ގއ. ގެމަނަފުށިން އިތުރު މީހަކު ވޮވިޑް-19 އަށް ފޮޒިޓިވްވެ އެރަށުގައި އެކްޓިވް ކޭސްތަކުގެ އަދަދު 11 އަށް އަރައިފިއެވެ.
އެރަށުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކެއް ފެނުމާއި ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގައި މިމަހުގެ 14 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބި ހުރި ބައެއް ސާމްޕަލްތަކުގެ ނަތީޖާ މިއަދު ލިބިފައިވާއިރު، އޭގެތެރެއިން އެކަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
މިއީ ކުރިން ޕޮޒިޓިވްވި ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެއް ކަމަށް ގެމަނަފުށީ ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ. މިއާއިއެކު މިހާރު ގެމަނަފުށީގައި އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 11 އަށް އަރާފައެވެ. ޕޮޒިޓިވްވި ފަރާތްތަކުގެ ތެރެއިން 2 ފަރާތެއް އިތުރު ފަރުވާއަށް ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ގެމަނަފުށީ ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ.
މިއަދު ނެގުމަށް ހަމަޖެހިފައިވާ 50 ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި، ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި 10 ސާމްޕަލް ޓެސްޓު ކުރުމަށް މިހާރު ފޮނުވާފައި ވާކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. ޕޮޒިޓިވްވި ހުރިހާ ފަރާތެއްގެ ކޮންޓެކްޓް ޓްރޭސިންގ މިހާރު ވަނީ ހަދައި ނިމިފައެވެ. ރައްޔިތުންގެ ހިދުމަތުގައި ޓާސްކްފޯސް ވަރަށް ހީވާގި ކަމާއިއެކު މަސައްކަތް ކުރަމުންދާކަން ގެމަނަފުށީ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.