އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ އަބަދަށްފެހި ފޯވާޑް ޒްލަޓާން އިބްރާހިމޮވިޗަށް އަނިޔާގެ ސަބަބުން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
މިހާރު އުމުރުން 39 އަހަރުގެ އިބްރާހިމޮވިޗްގެ ކަކުލަށް އަނިޔާވީ އިޓާލިއަން ސެރިއޭގައި މި މަހުގެ ނުވަވަނަ ދުވަހު ޔުވެންޓަސް އަތުން 3-0 އިން އޭސީ މިލާން މޮޅުވި މެޗުގައެވެ.
ކުރިން ބެލެވިފައި އޮތީ އިބްރާހިމޮވިޗަށް ލިބިފައިމިވާ އަނިޔާއިން ރަނގަޅުވެ ޔޫރޯގައި ސްވިޑެން ގައުމީ ޓީމާއެކު ބައިވެރިވެވޭނެ ކަމަށެވެ. އެކަމަކު އިބްރާހިމޮވިޗް މިއަދު ވަނީ އޭނާ އަށް އެ މުބާރާތުގައި ނުކުޅެވޭނެކަން ސްވިޑެންގެ ކޯޗު ޔޭން އެންޑަސަން އަށް އަންގާފައެވެ.
ވޭތުވެދިޔަ 5 އަހަރު ގައުމީ ޓީމާ ދުރުގައި ހުރުމަށްފަހު މިދިޔަ މާރިޗް މަހުގައި އަލުން ސްވިޑެން އަށް ކުޅެދިން މެޗުގައި ޖޯޖިއާ އަތުން އެ ޓީމު މޮޅުވިއިރު އިބްރާހިމޮވިޗް ވަނީ ލަނޑެއްޖެހުމަށް އެހީތެރިވެދީފައެވެ. ސްވިޑެންގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ އިބްރާހިމޮވިޗް ވަނީ އެ ޓީމަށް ކުޅެދިން 118 މެޗުގައި 62 ގޯލް ޖަހާފައެވެ.
މި ފަހަރުގެ ސީޒަނުގައި މިލާނަށް ކުޅެދިން 27 މެޗުގައި އިބްރާހިމޮވިޗް ވައްދާލި 17 ލަނޑާއެކު އެ ޓީމުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލާފައިވާއިރު އޭނާ ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އެ ކްލަބުގައި ތަފާތު މޮޅު ކުޅުމެއްދައްކާފައެވެ.
އަންނަ ޖޫން މަހުގެ 11 އިން ޖުލައި މަހުގެ 12 ގެ ނިޔަލަށް ޔޫރަޕްގެ އެކި ގައުމުތަކުގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޑެން ހިމެނިފައިވަނީ ސްޕެއިނާއި ޕޮލެންޑް އަދި ސްލޮވޭކިއާ އާއެކު ގްރޫޕް އީގައެވެ.