އުޅޭ އެހެން މީހުންގެ ޙައްޤުގައި ވެސް މެވެ.